MTCC

އީގަލް ހިލްސްއިން އަޅާ 5،000 ފުލެޓުގެ މަސައްކަތް އަންނަ އަހަރު ފަށަނީ

large_thumb_1787562139103

އީގަލް ހިލްސްއިން އަޅާ 5،000 ފުލެޓުގެ މަސައްކަތް އަންނަ އަހަރު ފަށަނީ

SHARE

އަބޫދާބީގެ މަޝްހޫރު ރިއަލް އެސްޓޭޓް ޑިވެލޮޕަރު، އީގަލް ހިލްސްއާ ހަވާލުކޮށްގެން ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ 20 ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއު އަންނަ އަހަރު ފުރަތަމަ ކުއާޓާތެރޭގައި ރަސްމީކޮށް ފެށިގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި އެ ކުންފުނީގެ ޚަރަދުގައި އިމާރާތްކުރާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށިގެންދާނެ ކަމަށްވެސް މިނިސްޓަރު ހާމަކުރެއްވިއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޒަރީރު ވިދާޅުވީ، ރަސްމާލެ ތަރައްގީ ކުރުމަށް ސަރުކާރާއި އީގަލް ހިލްސް ކުންފުންޏާ ދެމެދު ވެވުނު ތާރީހީ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 5،000 ފުލެޓު އެޅުމަށް ވަނީ ހަމަޖެހިފައެވެ. މި ހައުސިން މަޝްރޫއަށް ގާތްގަނޑަކަށް 500 މިލިއަން އެމެރިކާ ޑޮލަރު ހޭދަވާނެ ކަމަށް ލަފާކުރެވޭއިރު، މުޅި މަޝްރޫއުގެ ހުރިހާ ޚަރަދެއް ބަލަހައްޓާނީ އެ ކުންފުނިން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ދެން އެކަން އަޅުގަނޑުމެންނަށް ފެށޭނެ ކަމަށް މި ގަބޫލުކުރެވެނީ މި އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި، އެހެންވީމާ ވަރަށް އަވަހަށް 2027ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގައި އަޅުގަނޑުމެންނަށް މި 5،000 ޔުނިޓު ޑިވެލޮޕްކުރަން ފަށައިގަނެވޭނެ،" ޒަރީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫއަކީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށާއި، ރާއްޖޭގެ އިގްތިސާދު ސިންދަފާތު ކުރުމަށް ފަށާފައިވާ މަސައްކަތެކެވެ. ރާއްޖޭގެ ތާރީޚުގައި ވެސް ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މި މަޝްރޫއުގެ ދަށުން 1،100 އަށް ވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކައި، 65،000 ހައުސިން ޔުނިޓް ގާއިމުކުރުމަށް ވަނީ ރޭވިފައެވެ.

އީގަލް ހިލްސްއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން ރަސްމާލޭގައި ދުނިޔޭގެ ފެންވަރުގެ މެރީނާއަކާއި، ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތަކުގެ އިތުރުން ޕްރީމިއަމް ރެޒިޑެންސްތަކާއި، ވޯޓާފްރަންޓް ޕްރޮމެނާޑްތަކާއި ވިޔަފާރި އަދި މުނިފޫހިފިލުވުމުގެ އެކި ވަސީލަތްތައް ގާއިމުކުރެވިގެންދާނެއެވެ. މި އިންވެސްޓްމަންޓްގެ ސަބަބުން ރާއްޖެއަށް 30 ބިލިއަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބިގެންދާނެ ކަމަށް ލަފާކުރެވޭއިރު، އޭގެ ތެރޭގައި 18 ބިލިއަން ޑޮލަރުގެ ނެޓް އިންވެސްޓްމަންޓް ހިމެނެއެވެ.

ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަކީ ދުނިޔޭގެ އެކި ގައުމުތަކުގައި ބިޔަ ވޯޓާފްރަންޓް މަޝްރޫއުތައް ކާމިޔާބުކަމާއެކު ހިންގަމުން އަންނަ ބައިނަލްއަގުވާމީ ފެންވަރުގެ ޑިވެލޮޕަރެކެވެ. އޭގެ ތެރޭގައި އަބޫދާބީގެ ލުލު އައިލެންޑް، އަލްބޭނިއާގައި ކުރިއަށްގެންދާ 2.5 ބިލިއަން ޑޮލަރުގެ މެރީނާ މަޝްރޫއު އަދި ޝާރުޖާގެ 1.2 ބިލިއަން ޑޮލަރުގެ ތަރައްގީގެ މަޝްރޫއު ފާހަގަކޮށްލެވެއެވެ.