ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޒުވާނުންގެ މަޖިލީހަށް 7 މެންބަރުން އިންތިޚާބުކޮށްފިއެވެ.
މި މެންބަރުން އިންތިޚާބުކޮށްފައިވަނީ ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށްދާ އެ ޕާޓީގެ މަތީ މަޖިލީހުގެ ޖަލްސާގައެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުން 1،300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާ މި ބައްދަލުވުމުގައި ޕާޓީގެ އެކި ގުނަވަންތަކަށް މެންބަރުން ހޮވުމަށް މިއަދު ވަނީ ވޯޓުލުން ކުރިއަށް ގެންގޮސްފައެވެ.
ޕީއެންސީގެ ޒުވާނުންގެ މަޖިލީހަށް އިންތިޚާބުވި 7 މެންބަރުންނާއި އެ ބޭފުޅުންނަށް ލިބުނު ވޯޓުގެ އަދަދުތައް:
- ސިމާން ހާދީ – 881 ވޯޓް
- އިބްރާހިމް އަދްޔާން ނިމާލް – 857 ވޯޓް
- މަލްޝާ ޝަރީފް – 856 ވޯޓް
- މުހައްމަދު އަސީލް – 852 ވޯޓް
- ލުޖައިނުﷲ ޒުހެއިރު – 851 ވޯޓް
- އިސްމާއިލް ރިފާއު – 850 ވޯޓް
- ހައްމާދު ރަޝީދު – 849 ވޯޓް
މީގެއިތުރުން، ޕީއެންސީގެ ޒުވާނުންގެ ހަރަކާތުގެ ރައީސަކަށް އިންތިޚާބަކާ ނުލައި ހޮވިވަޑައިގެންފައިވަނީ ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަ ސެކްރެޓަރީ އިބްރާހިމް އަބާން އަބްދުއްލަތީފެވެ.
ޕީއެންސީގެ މެންބަރުންގެ މަޖިލީހަށް ޖުމްލަ 35 ބޭފުޅަކު އިންތިޚާބުކޮށްފައިވާއިރު، އޭގެ ތެރޭގައި ޒުވާނުންގެ އިތުރުން އަންހެނުންގެ މަޖިލީހުގެ 10 މެންބަރުންނާއި، އާންމު މެންބަރުންގެ ގޮތުގައި 18 ބޭފުޅަކު ހިމެނެއެވެ. ޕާޓީގެ އެތެރޭގެ އިންތިޚާބުތައް ކުރިއަށްދާ މި މަތީ މަޖިލިސް އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.