MTCC

ބޮޑުތަކުރުފާނު މަގު ހަދާތީ ބަސް ރޫޓުތަކަށް ބަދަލު ގެނެސްފި

l_2024_07_25_061532_pamr128fujen65hi7yzdq49vcbxwkolgs3t_EN_

ބޮޑުތަކުރުފާނު މަގު ހަދާތީ ބަސް ރޫޓުތަކަށް ބަދަލު ގެނެސްފި

SHARE

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ތިންވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ވެސްޓްޕާކު ސަރަހައްދު ބަންދުކުރުމާ ގުޅިގެން، އެ ސަރަހައްދުގެ ބަސް ދަތުރުތަކަށް ބަދަލު ގެނެސްފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މައުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫއުގެ މަސައްކަތަށް ވެސްޓްޕާކާ ދިމާލުން ހަވީރީ ހިނގުމާއި މަގުގެ އެއްފަޅި ބަންދުކުރުމާ ގުޅިގެން، އޯކިޑް ރޫޓާއި އޮރެންޖް ހިޔާ ރޫޓުގެ ބަސްތައް ދެން ވެސްޓްޕާކު ބަސް ސްޓޮޕަކަށް މަޑެއް ނުކުރާނެއެވެ.

މި ބަދަލާއެކު މި ދެ ރޫޓުގެ ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މާފަންނު މަދަރުސާ ކައިރީގައި ހުންނަ ބަސް ސްޓޮޕުންނެވެ. އަދި މަޖީދީ މަގުން އާންމު އުސޫލުން ދަތުރުކުރުމަށްފަހު، ހެންވޭރުން އެނބުރި މާފަންނަށް އަންނަ ބަސްތައް ދަތުރުކުރާނީ ކަނބާއައިސާ ރަނި ހިނގުމުން ގޮސް ސޯޝަލް ސެންޓަރު ބަސް ސްޓޮޕަށް މަޑުކުރުމަށްފަހު، ސަބުދެލި މަގުން މަޖީދީ މަގަށް ނުކުމެ އާންމު ރޫޓަށެވެ.

މި ބަދަލުތަކުގެ ސަބަބުން ދަތުރުވެރިންނަށް ދިމާވެދާނެ ދަތިތަކަށް އެމްޓީސީސީން ވަނީ މާފަށް އެދިފައެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ހޮޓްލައިން 1650 މެދުވެރިކޮށް ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތާރުއެޅުމުގެ މި މަޝްރޫއާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ، އެ މަގުގައި އެންމެ ބޮޑަށް ހަލާކުވެފައިވާ އެމްޕީއެލް ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތް މި މަސް ނިމުމުގެ ކުރިން ފެށިގެންދާނެ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރު 11 ގެ ކުރިން އެއްކޮށް ނިންމައިލުން ކަމަށްވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.