ސަރުކާރުގެ "ބިންވެރިޔާ" މަޝްރޫއުގެ ތެރެއިން ގުޅިފަޅުން ބޯހިޔާވަހިކަން ލިބުނު މީހުންގެ ތެރެއިން މިހާތަނަށް 1،393 މީހަކަށް އެމީހުންގެ ބިންތައް ރަސްމީކޮށް ހަވާލުކޮށްފިއެވެ.
ހައުސިންގ މިނިސްޓްރީން ހާމަކޮށްފައިވާ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، މި ސްކީމުގެ ދަށުން ގުޅިފަޅުން ކަނޑައަޅާފައިވާ ޖުމްލަ 3،548 ޕްލޮޓްގެ ތެރެއިން 39.3 އިންސައްތަ ބިން މިހާރު ވަނީ ހައްޤުވެރިންނާ ހަވާލުކޮށް ނިމިފައެވެ. އަދި ރަޖިސްޓަރީ ދޫކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާއިރު، 3،086 ފަރާތަކަށް ވަނީ ރަޖިސްޓަރީ ހަވާލުކޮށްފައެވެ. މިއީ މުޅި މަޝްރޫއުގެ 87 އިންސައްތައެވެ.
ގޯތި ހަވާލުކުރިކަމުގެ ލިޔެކިޔުންތައް ޑިޖިޓަލްކޮށް "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް މިހާރު ފަސޭހަކަމާއެކު ބަލައިލެވޭނެއެވެ. މީގެއިތުރުން، ތިލަމާލެ ބްރިޖްގެ މަސައްކަތަށާއި އެހެނިހެން ބޭނުންތަކަށް މިވަގުތު ބޭނުންކުރަމުންދާ ސަރަޙައްދުތަކުގައި ހުރި ގޯތިތައް، އެތަންތަން ހުސްވިހާ އަވަހަކަށް ވެރިފަރާތްތަކާ ޙަވާލުކުރާނެ ކަމުގެ ޔަޤީންކަން ސަރުކާރުން ދެއެވެ.
މި ސަރުކާރުން ވަނީ ބިންވެރިޔާ ސްކީމުގެ އެއްބަސްވުމަށް މުހިންމު ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، ގޯތި ލިބޭ މީހެއްގެ ނަމުގައި ރާއްޖޭގެ އެއްވެސް ތަނެއްގައި 600 އަކަފޫޓަށް ވުރެ ކުޑަ ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް، އެއްމެދު އިމާރާތެއް، ފްލެޓެއް ނުވަތަ ސޯޝަލް ހައުސިން ޔުނިޓެއް އޮތްނަމަ، އެތަނެއްގެ ހިއްސާ އެއްވެސް އަގަކާ ނުލައި އެއްމެދު މިލްކުވެރިންނަށް ދޫކޮށްލަން ޖެހެއެވެ. އަދި އެފަދަ ހިއްސާދާރަކު ނެތްނަމަ، އެ ތަން ސަރުކާރަށް ދޫކޮށްލަން އެއްބަސްވާންޖެހޭ ގޮތަށް ވަނީ އިސްލާހުކޮށްފައެވެ.
ގުޅިފަޅު ތަރައްޤީކުރުމަށް އެކުލަވާލާފައިވާ އައު ލޭންޑް ޔޫސް ޕްލޭނަކީ ހުރިހާ ޚިދުމަތްތަކެއް އެކުލެވޭ ފުރިހަމަ ޓައުންޝިޕެކެވެ. މި ޕްލޭނުގައި އާންމު ދިރިއުޅުމުގެ ބިންތަކުގެ އިތުރުން ސޯޝަލް ހައުސިން، ސިއްޙީ އަދި ތަޢުލީމީ މަރުކަޒުތައް، ޞިނާޢީ މަސައްކަތްތަކަށް ޚާއްޞަ ސަރަޙައްދުތަކާއި ސިޓީ ހޮޓާ އެޅުމަށް ބިން ވަނީ ކަނޑައަޅާފައެވެ. ހަމައެއާއެކު، ހިތްފަސޭހަ ދިރިއުޅުމަކަށް ބޭނުންވާ ޕާކުތަކާއި ކުޅިވަރު ކުޅޭނެ ވަޞީލަތްތައް ވެސް މި ޕްލޭނުގައި ވަނީ ހިމަނާފައެވެ.