ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފަތިފުށާއި މަތިފުށްވެސް އެނގިވަޑައިގަންނަވާ ކަމަށާއި ދެން ދެވޭނެ ރައްދެއް ނެތް ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ކޮންގްރެސް ނިންމުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އިގުތިސޯދީ މާހިރުންނަކީ ވެސް އިގުތިސޯދު ނާޒުކުވާ ހާލަތްތަކުގައި ހަރުދަނާ ސިޔާސަތުތަކުގެ ތެރެއިން އިގުތިސޯދު ކުރިއެރުވުމުގައި އަމަލީ ގޮތުން ނަތީޖާ ނެރެދޭ ބޭފުޅުން ކަމަށާއި ގޭގެ ސިޓިންގރޫމުގައި އިނދެގެން އެހެން މީހުންނަށް ހެއްދެވިއަށް ނުހެއްދެވިއަށް ގޮވުމަށްފަހު ތިމާމީ އިގްތިސާދީ މާހިރެެކޭ ބުނުމަކުން ގަބޫލުނުކުރެވޭ ކަމަށެވެ. އަބްދުއްރަހީމް މިހެން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް ނިސްބަތްކޮށެވެ.
"އެދައްކާ އެއްވެސް ވާހަކައަކަށް ރައްދުދެއްވުމެއް ނެތި އެވާހަކަތަކަކީ އަޑުނީވޭ ވާހަކަތަކަކަކަށް ހައްދަވައި އިގްތިސޯދީ ވިސްނުމާއި އިގްތިސޯދީ ވިސްނުމުގެ އަލީގައި މިދެންނެވި ކަހަލަ ކަންތައް ކުރައްވާ ބޭފުޅުންނަށް އަޅުގަނޑުމެން އިގްތިސޯދީ މާހިރުން މިކިޔަނީ." އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ރައީސް މުއިއްޒަކީ އިގުތިސޯދީ މާހިރެއް ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. މިވާހަކަތަކަށް ޔާމީނު ރައްދު ދެއވާނެކަން ފާހަގަކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީން ރައްދު ދޭން ޖެހިއްޖިއްޔާ ޔާމީނުއަށް ޖެހޭނީ މައިކާއި ދުރުގައި ތިބެން ކަމަށާއި ޕޯޑިއަމް ކައިރިޔަށް ނާދެވޭނެ ކަމަށެވެ. އަދި ޔާމީންގެ ހަގީގަތް އެންމެ ރަނގަޅަށް އެނގޭނީ މިހާރު ޕީއެންސީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންނަށް ކަމަށް ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެންނަށް ނުދެވުނު ރައްދެއް ދެން ދެވެނޭ މީހަކުވެސް ނޫޅޭނެ. އަޅުަގަނޑުމެންނަށް ނޭގޭ ހަގީގަތެއް އެނގޭނެ މީހަކުވެސް ނޫޅޭނެ. 1993 ވަނަ އަހަރުން ފެށިގެން އެކީގައި މަސައްކަތް ކުރި މީހުން. ފަތިފުށާއި މަތިފުށް ރަނގަޅަށް އެނގޭ މީހުން." އަބްދުއްރަހީމް ވިދާޅުވިއެވެ.
ގައުމަށް ވަފާތެރިވުމަކީ އެގައުމެއްގެ މިނިވަންކަމާއި އަމާންކަން ރައްކާތެރިކުރުމަށް އެއްބާރުލުން ކަމުގައި އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި އިޚުލާސްތެރިކަމަކީ ރައްޔިތުންގެ ހެވާއި ލާބައަށްޓަކައި ކުރާ މަސައްކަތަށް ހުރަސް ނޭޅުން ކަމަށެވެ.
ތަރައްގީގެ މަޝްރޫއުތައް ނުހިންގާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، ހއ. ދިއްދޫ، ތ. ގިރިފުށި، ތ. ވޭމަންޑޫ، ލ. މާވަށް އަދި ށ. މިލަންދޫ ފަދަ ރަށްރަށަށް ދިއުމުން އެ ރަށްރަށުގެ ބިން ހިއްކުމުގެ މަސައްކަތް ގޮސްފައިވާ މިންވަރު ފެންނާނެ ކަމަށެވެ.