އިންޑިއާއިން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ބޮޑު ދަރަނި ސަރުކާރުން އެއްކޮށް ދައްކައި ނިންމާލުމާ ގުޅިގެން، ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށްޓަކައި އިދިކޮޅު ފަރާތްތަކުން ދެން އެހެން މައުޟޫއެއް ހޯދަން ޖެހިއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދަރަނި ދެއްކުމަށް ކުރަމުންދާ ކާމިޔާބު މަސައްކަތްތަކާ ގުޅޭގޮތުން މުންދު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެ ބަނގުރޫޓުވެ ޑީފޯލްޓް ވާނެ ކަމަށް ބަލައިގެން ދުޢާކުރަމުންދިޔަ ފަރާތްތަކަށާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ދޭން އޮތް މެސެޖަކީ ފެންނަން އޮތް ހަގީގަތް ކަމަށެވެ. އެގޮތުން، އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ ބޮލުގައި އެޅުވި ބޮޑު ދަރަނި، އިތުރު ދަރަންޏަކާ ނުލައި މި ސަރުކާރުން މިހާރު ދައްކައި ޚަލާސްކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ޤައުމަށް ބޭނުންވާ ތެލާއި އަސާސީ ކާބޯތަކެތި ހޯދުމަށް ދައުލަތުގައި ފައިސާ އެބަހުރި ކަމަށާއި، ވެރިކަން ބަދަލުވިއިރު ޔޫޒަބަލް ރިޒާވްގައި ބާކީ ދެ މިލިއަން ޑޮލަރު ބެހެއްޓި ބަޔަކު ރިޒާވްގެ ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް މުންދު ވިދާޅުވިއެވެ.
މި ދަރަންޏަކީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ޓީބިލް ވިއްކައިގެން ނަގާފައިވާ 150 މިލިއަން ޑޮލަރުގެ ފެސިލިޓީއެކެވެ. މާލީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، ތިން މަރުހަލާއަކަށް ބަހާލައިގެން ދައްކަމުން ދިޔަ މި ފައިސާގެ ތެރެއިން މިއަހަރުގެ ޖެނުއަރީ އަދި މެއި މަހު ވަނީ 50 މިލިއަން ޑޮލަރުގެ ދެ ޕޭމަންޓް ދައްކާފައެވެ. އަދި ބާކީ އޮތް އެންމެ ފަހު 50 މިލިއަން ޑޮލަރު މިއަދު ދައްކައި، މުޅި ފެސިލިޓީ ވަނީ އެއްކޮށް ސަރުކާރުން ނިންމާލާފައެވެ.
ބޭރުގެ ދަރަނިތައް މިގޮތަށް އަދާކުރަމުން ދިޔަ ނަމަވެސް، ރާއްޖެއަށް ބޭނުންވާ އެންމެހައި ޒަރޫރީ މުދާ އެތެރެކުރުމަށް ދަތިނުވާނެހެން ބޭރު ފައިސާގެ ކަންކަން ސަރުކާރުން ވަނީ އިންތިޒާމުކޮށްފައެވެ. އެމްއެމްއޭގެ ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ އޮގަސްޓު މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް ވަނީ ގާތްގަނޑަކަށް 644 މިލިއަން ޑޮލަރަށް އަރާފައެވެ.
މާލީ ވުޒާރާއިން ފާހަގަކުރާ ގޮތުގައި، ކުރިއަށް އޮތް ތަނުގައިވެސް ދަރަނިތައް ދެއްކުމަށްޓަކައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ގަވާއިދުން ފައިސާ ޖަމާކުރަމުން ގެންދާނެއެވެ. އަދި ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި އެކުވެރި ޤައުމުތަކާއެކު ބާއްވަމުންދާ ގުޅުންތަކުގެ ތެރެއިން، ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެ ވުޒާރާއިން އަރުވައެވެ.