MTCC

ޕީއެންސީގެ އާ ލީޑަޝިޕް މަގާމުތަކުގެ ހުވާކުރައްވައިފި

HSfodwVaQAAZn00

ޕީއެންސީގެ އާ ލީޑަޝިޕް މަގާމުތަކުގެ ހުވާކުރައްވައިފި

SHARE

ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބުތަކުން ހޮވުނު އާ ލީޑަޝިޕާއި އެކި ގޮފިތަކުގެ އިސްވެރިން މަގާމުގެ ހުވާކޮށް، ރަސްމީކޮށްމަގާމުތަކާ ހަވާލުވެއްޖެއެވެ.

ޕާޓީގެ މަތީ މަޖިލީހުގެ ޖަލްސާގެ ތެރެއިން ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި، މަގާމުތަކަށް އައްޔަންވި ބޭފުޅުންނަށް އިގުރާރު ލައިދެއްވީ ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ޑެޕިއުޓީ އެމްބެސެޑަރު މުހުތާޒު މުހުސިނެވެ.

މިގޮތުން ޕާޓީގެ އިސް ސަފާ ހަވާލުވެވަޑައިގަތް ބޭފުޅުންގެ ތެރޭގައި، ޗެއާޕާސަންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި، ނައިބު ރައީސުންގެ ގޮތުގައި ހިމެނިވަޑައިގަންނަވާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފްގެ އިތުރުން މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހިމެނިވަޑައިގަންނަވައެވެ.

އާންމު މެންބަރުންގެ މެދުގައި ބޭއްވުނު ވޯޓުން ޕީއެންސީގެ ނައިބު ރައީސްކަމަށް ހޮވުނު ހަ ބޭފުޅުންނަކީ:

  • އަބްދުﷲ ރާފިއު (ސްޕޯޓްސް މިނިސްޓަރު)
  • އަހުމަދު ޝިޔާމް (ފިޝަރީޒް މިނިސްޓަރު)
  • މުހައްމަދު ސައީދު (އިކޮނޮމިކް މިނިސްޓަރު)
  • މުހައްމަދު ހުސެއިން ޝަރީފް (ސަރުކާރުގެ އިސް ތަރުޖަމާނު)
  • ފާތިމަތު ސައުދާ (ނިލަންދޫ ދާއިރާގެ މެންބަރު)
  • އިބްރާހިމް ޝުޖާއު (ބާރަށު ދާއިރާގެ މެންބަރު)

މީގެއިތުރުން، ޕާޓީގެ އަސާސީ ގަވާއިދަށް ރިއާޔަތްކޮށް ޕާޓީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ސަރުކާރުގެ ވަޒީރުންގެ ފެންވަރުގެ ހަތް ބޭފުޅަކު ލީޑަޝިޕަށް ކަނޑައަޅުއްވާފައެވެ. އެބޭފުޅުންނަކީ:

  • ޗީފް އޮފް ސްޓާފް އަބްދުﷲ ފަޔާޒާއި،
  • މިނިސްޓަރު އަބްދުﷲ ނާސިރު،
  • މުހައްމަދު އަމީން،
  • ގީލާ އަލީ،
  • ޑރ. އަބްދުﷲ މުއްތަލިބު،
  • މުހައްމަދު ތޮލާލުގެ އިތުރުން ސަފީރު އާދަމް ޝަރީފް އުމަރެވެ.

ކުންފުނިތަކުގެ އިސްވެރިންގެ ތެރެއިން ލީޑަޝިޕަށް އައްޔަންކުރެއްވީ އަބްދުލްރައްޒާގު ހަލީމާއި، ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރު އަދި ހަމްދާން ޝަކީލެވެ.

ޕާޓީ ހިންގުމުގެ އިދާރީ އޮނިގަނޑަށް ގެނައި ބަދަލުތަކާއެކު ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް މޫސާ ފަތުހީ އާދަމް، ޑެޕިއުޓީ އެސްޖީގެ މަގާމަށް މުހައްމަދު ލަމްއާން އަދި ޚަޒާންދާރުގެ މަގާމަށް ހުސައިން ފަހުމީ ވަނީ އައްޔަންކުރައްވާފައެވެ.

އަންހެނުންގެ ގޮފީގެ ރައީސަކަށް ހެރިޓޭޖް މިނިސްޓަރު ހީނާ ވަލީދު އިންތިޚާބުވެވަޑައިގަތްއިރު، ނައިބަކަށް ހަމަޖެއްސެވީ އާމިނަތު ހުސައިން ޝަރީފެވެ. ސެކްރެޓަރީއަކަށް އާމިނަތު ނާސިހާ އަދި ހަޒާންދާރަކަށް އާމިނަތު ޝިޒްލީން ވަނީ ހޮވިފައެވެ. ޒުވާނުންގެ ގޮފީގެ ރައީސްކަމަށް އަބާން އަބްދުއްލަތީފް ހޮވުނުއިރު، ނައިބަކީ ހަސަން ޝަހީދެވެ. ސެކްރެޓަރީއަކަށް އިސްމާއިލް އަޒްމީ އަދި ހަޒާންދާރަކަށް މުހައްމަދު ރިފާއު ވަނީ އައްޔަންކޮށްފައެވެ.

މި ބޭފުޅުންގެ އިތުރުން، ޕާޓީގެ އަންހެނުންގެ މަޖިލީހާއި ޒުވާނުންގެ މަޖިލީހުގެ މެންބަރުންނާއި، ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންނާއި، ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރުން ކަމަށްވާ މުހައްމަދު އިސްމާއިލް އަދި މުހައްމަދު ޝާހިދު ވެސް ވަނީ މިއަދުގެ ރަސްމިއްޔާތުގައި މަގާމުގެ ހުވާކުރައްވާފައެވެ.

މީގެއިތުރުން އަންހެންގެ މަޖިލީހަށް އިންތިހާބުކުރި 10 މެމްބަރުންނާއި ޒުވާނުންގެ މަޖިލީހަށް އިންތިހާބުކުރި ހަތް މެމްބަރުންގެ އިތުރުން މެމްބަރުންގެ މަޖިލީހަށް އިންތިހާބުކުރި 18 މެންބަރުން ވަނީ އިގުރާރުވެފައެވެ.