MTCC

ސައުދީގެ އިންވެސްޓްމަންޓްތަކަށް ރާއްޖެއިން މަރުޙަބާ ކިޔަން ތައްޔާރު: ރައީސް

HS6gZg9bsAAHVam

ސައުދީގެ އިންވެސްޓްމަންޓްތަކަށް ރާއްޖެއިން މަރުޙަބާ ކިޔަން ތައްޔާރު: ރައީސް

SHARE

ދިވެހިރާއްޖެއަކީ ހަމައެކަނި އެހީއަށް ބަރޯސާވާ ޤައުމެއްގެ ގޮތުގައި އޮތުމަށްވުރެ ބޮޑަށް، ސައުދީ ޢަރަބިއްޔާގެ އިޤްތިސާދީ އަދި ވިޔަފާރީގެ މުހިންމު ބައިވެރިއަކަށް ވުމަށް ރާއްޖެ އޮތީ ތައްޔާރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ސައުދީ ޢަރަބިއްޔާގެ 96 ވަނަ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ އިޤްތިސާދީ އޮނިގަނޑު ހަރުދަނާކޮށް ބަދަލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގައި ސައުދީގެ އިންވެސްޓަރުންނަށް ފަހި މާޙައުލެއް ޤާއިމުކޮށްދިނުމަކީ އިސްކަންދޭ ކަމެކެވެ. އެގޮތުން ފަތުރުވެރިކަމާއި، ބޯހިޔާވަހިކަމާއި، ސިއްހީ ދާއިރާގެ އިތުރުން، އިއާދަކުރަނިވި ހަކަތައާއި ޢުމްރާނީ ތަރައްޤީ އަދި ލޮޖިސްޓިކްސްގެ ދާއިރާއިން ސައުދީ ވިޔަފާރިތަކަށް ރާއްޖޭގައި ބޮޑެތި ފުރުސަތުތަކެއް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ސައުދީ ޢަރަބިއްޔާގެ އިންވެސްޓްމަންޓްތަކާއި ތަރައްޤީގެ ބައިވެރިވުންތަކަށް ރާއްޖެއިން މަރުޙަބާ ކިޔަން ތައްޔާރު. ރާއްޖޭގެ އިޤްތިސާދީ އިންޤިލާބީ ބަދަލުގައި ސައުދީ ވިޔަފާރިވެރިންނާއި އިންވެސްޓަރުންނަށް ރަނގަޅު ސިޔާސަތުތަކެއް އެކުލަވާލައި، އިންވެސްޓްމަންޓްގެ މާހައުލު ރަނގަޅު ކުރުމަށް މަސައްކަތް ކުރާނަން." ރައީސް ވިދާޅުވިއެވެ.

ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓް (އެސްއެފްޑީ) މެދުވެރިކޮށް ދަތުރުފަތުރާއި، ސިއްހަތު އަދި މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ލިބެމުންދާ އެހީތަކަކީ އަގުނުކުރެވޭ ފަދަ އެހީތަކެއް ކަމަށެވެ. މީގެއިތުރުން، 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާގައި ސައުދީން ވެދިން ދީލަތި އެހީތެރިކަމާއި، ދިވެހި ޙައްޖުވެރިންނަށް ލުއިފަސޭހަކޮށްދިން "މައްކާ ރޫޓް އިނިޝިއޭޓިވް" އާއި، ދެ ޤައުމުގެ އެކުވެރިކަން ރަމްޒުކޮށްދޭ "ކިންގް ސަލްމާން މިސްކިތް" ފަދަ ޚިދުމަތްތައް ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ސައުދީ ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެއިތުރުން، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެ ފަދަ ޖަޒީރާ ޤައުމަކަށް ކަނޑުތަކުގެ އަމާންކަމަކީ ޤައުމުގެ ކުރިއެރުމާ ސީދާ ގުޅިފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން ސައުދީން އިސްނަގައިގެން ސޮއިކުރި "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް" ޗާޓަރުގެ ދަށުން، ކަނޑުދަތުރުފަތުރުގެ މިނިވަންކަމާއި ސަރަޙައްދީ ސުލްހަ މަސަލަސްކަން ޤާއިމުކުރުމުގައި ސައުދީއާއެކު ރާއްޖެއިން ގާތުން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.