MTCC

ރަސްމާލޭގެ ބިން އެއްވެސް ފަރާތަކަށް މިލްކެއް ނުކުރެވޭނެ، ބިން ދިނީ ކުއްޔަށް: ރައީސް

468042-38b84de6-1-876x584

ރަސްމާލޭގެ ބިން އެއްވެސް ފަރާތަކަށް މިލްކެއް ނުކުރެވޭނެ، ބިން ދިނީ ކުއްޔަށް: ރައީސް

SHARE

ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ބިން ދޫކުރަނީ ހަމައެކަނި ކުއްޔަށް (ލީސް އުސޫލުން) ކަމަށާއި، ރާއްޖޭގެ އެއްވެސް ބިމެއް ބޭރުގެ އެއްވެސް ފަރާތަކަށް މިލްކުކޮށްދިނުމުގެ ފުރުޞަތެއް ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަސްމާލޭގައި ކުރިއަށްގެންދާ ބިޔަ މަޝްރޫޢުއާ ގުޅުވައިގެން ބައެއް ފަރާތްތަކުން ދައްކަމުންދަނީ ހަގީގަތާ ޚިލާފު، ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށެވެ. އެގޮތުން ބިން މިލްކުކޮށްދޭ ކަމަށް ބުނެ ފަތުރަމުންދަނީ ސިޔާސީ ބޭނުމަށްޓަކައި ރައްޔިތުންނަށް އޮޅުވާލުމަށް ދައްކާ ވާހަކަތަކެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން އެފަދަ ކަންކަން މަނާކުރާ ކަމަށާއި، ޤާނޫނުގެ އިމުން ބޭރުން އެއްވެސް އިންވެސްޓްމަންޓެއް މި ސަރުކާރުން ކުރިއަށް ނުގެންދާނެ ކަމަށެވެ.

"މިތަނުގެ ބިން ހަމައެކަނި ކުއްޔަށް މިދެނީ، ލީސްކޮށް. މިލްކެއްވެސް ނުކުރެވޭނެ." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ދުބާއީގެ މަޝްހޫރު އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމަކީ ރާއްޖޭގައި އިންވެސްޓްމަންޓްތަކަށް ކަނޑައެޅިފައިވާ ޢާންމު އުސޫލުތަކުގެ މައްޗަށް އެކުލަވާލާފައިވާ އެއްބަސްވުމެކެވެ. މި މަޝްރޫއަށް ދައުލަތުން އެއްވެސް ސޮވްރިން ގެރެންޓީއެއް ދީފައި ނުވާނެ ކަމަށާއި، އެއްވެސް ލޯނެއް ނަގާފައި ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އޭގެ އިތުރުން ޚާއްސަ ޓެކްސް ކޮންސެޝަނެއް ނުވަތަ އިމްޕޯޓް ޑިއުޓީ އެގްޒެމްޕްޝަނެއް ފަދަ އިމްތިޔާޒުތަކެއްވެސް ދީފައި ނުވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

ހުރިހާ ކަމެއްވެސް ކުރިއަށްދަނީ ރާއްޖޭގައި މިހާރުވެސް އަމަލުކުރަމުންދާ އާންމު އުސޫލުތަކާއި ގަވާއިދުތަކުގެ ތެރެއިން ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

" އަޅުގަނޑަށް މުހިންމީ ގައުމާއި ރައްޔިތުން. ރައްޔިތުން އަޅުގަނޑު އިސްކުރަނީ އެހެންވީމަ މިތަނުގައި ބިން އެއްވެސް ފަރާތަކަށް މިލްކުވާކަށް އަޅުގަނޑު ހަމަގައިމުވެސް ފުރުސަތެއް ނުދޭނަން. މިލްކުނުވެ މިތަނަށް ގެނެވޭނެ އެންމެ ގިނަ އިންވެސްޓުމެންޓު ގެންނަން ބޭނުންވަނީ." ރައީސް ވިދާޅުވިއެވެ.

ސިޔާސީ ވާދަވެރިކަމުގައި ޤައުމަށް ފައިދާހުރި ކަންކަމަށް ހުރަސްއެޅުމުގެ ވިސްނުން ގެންގުޅޭތީ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކޮންމެ ސަރުކާރަކުން ވެރިކަން ކުރިނަމަވެސް ޤައުމަށް ލާބައާއި މަންފާ ލިބޭ ކަންކަމަށް ތާއީދުކުރުމުގެ ޤައުމީ ވިސްނުން އިސްކުރަންޖެހޭ ކަމަށެވެ. ބައެއް ފަރާތްތަކުން ތިމާއަކީ ދިވެހި ރައްޔިތެއްކަން ހަނދާންނައްތާލައި، ސިޔާސީ މަންފާ އިސްކުރުމަކީ ޤައުމަށް ގެއްލުން ލިބިގެންދާނެ ކަމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރަސްމާލޭގައި ތަރައްޤީކުރާ "އީގަލް ހިލްސް ވޯޓަރފްރަންޓް އަދި މެރީނާ" މަޝްރޫޢަކީ ގާތްގަނޑަކަށް 20 ބިލިއަން ޑޮލަރުގެ އަގުހުރި، ރާއްޖޭގެ ތާރީޚުގައިވެސް މިހާތަނަށް ހިންގޭ އެންމެ ބޮޑު ބޭރުގެ އިންވެސްޓްމަންޓެވެ. މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އުފެއްދުންތެރިކަން (ޖީޑީޕީ) ވަރަށް ބޮޑަށް އުފުލިގެންދާނެ ކަމަށާއި، ޢުމްރާނީ، އިޤްތިޞާދީ އަދި އިޖުތިމާޢީ ގޮތުން ރައްޔިތުންނަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރަސްމާލެ ތަރައްޤީ ކުރުމަށް ސަރުކާރުން އެކަށައަޅާފައިވާ މައިގަނޑު ތަސައްވުރަށް އެއްވެސް ބަދަލެއް ނާންނަކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދިމާވާ ކޮންމެ ގޮންޖެހުމަކާއި ހުރަހަކާއެކުވެސް ރައްޔިތުންގެ އުއްމީދުތައް ހަޤީޤަތަކަށް ހަދައިދިނުމަށްޓަކައި މި މަޝްރޫއު ކާމިޔާބުކަމާއެކު ނިންމުމަށް ސަރުކާރުން ފަސްނުޖެހި ކުރިއަށްދާނެ ކަމަށެވެ