MTCC

ގާލްގައިޑް ހަރަކާތުން ބިނާކުރަނީ މުޖުތަމައަށް ބޭނުންތެރި، އަޚްލާޤު ރަނގަޅު އަންހެން ދަރިން: މެޑަމް

473082_5a8c7865-3_

ގާލްގައިޑް ހަރަކާތުން ބިނާކުރަނީ މުޖުތަމައަށް ބޭނުންތެރި، އަޚްލާޤު ރަނގަޅު އަންހެން ދަރިން: މެޑަމް

SHARE

ގާލްގައިޑު ހަރަކާތުން މުޖުތަމައުއަށް ބޭނުންތެރި، އަހުލާގު ރަނގަޅު އަންހެން ދަރިން ބިނާކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

މެޑަމް ސާޖިދާ މިހެން ވިދާޅުވީ މޯލްޑިވްސް ގާރލްގައިޑް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ 25 ވަނަ ނޭޝަނަލް ޕެޓްރޯލް ލީޑަރސް ޓްރޭނިންގ ކޭމްޕް (ޕީޓީއެލް) ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.

ވިލިމާލޭގައި ބޭއްވި މި ރަސްމިއްޔާތަށް މެޑަމް ވަޑައިގެންނެވުމުން، އެކި ސްކޫލްތަކުގެ ދަރިވަރުންގެ ފަރާތުން އެކަމަނާއަށް ވަނީ ރަސްމީ "ގާރޑް އޮފް އޮނަރ" އެއް އަރުވާފައެވެ. އަދި މި ހަފްލާގައި މޯލްޑިވްސް ގާރލްގައިޑް އެސޯސިއޭޝަނުގެ ޗީފް ކޮމިޝަނަރ ޢާއިޝަތު ނަޝީދާ ވަނީ އެކަމަނާއަށް ޚާއްސަ ހަނދާނީ ހަދިޔާއެއް ވެދުމަށް އަރުވާފައެވެ. މީގެއިތުރުން، މި ކޭމްޕް ކާމިޔާބުކަމާއެކު ހިންގުމަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިން ތިން ފަރާތަކަށް މެޑަމް ސާޖިދާ ވަނީ ރަމްޒީ ހަދިޔާ ޙަވާލުކޮށްދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ދަރިވަރުން ބައިވެރިވި މި މުހިންމު ތަމްރީނު ކޭމްޕަށް ވަޑައިގެންނެވުމުގެ ފުރުސަތު ލިބިވަޑައިގަތުމުން އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ޕީޓީއެލްގެ ޚިދުމަތަށް 25 އަހަރު ފުރުމާއި، ކުރިއަށް އޮތް އަހަރަކީ ރާއްޖޭގެ ގާރލްގައިޑް ޙަރަކާތަށް 75 އަހަރު ފުރޭ ޑައިމަންޑް ޖުބިލީ އަހަރުކަން ފާހަގަކުރައްވައި، އެ ޙަރަކާތުގެ އިސް ސަފުގައި މަސައްކަތްކުރައްވާ އެންމެހާ ބޭފުޅުންނަށް އެކަމަނާ ތަހުނިޔާ އަރިސްކުރެއްވިއެވެ.

އެކަމަނާގެ ވާހަކަފުޅުގައި، ގާރލްގައިޑް ޙަރަކާތަށް 75 އަހަރު ފުރިގެންދާއިރު، އެއިން ރަމްޒުކޮށްދެނީ ދިވެހިން އަބަދުވެސް އުނގެނުމަށާއި ރިވެތި އަޚްލާޤަށް ދޭ މަތިވެރި ޤަދަރުކަން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، މި ޙަރަކާތުގެ ސަބަބުން ވަގުތަށް ކަމޭހިތުމާއި، ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިހުރުމާއި، މުރާލިކަމާއެކު ކަންކަން ކުރުމުގެ އިތުރުން އާއިލާއަށް ލޯތްބާއި އަޅާލުން ދޭނޭ ގޮތްހުރި އަންހެން ދަރިންތަކެއް މުޖުތަމައުގައި ބިނާވެގެންދާކަމަށް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ، ގާރލްގައިޑަކީ ހަމައެކަނި ފަރުދީ ޝަޚްސިއްޔަތު ބިނާކުރުމުގެ އިތުރުން އިންސާނިއްޔަތުކަމާއި ޖަމާޢަތުގެ ލާބައަށް މަސައްކަތްކުރުމުގެ މަތިވެރި ރޫހު އާލާކޮށްދޭ ޙަރަކާތެއް ކަމަށެވެ. އަދި ކޮންމެ ދަރިވަރަކީވެސް ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ، ޤައުމަށް ބޭނުންވާ ކޮންމެ ދާއިރާއަކުންވެސް އެންމެ މަތީ ފެންވަރުގައި ޚިދުމަތްކޮށްދޭ، ޤައުމުގެ ކުރިބޯށްޓަށް ވާސިލުވާނެ ދަރިންތަކަކަށް ވުމަށް އެކަމަނާ ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތަށްފަހު، މެޑަމް ވަނީ ޕެޓްރޯލް ލީޑަރސް ޓްރޭނިންގ ކޭމްޕްގެ އެކި ސަރަޙައްދުތައް ބައްލަވާލައްވައި، ކޭމްޕްގެ ބައިވެރިންނާއެކު ހަނދާނީ ފޮޓޯއެއް ނަންގަވާފައެވެ.