MTCC

ޤުރުއާނުގެ ދާއިރާއިން ރާއްޖެ ދެކެމުންދަނީ ހެޔޮ ދުވަސްތަކެއް: ޝަހީމް

HRNX-e3agAAWYF5-1788373401833

ޤުރުއާނުގެ ދާއިރާއިން ރާއްޖެ ދެކެމުންދަނީ ހެޔޮ ދުވަސްތަކެއް: ޝަހީމް

SHARE

ކީރިތި ޤުރުއާނުގެ ދާއިރާއިން ދިވެހިރާއްޖެ މިއަދު ދެކެމުން މިދަނީ ވަރަށް އުފާވެރި އަދި ހެޔޮ ދުވަސްތަކެއް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ނިންމުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަހީމް ފާހަގަކުރެއްވި ގޮތުގައި، ކީރިތި ޤުރުއާނުގެ އިލްމު މުޅި ރާއްޖޭގައި ފެތުރުމަށްޓަކައި ސަރުކާރުން މިހާރުވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި، އެ ދާއިރާއިން ރާއްޖެ މިހާރުވެސް ދެކެމުންދަނީ ހެޔޮ ދުވަސްތަކެއް ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި އެ ދާއިރާއިން ލިބެމުންދާ ކުރިއެރުންތައް ދެމެހެއްޓުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.

މީގެއިތުރުން، މި ފަހަރުގެ މުބާރާތަކީ އޭގެ ތާރީޚުގައިވެސް އެންމެ ބޮޑު އިސްލާޙީ ބަދަލުތަކަކާއެކު ބޭއްވުނު މުބާރާތްކަން ޝަހީމް ފާހަގަކުރެއްވިއެވެ. އެގޮތުން، ބައިވެރިވާން އެދޭ ކޮންމެ ފަރާތަކަށްވެސް ފުރުސަތު ހުޅުވާލައިގެން މުބާރާތް ކުރިއަށް ގެންދިއުމަކީ ގެނެވުނު އެންމެ މުހިންމު އެއް ބަދަލުކަމަށް ވިދާޅުވެ، މުބާރާތް ކާމިޔާބުކަމާއެކު ނިންމާލުމަށް އެހީތެރިވި ހުރިހާ ފަރާތްތަކަށް ވަޒީރު ޝުކުރު އަދާކުރެއްވިއެވެ.

މި ފަހަރުގެ މުބާރާތުގެ އެކި ގޮފިތަކުން ފަޚުރުވެރި އެއްވަނަ ހޯދި ބައިވެރިންނަކީ:

  • ހާފިޒުންގެ ގޮފިން މުޅި މުބާރާތުން 1 ވަނަ: އިސްމާއީލް އިޒުއާން އިބްރާހީމް
  • ނުބަލައި ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން 1 ވަނަ: ޢާއިޝަތު ޒީކް ރިޔާޟް
  • ބަލައިގެން ކިޔެވުމުގެ ގޮފިން މުޅި މުބާރާތުން 1 ވަނަ: އާޔަން އަހުމަދު އިނާން އެވެ.

މި މުބާރާތުގެ ވަނަތަކަށް ހޮވުނު ދަރިވަރުންނަށް ވަނީ އަގުހުރި ބޮޑެތި އިނާމުތަކެއް ދީފައެވެ. މިގޮތުން، ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގެ ފިލަޔާއި، އެމަނިކުފާނު ދެއްވާ 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމުގެ އިތުރުން، ބޭނުން ދާއިރާއަކުން އަދި ބޭނުން ޤައުމަކުން ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ ސްކޮލަރޝިޕް ހިމެނެއެވެ.

މީގެއިތުރުން އިސްލާމިކް މިނިސްޓްރީއިން، ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި، ޒަކާތު ހައުސް އަދި އިސްލާމިކް ޑިވެލޮޕްމަންޓް ފަންޑު ގުޅިގެން ދިން 75،000 ރުފިޔާގެ ފައިސާގެ އިނާމާއި، މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ހުށަހެޅި އުމްރާ ދަތުރުވެސް ވަނަތަކަށް ދިޔަ ފަރާތްތަކަށް ލިބިގެންދިޔައެވެ.

މި ރަސްމިއްޔާތުގައި މުބާރާތުގެ ފަޚުރުވެރި ވަނަތައް ހާސިލްކުރި ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ.