ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ "އީގަލް ހިލްސް" އިން ރަސްމާލޭގައި ތަރައްގީކުރާ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއަކީ ރާއްޖެއަށް ދިމާވެފައިވާ ޑޮލަރު ލިބުމުގެ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ގޮތަށް ބައްޓަންކޮށްފައިވާ މަޝްރޫއެއް ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
މި މަޝްރޫއުގެ މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު ހަސަން ޒަމީރު ރޭ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވިދާޅުވީ، ރަސްމާލޭގައި ތަރައްގީކުރާ ވޯޓާ ފްރޮންޓް މެރީނާ އާއި ރިއަލް އެސްޓޭޓް އިމާރާތްތަކުގެ ލީސް ރައިޓްސް ވިއްކައިގެން ލިބޭ އެންމެހައި އާމްދަނީ ޖަމާކުރާނީ ރާއްޖޭގެ ބޭންކެއްގައި ސަރުކާރާ ގުޅިގެން ހުޅުވާ އެސްކްރޯ އެކައުންޓަކަށް ކަމަށެވެ. އެހެންކަމުން މި ފައިސާ ދައުރުވާނީ ރާއްޖޭގެ ބޭންކިން ނިޒާމުގެ ތެރޭގައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު މި ދެންނެވީ އެސްކްރޯ ކުރެވިގެން ރާއްޖޭގެ ބޭންކްތަކަަށް މި ޑޮލަރު އަދި ރާއްޖޭގެ އިގްތިސާދަށް، ދިވެހިންނަށް ޑޮލަރު ލިބުމުގައި މިހާރު ދިމާވާ ދަތިތައް ހައްލުވާނެ ގޮތަށް މި ޕްރޮޖެކްޓް ރޭވިފައި މިއޮތީ،". ޒަރީރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، ރާއްޖޭގެ އިގްތިސާދަށް އަހަރަކު ވަންނަ 5 ބިލިއަނެއްހާ ޑޮލަރުގެ ބޮޑު ބައެއް ރާއްޖެއިން ބޭރަށް ދާ މައްސަލައަށް މި މަޝްރޫއުގެ ސަބަބުން ނިމުމެއް އަންނާނެއެވެ. އެގޮތުން، މަޝްރޫއުގެ ފުރަތަމަ އަހަރު ލީސް ރައިޓްސް ވިއްކައިގެން ރާއްޖެއަށް ގާތްގަނޑަކަށް 30 ބިލިއަން ޑޮލަރު ވަންނާނެ ކަމަށް ލަފާކުރެވޭއިރު، އޭގެ ފަހުން އެ ތަންތަން ހިންގައިގެން އަހަރަކު 2 ބިލިއަން ޑޮލަރު އިގްތިސާދަށް ވަންނާނެ ކަމަށް ލަފާކުރެވެއެވެ.
މި މަޝްރޫއާ ގުޅޭގޮތުން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ، ކޮންޓްރެކްޓަރުންނާއި ސަޕްލަޔަރުންނަށް ދައްކަންޖެހޭ ފައިސާ ވެސް ދައްކާނީ ރާއްޖޭގައި ލައިސަންސް އޮންނަ ބޭންކުތައް މެދުވެރިކޮށް ކަމަށެވެ. އަދި މި މަޝްރޫއަށް އެއްވެސް ޓެކްސް އިސްތިސްނާއެއް (ޓެކްސް ހޮލިޑޭއެއް) ދީފައި ނުވާނެ ކަމަށާއި، ރާއްޖޭގެ ގާނޫނުތަކާ އެއްގޮތަށް ޓެކްސް ނެގޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މީގެއިތުރުން، ރަސްމާލޭގައި ވިޔަފާރި އުސޫލުން ތަރައްގީކުރާ ތަންތަން ވިއްކައިގެން ލިބޭ އާމްދަނީގެ 10 ޕަސެންޓް ސަރުކާރަށް ލިބޭއިރު، ރިއަލް އެސްޓޭޓްގެ ކޮންމެ މުއާމަލާތަކުން 4 ޕަސެންޓުގެ ރަޖިސްޓްރޭޝަން ފީއެއް ދައުލަތަށް ލިބިގެންދާނެއެވެ.
ރަސްމާލެ ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރި "އީގަލް ހިލްސް" އަކީ ދުނިޔޭގެ މަޝްހޫރު ބުރްޖް ޚަލީފާ ބިނާކުރި ކުންފުނީގެ ބާނީ، މުހައްމަދު އަލައްބާރުގެ ޗެއާމަންކަމުގެ ދަށުން ހިންގާ، ދުނިޔޭގެ 18 ގައުމެއްގައި ފުޅާ ދާއިރާއެއްގައި އިންވެސްޓްކޮށްފައިވާ ވަރުގަދަ ކުންފުންޏެކެވެ. ސަރުކާރުން ގަބޫލުކުރާ ގޮތުގައި މިއީ ރާއްޖޭގެ އިގްތިސާދީ މުސްތަގުބަލަށް އިންގިލާބީ ބަދަލެއް ގެނެސްދޭނެ ތާރީޚީ މަޝްރޫއެކެވެ.