އެއް ލީޓަރާއި އެއަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ފެން ބަންދުކޮށްގެން ރާއްޖެ އެތެރެކުރުމާއި، ރާއްޖޭގައި އުފެއްދުމާއި އަދި ބާޒާރުގައި ވިއްކުން މަނާކުރަން ކަނޑައަޅާފައިވާ ތާރީޚު، 2031 ވަނަ އަހަރުގެ ޖޫން މަހުގެ 1 ވަނަ ދުވަހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފަސްކުރައްވައިފިއެވެ.
ރައީސް މި ބަދަލު ގެންނަވާފައިވަނީ 'ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމުގެ ޤަރާރަށް އިސްލާހު ގެންނަވައި، ނެރުއްވި ރިޔާސީ ޚާއްސަ ޤަރާރެއްގެ ދަށުންނެވެ. މި ނިންމެވުން ނިންމަވާފައިވަނީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ އާއި މިނިސްޓްރީ އޮފް ޓޫރިޒަމްގެ މަޝްވަރާއާއި ލަފާގެ މަތިންނެވެ.
މި ޤަރާރަށް މީގެ ކުރިން ގެނެސްފައިވާ އިސްލާހުގައި ބަޔާންކޮށްފައި އޮތީ، އެއް ލީޓަރާއި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ފެން ބަންދުކޮށްގެން ރާއްޖެ އެތެރެކުރުމާއި އުފެއްދުން، އަންނަ 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން މަނާވާނެ ކަމަށެވެ. ނަމަވެސް، މިއަދު ގެނައި ބަދަލާއެކު މި މުއްދަތު މިހާރު ވަނީ 2031 ވަނަ އަހަރާ ހަމައަށް އިތުރުކުރެވިފައެވެ.
މީގެއިތުރުން، ސިންގަލް-ޔޫސް ޕްލާސްޓިކުގެ ލިސްޓުގެ 14 ވަނަ ނަންބަރަށްވެސް ވަނީ މުހިންމު އިޞްލާޙެއް ގެންނަވާފައެވެ. އެގޮތުން، ކުރިން މަނާކުރުމަށް ކަނޑައަޅާފައި އޮތް 500 މިލިލީޓަރުގެ ބަދަލުގައި، 250 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ (ފެން ފިޔަވައި) އެހެނިހެން ތައްޔާރީ ބުއިންތައް މިއަދުން ފެށިގެން ރާއްޖެއަށް އެތެރެކުރުމާއި، އުފެއްދުމާއި އަދި ވިޔަފާރިކުރުން ވަނީ މަނާކޮށްފައެވެ.
ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ގޮތުން އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓަށް ރައީސް ގެންނެވި މި އިސްލާހުތައް މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރައްވާ، ޢަމަލުކުރަން ފަށާފައެވެ.