MTCC

މާލޭގެ ވައިގެ ސާފުމިން ދެނެގަންނަ 4 ސްޓޭޝަން މިއަހަރު ނިމުމުގެ ކުރިން ގާއިމުކުރަނީ

ފޮޓޯ: އެޓޯލްސް ޓައިމް

މާލޭގެ ވައިގެ ސާފުމިން ދެނެގަންނަ 4 ސްޓޭޝަން މިއަހަރު ނިމުމުގެ ކުރިން ގާއިމުކުރަނީ

SHARE

ވެރިރަށް މާލޭގެ ވައިގެ ތަޣައްޔަރުކަން ދެނެގަތުމަށްޓަކައި އަލަށް ގާއިމުކުރާ ޚާއްސަ ހަތަރު ސްޓޭޝަނުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް އެއްކޮށް ނިންމައި ޚިދުމަތް ދޭން ފެށޭނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވާރަމެންޓް އެންޑް ކްލައިމެޓުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަލީ ޝަރީފް ވިދާޅުވީ، މި ޕްރޮޖެކްޓްގެ ދަށުން މާލޭގައި ބަހައްޓާ ފުރަތަމަ ސްޓޭޝަން މިހާރު ގަލޮޅު އަވަށުގައި ގާއިމުކޮށްފައިވާ ކަމަށެވެ. އަދި ބާކީ ހުރި ތިން ސްޓޭޝަން ވެސް މިއަހަރު ފަސްއެޅުމުގެ ކުރިން ބަހައްޓައި ނިމޭނެ ކަމުގެ ޔަގީންކަން އަލީ ޝަރީފް ދެއްވިއެވެ.

މީގެކުރިން ބޭނުންކުރި ސްޓޭޝަންތަކާ އަޅާބަލާއިރު މިފަހަރުގެ ސްޓޭޝަންތައް ފަރުމާކޮށްފައިވަނީ އާންމުންނަށް ޚާއްސަ ލުއިފަސޭހަތަކަކާ އެކުގައެވެ. އެގޮތުން، ގަލޮޅުގައި މިހާރު ހުރި ސްޓޭޝަނެކޭ އެއްފަދައިން، އަލަށް ހަދާ ހުރިހާ ސްޓޭޝަނެއްގައި ވެސް ވަގުތުން ވައިގެ ކޮލިޓީ ބަލައިލެވޭނެ ޑިސްޕްލޭ ބޯޑުތައް ހަރުކުރެވިފައި ހުންނާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މާލެ ސަރަހައްދުގެ އިތުރުން، އަތޮޅުތަކުގެ ވައިގެ ސާފުމިން ދެނެގަތުމުގެ މަސައްކަތް ވެސް ސަރުކާރުން އަންނަނީ ކުރަމުންނެވެ. މިގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިމެނޭ 7 ސަރަހައްދެއްގައި މިހާރު ވެސް އެއާ ކޮލިޓީ ސެންސަރުތައް ވަނީ ބަހައްޓާފައެވެ. އެ ރަށްތަކަކީ:

  • ހދ. ކުޅުދުއްފުށި
  • ށ. ފުނަދޫ
  • ކ. ވިލިނގިލި
  • ދ. ކުޑަހުވަދޫ
  • ލ. ގަން
  • ފުވައްމުލައް ސިޓީ
  • އައްޑޫ ސިޓީއެވެ.

މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ޖައްވުގެ ސާފުމިން ދެނެގަނެ، ވައި ތަޣައްޔަރުވުމުގެ ސަބަބުން ރައްޔިތުންގެ ސިއްހަތަށާއި ވެއްޓަށް ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެޅެންހުރި ފިޔަވަޅުތައް އެޅުމެވެ. ހަމައެއާއެކު، ވައިގެ ހާލަތާ ބެހޭ ސައްހަ މައުލޫމާތު ވަގުތުން ރައްޔިތުންނާ ހިއްސާކޮށް، ތިމާވެށްޓަށް އާންމުން ހޭލުންތެރިކުރުވުމަކީ ވެސް މި ޕްރޮގްރާމުގެ މުހިންމު ލަނޑުދަނޑިއެއް ކަމަށް ވަޒީރު އަލީ ޝަރީފް ވިދާޅުވިއެވެ.