MTCC

މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއަށް އެހީތެރިވާނެ ކަމުގެ ޔަގީންކަން އދ. އިން ދީފި

28c118a023e7b69c43f41999b83fd90b-876x584

މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއަށް އެހީތެރިވާނެ ކަމުގެ ޔަގީންކަން އދ. އިން ދީފި

SHARE

މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކުން އަރައިގަތުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކުގައި އދ. އިން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދޭނެ ކަމުގެ ޔަގީންކަން، އެ ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒް ދެއްވައިފިއެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް މި ޔަގީންކަން ދެއްވީ، އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަނުގެ ހަވާސާގައި، ރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ރައީސް އޮފީހުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެއަށް ކޮންމެ ދުވަހަކުވެސް ތަހައްމަލުކުރަން ޖެހިފައިވާ ހަގީގަތެއްކަން ފާހަގަކުރައްވައި، އޭގެ ސަބަބުން ގައުމުގެ ތަރައްގީއަށް ކުރިމަތިވާ ހުރަސްތައް ހިއްސާކުރައްވާފައެވެ. އަދި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް (ސިޑްސް) ގެ ހައްގުގައި ގުޓާރޭޒް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި އދ. ގެ ސެކްރެޓަރީ ޖެނެރަލް ގުޓާރޭޒް ވަނީ ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ ގޮންޖެހުންތައް ބަލައިގަނެ، ދުނިޔޭގެ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތައް އަވަސްކުރުމުގައި ރާއްޖެއާއެކު އދ. ދެމިއޮންނާނެ ކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން، ސަރަހައްދީ މުހިންމު މައްސަލަތަކާއި، ހާއްސަކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ހިތާމަވެރި ހާލަތާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖެއިން އިސްކަންދޭ މުހިންމު ކަންކަމުގެ ތެރޭގައި ހިމެނޭ މޫސުމީ ވިލުންތެރިކަން އިތުރުކުރުމާއި، ދަރަނީގެ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމާއި، ސިޑްސްގެ "އޭބީއޭއެސް" އެޖެންޑާ ތަންފީޒުކުރުން ފަދަ ކަންކަމުގެ މައްޗަށް ނައިބު ރައީސް އަލިއަޅުއްވާލެއްވިއެވެ. އަދި އދ. ގެ ނިޒާމު އިސްލާހުކުރުމުގެ މުހިންމުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.