MTCC

2028 ގެ ރިޔާސީ އިންތިޚާބަށް ޕީއެންސީގެ ކެމްޕޭން ޓީމު އެކުލަވާލައި ނިމިއްޖެ: އަބްދުއްރަހީމް

Image-23-1068x797

2028 ގެ ރިޔާސީ އިންތިޚާބަށް ޕީއެންސީގެ ކެމްޕޭން ޓީމު އެކުލަވާލައި ނިމިއްޖެ: އަބްދުއްރަހީމް

SHARE

ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޤައުމީ މަހާސިންތާ ނިމުމާއެކު، 2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަށް އެ ޕާޓީގެ ކެމްޕޭން ޓީމު މިހާރު އެކުލަވާލައި ނިމިފައިވާ ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް އަބްދުﷲ ހާމަކުރައްވައިފިއެވެ.

ޕީއެންސީގެ މައި އޮފީހުގައި ބޭއްވި ހާއްސަ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަޙީމް ވަނީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ވާންޖެހޭ އެންމެހައި ތައްޔާރީތައް ފެށުމަށް ޕާޓީ މިހާރު އޮތީ ފުރިހަމައަށް ސަފުތައް ރުކުރުވާލައިގެން ކަމަށް ވިދާޅުވެފައެވެ. އަދި އެއްވެސް ފަސްޖެހުމެއް ނެތި، ލަސްނުކޮށް ކެމްޕޭނުގެ ޢަމަލީ މަސައްކަތްތައް ފެށުމަށް ޕާޓީގެ އެންމެހައި މެންބަރުންނަށް އޭނާ ގޮވާލެއްވިއެވެ.

"2028 ގެ އިންތިހާބަށް އެންމެހައި ތައްޔާރީތައް ފެށުމަށް މިތިބީ ތައްޔާރަށް ސަފުތައް ރުކުރުވާލައިގެން. ކެމްޕެއިނު ޓީމުތައް އޮތީ އެކުލަވާލައި ނިމިފަ. ދެން އޮތީ އަމަލީ މަސައްކަތް ފަށައިގަތުން." އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމަށާއި، މިދިޔަ ކޮންގްރެސްގެ ތެރެއިން ފެނިގެންދިޔަ އެކުވެރިކަމާއި ޖޯޝު ކުރިއަށް އޮތް ތަނުގައިވެސް މެދުކެނޑުމެއްނެތި ދަމަހައްޓަންޖެހޭނެ ކަމަށް އަބްދުއްރަޙީމް ފާހަގަކުރެއްވިއެވެ.

މި މަހުގެ 18 ވަނަ ދުވަހު ނިމުނު ޕީއެންސީގެ މަތީ މަޖިލީހުގައި ވަނީ، ޕްރައިމަރީއަކާ ނުލައި 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓް ރައީސް ޑރ. މުއިއްޒަށް އެރުވުމަށް ހާއްސަ ޤަރާރެއް ފާސްކޮށްފައެވެ. މި ޤަރާރު ފާސްވެގެންދިޔައީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާޤުންނެވެ. އަދި މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް މުޢިއްޒަށް ރަސްމީކޮށް މި ޓިކެޓް ހަވާލުކޮށްދެއްވީވެސް ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަޙީމް އަބްދުﷲ އެވެ.

ޢަބްދުއްރަޙީމްގެ ވާހަކަފުޅުގައި، ޕާޓީގެ ތާރީޚުގައި ބޭއްވުނު އެންމެ މުހިންމު މި ބޮޑު ހަރަކާތް ކާމިޔާބުކަމާއެކު ނިންމާލުމަށްޓަކައި އެތައް މަހެއް ވަންދެން ބުރަކޮށް މަސައްކަތްކުރި ޕާޓީގެ މުވައްޒަފުންނާއި، ޢާންމު މެންބަރުން އަދި ހުރިހާ ސަޕޯޓަރުން ކޮށްދެއްވި އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވައި އެ ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.