MTCC

5 މިލިއަން ގަސް އިންދާ މަޝްރޫއުގެ ބޮޑުބައެއް ހާސިލުވެއްޖެ: އަލީ ޝަރީފް

819652393_3336349169900121_6745692915172824301_n

5 މިލިއަން ގަސް އިންދާ މަޝްރޫއުގެ ބޮޑުބައެއް ހާސިލުވެއްޖެ: އަލީ ޝަރީފް

SHARE

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރުގެ ތެރޭގައި މުޅި ރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް އިޢުލާނުކުރެއްވި ބޮޑު މަޝްރޫޢުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މިހާރު ކާމިޔާބުކުރެވިފައިވާ ކަމަށް މިނިސްޓާ އޮފް ކްލައިމެޓް ޗޭންޖް، އެންވާރަމެންޓް އެންޑް އެނާޖީ އަލީ ޝަރީފް ހާމަކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ މި ދައުރުގެ ވަކި ހިސާބަކަށް އާދެވުނުއިރު މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 2.3 މިލިއަނަށްވުރެ ގިނަ ގަސް އިންދިފައިވާ ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާއިރު، 2028 ވަނަ އަހަރު އަންނަންވާއިރަށް ކަނޑައެޅިފައިވާ 5 މިލިއަންގެ އަމާޒު ފަހަނައަޅައި ދެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

" އެހެންވީމާ ގާތްގަޑަކަށް މި ފަސް މިލިއަންގެ ދެބައި ކުޅަ އެއްބައި ހަމައަށް އާދެވުނީ ދައުރި ދެބައި ވީއިރުގައި" އަލީ ޝަރީފް ވިދާޅުވިއެވެ.

މި ޕްރޮގްރާމަކީ ރާއްޖޭގެ ނާޒުކު ތިމާވެށި ޙިމާޔަތްކޮށް، ފެހިކަން އިތުރުކުރުމުގެ މަތިވެރި މަޤްޞަދުގައި ބައިނަލްއަޤްވާމީ "ކޮޕް28″ ސަމިޓުގައި ރައީސް ޑރ. މުއިއްޒު އިޢުލާނުކުރެއްވި މުހިންމު ވަޢުދުފުޅެކެވެ. މިއީ 5 މިލިއަން ގަހުގެ އަމާޒަކަށް ފެށި މަސައްކަތެއް ނަމަވެސް، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ އެކި ފަރާތްތަކުން ދެއްވި އެއްބާރުލުމާއެކު މިހާތަނަށް 6.4 މިލިއަން ގަސް އިންދުމަށް އެކި ފަރާތްތަކުން ވަނީ އިސްނަގައި ވަޢުދުވެފައެވެ.

މި މަޝްރޫޢުގެ ދަށުން އެންމެ ހާއްސަ އިސްކަމެއް ދެނީ ރާއްޖޭގެ މާޙައުލުން ނެތިދިއުމުގެ ބިރު ހީވެފައިވާ 90 ބާވަތެއްގެ ގަސް އަލުން އާލާކޮށް ދިރުވުމަށެވެ. އަދި ރާއްޖެއިން ބޭރުން ގަސް އެތެރެކުރުމުގައި ބައެއް ދަތިތައް ހުރި ނަމަވެސް، އަވައްޓެރި ބައެއް ޤައުމުތަކުންވެސް މި ޕްރޮގްރާމަށް ގަސް ހަދިޔާކުރަމުން އަންނަކަން ސަރުކާރުން ފާހަގަކުރެއެވެ.

މީގެއިތުރުން، ރާއްޖޭގައި ދެމެހެއްޓެނިވި ގޮތެއްގައި ގަސް އާލާކުރުމުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، އެކި ސަރަޙައްދުތަކުގައި 20 ނާސަރީ ޤާއިމުކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން 10 ރަށެއްގެ ޢަމަލީ މަސައްކަތް ފަށާފައިވާއިރު، ރ. އިންނަމާދޫގައި ނާސަރީގެ ބިންގާ އެޅުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.

މި ނާސަރީތަކާއެކު ރަށްރަށުގައި ފަސޭހަކަމާއެކު ގަސް އިންދުމުގެ ޤާބިލުކަން އިތުރުވެގެންދާނެ ކަމަށް ފާހަގަކުރައްވައި، ތިމާވެށި ރައްކާތެރިކުރުމުގެ މި ޤައުމީ މަސައްކަތުގައި ހުރިހާ ރައްޔިތުންވެސް ފުރިހަމައަށް ބައިވެރިވުމަށް ސަރުކާރުން ވަނީ އިލްތިމާސްކުރައްވާފައެވެ.