އެމެރިކާގެ ނިއުޔޯކްގައި ހުންނަ އދ.ގެ މައި މަރުކަޒުގައި ފެށުނު އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ އާންމު ބަހުސް ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ބައިވެރިވެވަޑައިގެންފިއެވެ.
އދ.ގެ ޖެނެރަލް އެސެމްބްލީ ހޯލުގައި ބޭއްވި މި މުހިންމު ރަސްމިއްޔާތަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިންނާއި ދައުލަތްތަކުގެ މަންދޫބުން އެއްތަނަކަށް އެއްވެ، ބައިނަލްއަޤްވާމީ ގޮތުން ދިމާވެފައިވާ ބޮޑެތި މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކޮށް، ގުޅުންތައް ބަދަހިކުރުމަށް ބޭއްވޭ މަތީ ފަންތީގެ ބައްދަލުވުމެކެވެ.
މި ދަތުރުފުޅުގައި ނައިބު ރައީސް ވަނީ ރާއްޖެ ތަމްސީލުކުރައްވައި މަތީ ފަންތީގެ އެކި ފޯރަމްތަކުގައި ދިވެހިރާއްޖޭގެ ޤައުމީ ބަޔާން އިއްވެވުމަށް ހަމަޖެހިފައެވެ. މީގެއިތުރުން، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށާއި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން އެކި ޤައުމުތަކުގެ އިސްވެރިންނާއެކު ދޭދޭ މަޝްވަރާތައް ބޭއްވެވުމަށްވެސް ވަނީ ތާވަލުކުރެވިފައެވެ.
އދ.ގެ މި ސެޝަނުގެ ހަވާސާގައި ނައިބު ރައީސް ވަނީ އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްގެ އިތުރުން އަވަށްޓެރި ބަންގްލަދޭޝްގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި މުހިންމު ދާއިރާތަކުން މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ. މި ދަތުރުފުޅުގެ ތެރެއިން އދ. ގެ ޢާންމު މަޖިލީހުގެ ހަވާސާގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ އެކި ޙަފްލާތަކާއި، މަލްޓިލޭޓަރަލް މަޝްވަރާ ބައްދަލުވުންތަކުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބައިވެރިވެވަޑައިގެންފައެވެ.