MTCC

ސަޢުދީއާއެކު އޮތީ ޑިޕްލޮމެޓިކް ގުޅުމަކަށްވުރެ މާ ވަރުގަދަ ގުޅުމެއް: ރައީސް

HS6gZgwb0AAW2qQ

ސަޢުދީއާއެކު އޮތީ ޑިޕްލޮމެޓިކް ގުޅުމަކަށްވުރެ މާ ވަރުގަދަ ގުޅުމެއް: ރައީސް

SHARE

ރާއްޖެއާއި ސައުދީ ޢަރަބިއްޔާއާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުން އައު އަދި އުންމީދީ ބާބަކަށް ފިޔަވަޅު އަޅަމުންދާ ކަމަށާއި، ދެ ޤައުމުގެ ދެމެދުގައި އޮތީ ޑިޕްލޮމެޓިކް ގުޅުމަށްވުރެ މާ ވަރުގަދަ ގުޅުމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސައުދީ ޢަރަބިއްޔާގެ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގައި ހުންނަ ސަޢޫދީ އެމްބަސީން އިންތިޒާމުކޮށްގެން ބޭއްވި ހާއްސަ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެ ޤައުމުގެ ދެމެދުގައި އިޤްތިސާދީ އެއްބާރުލުމާއި އިންވެސްޓްމަންޓްތައް ފުޅާކުރުމަށް އޮތް ޝައުޤުވެރިކަން އިތުރުވަމުން އަންނަ ކަމަށެވެ. އަދި މިހާރު އޮތް އެންމެ މުހިންމު ޒިންމާއަކީ އެ ޝައުޤުވެރިކަން ހަޤީޤަތަކަށް ހަދައި، ވަޒީފާގެ ފުރުސަތުތައް އުފައްދައި، އިޤްތިސާދު ވަރުގަދަކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް" ޗާޓަރުގައި ސޮއިކުރުމަކީ ދެ ޤައުމުގެ އެއްބާރުލުމުގައި ހާސިލުކުރެވުނު މުހިންމު ކާމިޔާބީއެއް ކަމަށެވެ.

"ދިވެހިރާއްޖެއަކީ ޖަޒީރާ ޤައުމަކަށްވެފައި، ރާއްޖޭގެ ތަރައްޤީއާއި ސަލާމަތް ކަނޑުތަކާ ގުޅިފައިވާތީ، ރައްކާތެރި ކަނޑުގެ މަގުތައް ޤާއިމުވެފައި އޮތުމަކީ ރާއްޖެއިން އެންމެ އިސްކަންދޭ އެއް ކަންތައް،" ރައީސް ވިދާޅުވިއެވެ.

އަދި މި މުހިންމު އިސްނެގުމުގައި ސައުދީ ޢަރަބިއްޔާއިން އަދާކުރާ އިސް ދައުރު ފާހަގަކުރައްވައި، ކަނޑުދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމަށާއި ސަރަޙައްދީ ހަމަޖެހުމަށް ގުޅިގެން މަސައްކަތްކުރުމަށް ރާއްޖެއިން އުންމީދުކުރާ ކަމަށްވެސް ވިދާޅުވިއެވެ.

ބައިނަލްއަޤުވާމީގޮތުން ސަޢުދީ ޢަރަބިއްޔާއިން އަދާކުރަނީ ވަރަށް މުހިންމު ދައުރެއްކަމަށާ، ކުރިއެރުމާއި ތަރައްޤީއާއި ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ޤާއިމްވެފައި އޮތުމުގެ މުހިންމުކަން އެ ޤައުމުން ދައްކުވައިދީފައިވާކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.

"އެ ޤައުމުންވަނީ މުހިންމު ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދީފައި. އޭގެ ތެރޭގައި ދަތުރުފަތުރާއި، ގެދޮރުވެރިކަމާއި، ސިއްޙީ ދާއިރާ އާއި، މަސްވެރިކަމުގެ ދާއިރާ ހިމެނޭ. ސުނާމީއަށް ފަހު ރާޢްޖެ އަލުން ތަރައްޤީކުރުމަށް ނުހަނު މުހިންމު އެހީތެރިކަމެއް އެ ޤައުމުން ވަނީ ފޯރުކޮށްދީފައި" ރައީސް ވިދާޅުވިއެވެ.

ރިޔާޟުގައި ބޭއްވުމަށް ހަމަޖެހިފައިވާ "އެކްސްޕޯ 2030″ ގައި ރާއްޖެއިން ބައިވެރިވާނެކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިއީ ދުނިޔޭގެ ފެންވަރުގެ މި ބޮޑު ޙަރަކާތުގައި ރާއްޖެ އިޝްތިހާރުކޮށް، ދެ ޤައުމުގެ ދެމެދުގައި ފަތުރުވެރިކަމާއި އިންވެސްޓްމަންޓް އަދި އީޖާދީ ދާއިރާތަކުން ގުޅުން ބަދަހިކުރުމަށް ލިބޭ ރަނގަޅު ފުރުޞަތެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި ދުނިޔޭގެ ސުލްހަ މަސަލަސްކަމަށްޓަކައި ދެ ޤައުމު އެކުގައި އަޚުންގެ ގޮތުގައި ދެމިތިބޭނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

"އަޅުގަނޑުމެންގެ ރަޙްމަތްތެރިކަމުގެ ބިންގާ ވަނީ ވަރަށް ފުނަށް ފެތުރިފައި. އަޅުގަނޑުމެންގެ މި ގުޅުން މާ ވަރުގަދަ. އަދި އަޅުގަނޑަށް ފުރިހަމަ ޔަޤީންކަން އެބައޮތް އެކުގައި އަޅުގަނޑުމެންނަށް މިއަށްވުރެވެސް އުޖާލާ މުސްތަޤުބަލެއް ބިނާކުރެވޭނެ ކަމަށް،" ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވަނީ ސައުދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލްޤަހްތާނީ އަށާއި އެމްބަސީގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ.