ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކުރެވިފައިވާ އެއްބަސްވުންތަކުގެ ހެޔޮ ނަތީޖާ ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތުން ސީދާ ފެންނަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ޗައިނާގެ 77 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، ދެ ޤައުމުގެ ދެމެދުގައި ވެވިފައިވާ އެއްބަސްވުންތަކަކީ ހަމައެކަނި ކަރުދާހުގައި ލިޔެވިފައިވާ އެއްޗެއް ނޫން ކަމަށާއި، މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ އިޤްތިސާދީ ގުޅުން އިތުރަށް ބަދަހިވެ، އައު ފުރުސަތުތައް ފަހިވަމުން އަންނަ ކަމަށެވެ. އަދި ދެ ޤައުމު ދުރުގައި އޮތް ނަމަވެސް، ދެމެދުގައި އޮތީ އިސްތިޤުލާލާއި އިޙްތިރާމުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއްކަން ބަޔާންކުރައްވައި، ރާއްޖެއިން އަބަދުވެސް 'ވަން ޗައިނާ' ސިޔާސަތުގައި ސާބިތުވެ އޮންނާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެއިތުރުން، ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށްފަހު އުމްރާނީ ތަރައްޤީއާއި، ތަޢުލީމީ އަދި ފަންނީ ރޮނގުން ޗައިނާގެ އެހީތެރިކަން ފުޅާވަމުން އަންނަކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ދެ ޤައުމުގެ އެކުވެރިކަމުގެ އެންމެ ވަރުގަދަ އެއް ނިޝާނަކީ ސިނަމާލެ ބްރިޖު ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ބްރިޖަކީ ހަމައެކަނި ކޮންކްރީޓާއި ދަގަނޑު ނޫން ކަމަށާއި އެއީ ރައްޔިތުންނާއި ދެ ޤައުމު ގުޅުވައިދޭ މުހިންމު ފާލަމެއް ކަމަށެވެ. އަދި ދާދިފަހުން ޢަމަލުކުރަން ފެށި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ (އެފްޓީއޭ) ސަބަބުން ދެ ޤައުމުގެ ވިޔަފާރީގެ ފުރުޞަތުތައް އިތުރަށް ފުޅާވެގެންދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދުނިޔެއަށް ކުރިމަތިވާ މޫސުމީ އަދި ޓެކްނޮލޮޖީގެ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ރާއްޖެ ތަރައްޤީގެ އައު އުސްމިންތަކަކަށް ވާސިލުވުމުގައި ޗައިނާއަކީ އިތުބާރުހުރި ބައިވެރިއެއްކަން ފާހަގަކުރައްވަމުން، ޗައިނާގެ ރައީސް ޝީ ޖިންގްޕިން އަށާއި އެ ޤައުމުގެ ރައްޔިތުންނަށް ޤައުމީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވައި، ވެދެއްވާ އެހީތެރިކަމަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.