MTCC

ފަލާހު ޔާމީނަށް: ދެން ރަނގަޅުވާނީ ރަޖާގަނޑެއް އަނދެގެން ގޭގަ ތިބިއްޔާ

DSC_1989-1024x683

ފަލާހު ޔާމީނަށް: ދެން ރަނގަޅުވާނީ ރަޖާގަނޑެއް އަނދެގެން ގޭގަ ތިބިއްޔާ

SHARE

ކުރީގެ ރައީސް އަބްދުالله ޔާމީން މިއަދު ކިތަންމެ ފާޑުވިދާޅުވިޔަސް އެމަނިކުފާނުގެ ވެރިކަން ދަމަހައްޓާ ދެވަނަ ދައުރަކަށް ހޮވަން ވެސް ކެނޑިނޭޅި މަސައްކަތްކުރެއްވި ކަމަށް ވިދާޅުވެ ޕީއެންސީގެ ނައިބުރައީސް އަދި ޕީޖީ ލީޑަރ އިބްރާހިމް ފަލާހު ރައީސް ޔާމީނަށް ފާޑު ވިދާޅުވެއްޖެ އެވެ.

ޕީއެންސީން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ކުރިއަށްގެންދިޔަ ކޮންގްރެސް ގައި އެ ޕާޓީގެ ފަރާތުން 2028 ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައެޅުމަށް ނިންމައި އެމަނިކުފާނަށް ވަނީ ޓިކެޓު އަރުވާފަ އެވެ. ރައީސް މުއިއްޒަށް އިންތިޚާބަކާ ނުލާ ޓިކެޓު ދޭން ނިންމުމާ ގުޅިގެން ކުރީގެ ރައީސް ޔާމީނާއި އިދިކޮޅު އެހެން ފަރާތްތަކުން ވެސް އަންނަނީ އެކަމާ ފާޑުކިޔަމުންނެވެ. ޑިމޮކްރަސީގެ ރީތި އުސޫލެއް ނެތް ކަމަށް ބުނެ އެކަމާ ދެކޮޅަށް ވާހަކަދައްކަ އެވެ.

އެކަމާ ގުޅިގެން ފަލާހު ވިދާޅުވީ މިއީ ޕީއެންސީގެ މެމްބަރުން އަލަށް ކުރާ ކަމެއް ނޫން ކަމަށެވެ. މިސާލަކަށް ނެންގެވީ ޕީޕީއެމް އިން 2018 ވަނަ އަހަރު ރައީސް ޔާމީނަށް ވެސް އިންތިޚާބަކާ ނުލާ ޓިކެޓު ދިނުމެވެ. އެކަމަކު 2018 ވަނަ އަހަރު ރައީސް ޔާމީން ވެރިކަމަށް އިންތިޚާބު ނުވީ އެމަނިކުފާނު ކަންކަން ކުރެއްވި ގޮތުން ކަމަށް ފަލާހު ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުގައި އެކި ގައުމުތަކުންނާ ކެމްޕޭނަށް ދިން ފައިސާ އަށް ވީގޮތް ނޭނގުނީމަ އިންތިޚާބު ނާކާމިޔާބުވެގެން ދިޔައީ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ މެދު އަމަލުކުރި ގޮތުން ނާކާމިޔާބުވެގެންދިޔައީ. ރާއްޖޭގައި ތިބި ހުރިހާ ސިޔާސީ ބޭފުޅުން އިންތިޚާބަށް ކުރިމަތިލެއްވި އިރު މާފުށީ ޖަލުގައި ތިބީމަ އިންތިޚާބު ނާކާމިޔާބުވެގެންދިޔައީ. ރާއްޖޭގައި ދުވަހަކު ވެސް ނުހިނގާ މިންވަރަށް ކޮރަޕްޝަނުގެ އަމަލުތައް ހިންގީމަ އިންތިޚާބު ނާކާމިޔާބުވެގެންދިޔައީ

މި ސަރުކާރަށް ފާޑުކިޔައި ކޯޓުތަކުގެ ވާހަކައާ ޑިމޮކްރަސީގެ ވާހަކަދައްކަވާ އިރު، ރައީސް ޔާމީންގެ ވެރިކަމުގައި ކަންކަން ހިނގި ގޮތް އަމިއްލައަށް ހަނދާންކުރުމަށް ފަލާހު ނަސޭހަތްދެއްވި އެވެ. އަދި އޭނާ ސިފަކުރެއްވި ގޮތުގައި 2013 އިން ފެށިގެން 2018 އާ ހަމައަށް ދިޔަ ރައީސް ޔާމީންގެ ވެރިކަމަކީ ބޭސް ކައިގެން ވެސް ނުފިލާ ވަރުގެ ބޮޑު ބޮލުގަ ރިހުމެކެވެ.

އެދުވަހު އަޅުގަނޑުމެންގެ ޕާޓީގެ ޗެއާޕަރސަންމެން ވަރަށް ތަފްސީލްކޮށް ދެންނެވި ތިހެން ނަހަދާށޭ. ޖަލުގަ ތިބި ބޭފުޅުން ނެރޭށޭ. ވައްކަންކޮށްފަ ނަގާފަ ތިހިރަ ލާރިކޮޅުކޮޅު ދައުލަތަށް ދޭށޭ. ކޯޓުތަކުގެ ޓިނާ އެއްޗެހި ނުނަގާށޭ. އެކަމަކު ވިދާޅުވީ ތިހެނެއް ނުވާނޭ. އެމީހުން ޖަލުގައި ބައިތިބައިގެންނޭ ތިމަންނާ ހުވާކުރައްވާނީ

ފަލާހު ވިދާޅުވީ އަމިއްލައަށް އުޅުއްވި ގޮތުން ވެރިކަން ގެއްލުނީމަ މިއަދު ނިކުމެ މި ވެރިމަށް ފާޑު ކިޔާނެ ޖާގައެއް ނެތް ކަމަށެވެ. ކޮންމެ ވާހަކައެއް ދެއްކިޔަސް މި ސަރުކާރުން އެ މަންޒަރުތައް ނުދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް ފަލާހު އެރުވި އެވެ.

މި ސަރުކާރަކީ އެއްވެސް ކަންބޮޑުވުމެއް ބޮލުގަ ރިހުމެއް ނެތި ހަމަޖެހިލައިގެން ރައްޔިތުންނަށް ވެސް އަދި ޕީއެންސީގެ މެމްބަރުންނާއި ލީޑަރޝިޕަށް ވެސް އުޅެން ލިބޭ ވެރިކަމެއްގެ ގޮތުގައި ސިފަކުރައްވާ ވިދާޅުވީ ވެރިކަމަށް ޓިކެޓު ދޭން ދެވަނަ ފަހަރަކަށް ވެސް ނިންމެވީ ހަމަ އެހެންވެ ކަމަށެވެ.