ދިވެހިރާއްޖެއާއި ބެލަރޫސްއާ ދެމެދު ވިސާ ލުއިފަސޭހަކޮށްދިނުމުގެ މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށް، ދެ ޤައުމުގެ ރައްޔިތުންނަށް ވިސާއާ ނުލައި ދަތުރުކުރެވޭނެ ގޮތް ހަދައިފިއެވެ.
މި އެއްބަސްވުމުގައި ދެ ޤައުމުން ސޮއިކޮށްފައިވަނީ އެމެރިކާގެ ނިއުޔޯކްގައި މިހާރު ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމެވެ. ބެލަރޫސް ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ފޮރިން މިނިސްޓަރު މެކްސިމް ރީޒެންކޯފްއެވެ.
ފޮރިން މިނިސްޓްރީއިން ހާމަކުރެއްވި ގޮތުގައި، މި އެއްބަސްވުމުގެ ދަށުން ދިވެހި ރައްޔިތުންނަށް ދުރާލާ ވިސާ ނެގުމަކާ ނުލައި ބެލަރޫސްއަށް އެތެރެވުމަށްފަހު، އެއްފަހަރާ 30 ދުވަހުގެ މުއްދަތަކަށް އެ ޤައުމުގައި ހުރެވޭނެއެވެ. ހަމައެއާއެކު، ބެލަރޫސްގެ ރައްޔިތުންނަށް ވެސް ރާއްޖެއަށް ވިސާއާ ނުލައި އެތެރެވެ 30 ދުވަހު މަޑުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، އެއް އަހަރު ދުވަހުގެ ތެރޭގައި އެކި ފަހަރު މަތިން ޖުމްލަ 90 ދުވަސް ހަމަނުވާ ގޮތަށް ވިސާއާ ނުލައި ދެ ޤައުމުގައި ދިރިއުޅުމުގެ ލުއިފަސޭހަކަން ވެސް މި އެއްބަސްވުމުން ލިބިގެންދެއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ދެ ބޭފުޅުން ބޭއްވެވި ރަސްމީ ބައްދަލުވުމުގައި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ހަރުދަނާކުރުމަށް ބެލަރޫސްއިން ދޭ އެއްބާރުލުމަށް މިނިސްޓަރ އިރުތިޝާމް ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މި އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ސަރުކާރާއި ރައްޔިތުންގެ މެދުގައި އޮންނަ އިޖުތިމާއީ އަދި ސިޔާސީ ގުޅުންތައް އިތުރަށް ބަދަހިވެ، އައު ފުރުސަތުތަކަކަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް އިރުތިޝާމް ވިދާޅުވިއެވެ.