MTCC

އދގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ހައްގު: ނައިބު ރައީސް

img_md_202609251153471790362427.9497

އދގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ހައްގު: ނައިބު ރައީސް

SHARE

އދ. ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ލިބެންޖެހޭ ކަމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި އިންސާފާއި ހަމަހަމަކަން ޤާއިމުކުރަންޖެހޭ ކަމަށް ރާއްޖޭގެ ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ ޕްލެޓްފޯމެއްގައި ތަޤުރީރު ކުރައްވަމުން ނައިބު ރައީސް ވަނީ، ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ޤައުމީ އުފެއްދުންތެރިކަން އިތުރުކުރުމާއި، އިޤްތިސާދު އެކި ދާއިރާތަކަށް ފުޅާކޮށް ސިންދަފާތުކުރުމާއި، މޫސުމީ ބަދަލުތަކަށް ތައްޔާރުވެފައިވާ ވިލުންތެރި އުމްރާނީ ވަސީލަތްތައް ބިނާކުރުމުގެ އިތުރުން އިޔާދަކުރަނިވި ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް ޚާއްސަ އިސްކަމެއް ދެއްވާކަމަށް ވިދާޅުވިއެވެ.

ސަރަހައްދީ ހަމަޖެހުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، އިންޑިއާ ކަނޑަކީ ވިޔަފާރީގެ މުއާމަލާތްތައް އަމާންކަމާއެކު ކުރިއަށްދާ އަދި ހުރިހާ ޤައުމުތަކަށް ފާގަތިކަން ގެނެސްދޭ ސުލްޙަވެރި ސަރަޙައްދަކަށް ވާންޖެހޭނެ ކަމަށެވެ. އަދި ބޮޑެތި ބާރުތަކުގެ މެދުގައި އޮންނަ ވާދަވެރިކަމުގެ ސަބަބުން ކުދި ޤައުމުތަކުގެ މިނިވަންކަމާއި އިޚްތިޔާރުތަކަށް ހުރަސްއެޅިގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، ބައިނަލްއަޤްވާމީ ވިޔަފާރީގެ މުހިންމު މަގެއް ކަމަށްވާ ހުރްމޫޒް ކަނޑުއޮޅިން ކުރާ ދަތުރުފަތުރަށް ހުރަސްއެޅުމަކީ ތެލުގެ އަގު އުފުލި، އޭގެ ނޭދެވޭ އަސަރު ދުނިޔޭގެ ކާބޯތަކެތީގެ އަގުތަކަށާއި ވައިގެ ދަތުރުފަތުރަށް ކުރާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށާއި ދައުލަތުގެ މާލިއްޔަތަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭތީ، އެ ކަނޑުއޮޅި ބަންދުކުރުމުގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، އެއީ ރައްކާތެރި އަދި ހުޅުވިފައިވާ މަގަކަށް ހެދުމަށް ގޮވާލެއްވިއެވެ.

މެދުއިރުމަތީގެ ހާލަތަށް އިޝާރާތްކުރައްވަމުން ނައިބު ރައީސް ވިދާޅުވީ، ސައުދީ އަރަބިއްޔާ، ޔޫއޭއީ، ބަޙްރައިން، ޤަޠަރު، ކުވައިތު، އޮމާން އަދި އުރުދުންއަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ދިވެހިރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ސަރަހައްދީ މަސްރަހު ފިނިކޮށް، ސުލްޙަވެރި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އޮމާން، ޕާކިސްތާން އަދި ޤަޠަރުން ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތަކަށް ރާއްޖެއިން މަރުޙަބާ ކިޔާ ކަމަށްވެސް ވިދާޅުވިއެވެ.

ޒަމާނީ ޓެކްނޮލޮޖީއާ ބެހޭގޮތުން ވާހަކަދައްކަވަމުން އެމަނިކުފާނު ފާހަގަކުރެއްވީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) މެދުވެރިކޮށް، އާބާދީ ކުޑަވުމާއި ވަސީލަތްތަކުގެ ދަތިކަމުން އަރައިގަނެ، ސިއްހީ އަދި ތައުލީމީ ދާއިރާތައް އިތުރަށް ތަރައްޤީ ކުރެވިދާނެ ކަމަށެވެ. އަދި އޭއައި ބޭނުންކުރުމުގެ ބައިނަލްއަޤްވާމީ މިންގަނޑުތައް އެކުލަވާލުމުގައި ހުރިހާ ޤައުމެއްގެ ބައިވެރިވުން މުހިންމު ކަމަށް ވިދާޅުވިއެވެ.

އދ. އިސްލާޙުކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވަމުން، އދ. ގެ ސަލާމަތީ މަޖިލީހުގެ ޖާގަތައް އިތުރުކޮށް، ކުދި ޖަޒީރާ ޤައުމުތަކާއި އެފްރިކާ ބައްރަށް ހައްޤުވާ މަންދޫބުކަން ދިނުމަށާއި، ވީޓޯ ކުރުމުގެ ބާރު އުވާލުމަށް ނައިބު ރައީސް ގޮވާލެއްވިއެވެ.

މީގެއިތުރުން، އދ. ގެ 80 އަހަރުގެ ތާރީޚުގައި އަދި މިހާތަނަށް އަންހެން ސެކްރެޓަރީ ޖެނެރަލަކު ހުންނަވާފައި ނުވާތީ، ކުރިއަށް އޮތް ދައުރަކަށް އަންހެން ބޭފުޅަކު އިންތިޚާބު ކުރުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ނައިބު ރައީސް ވަނީ، 2027 އިން 2029 އަށް ރާއްޖެއިން އދ. ގެ އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލް (އީކޯސޮކް) ގެ މެންބަރުކަން އަދާކުރާނެކަން ހާމަކުރެއްވިއެވެ. އަދި 2028 އިން 2030 އަށް ހިއުމަން ރައިޓްސް ކައުންސިލަށް ކުރިމަތިލުމަށް ތައްޔާރުވަމުންދާ ކަމަށާއި، 2033 އިން 2034 ގެ ދައުރަށް އދ. ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަކަށް ރާއްޖެއިން ވާދަކުރާއިރު މެންބަރު ޤައުމުތަކުގެ ފުރިހަމަ ތާއީދަށް ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.