ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަދި މި ސަރުކާރުގެ ވެސް އެންމެ އިސް އަދި ހަމައެކަނި އަމާޒަކީ ޤައުމީ މަސްލަހަތު އިސްކޮށް، ރާއްޖޭގެ އިޤްތިސާދު ހަރުދަނާ ބިންގަލެއްގެ މައްޗަށް ބިނާކޮށް ރައްޔިތުން އެދޭ ފަދަ ތަރައްޤީ ގެނެސްދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ގޮތުގައި އޮތް ޕީއެންސީގެ މަތީ މަޖިލިސް (ސެނެޓް) ރަސްމީކޮށް ފެށުމުގެ ގޮތުން ސޯޝަލް ސެންޓަރުގައި ބޭއްވި ކުލަގަދަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ވެރިކަން ކުރާ ޕާޓީގެ އިސް ވެރިންނާއި، މާލެއާއި އަތޮޅުތަކުން ވަޑައިގެންނެވި 1،300 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި ޕީއެންސީއަކީ އަބަދުވެސް ޒިންމާދާރުކަމާއެކު ސިޔާސީ މަސައްކަތްތައް ކުރިއަށްގެންދާ، އަދި ކޮންމެ ކަމެއްގައި ވެސް ޤައުމީ މަސްލަހަތަށް އިސްކަންދޭ ޕާޓީއެކެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަޙުގައި ހަރަކާތްތެރިވާ އެހެނިހެން ޕާޓީތަކުން ވެސް މިފަދަ ޒިންމާދާރު އުސޫލުތަކެއް ގެންގުޅުމަކީ މުޅި ޤައުމުގެ ކުރިއެރުމަށް ކޮންމެހެން މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވ
މާތްވެގެންވާ އިސްލާމްދީނުގެ ހަމަތަކަކީ ދިވެހިންގެ އެންމެ މައިގަނޑު އަސާސްކަން ހަނދާންކޮށްދެއްވަމުން ރައީސް ވިދާޅުވީ، ޤައުމު އިސްކުރުމުގެ ވިސްނުމަކީ ތާރީޚުގައި ދިވެހިން ތަޙައްމަލުކުރި ތަފާތު ތަޖުރިބާތަކާއި ކާމިޔާބީތަކުގެ އަލީގައި ބައްޓަންވެފައިވާ ފިކުރެއް ކަމަށެވެ. ޕީއެންސީގެ ސިޔާސަތުތައް ބިނާވެފައިވަނީ ޤައުމީ ހަމަޖެހުމާއި، ދެމެހެއްޓެނިވި ތަރައްޤީ އަދި ރައްކާތެރިކަމުގެ މައްޗަށް ކަމަށްވާއިރު، ސަރުކާރުގެ "ދިވެހިންގެރާއްޖެ" މެނިފެސްޓޯއަކީ ވެސް ޒާތީ އަދި ޕާޓީގެ ފައިދާއަށްވުރެ ބޮޑަށް މުޅި ޤައުމުގެ ލާބައަށްޓަކައި އެކަށައަޅާފައިވާ ހަރުދަނާ ސިޔާސަތެއް ކަމަށް ރައީސް ތަފްސީލުކޮށްދެއްވިއެވެ.
"އަޅުގަނޑުމެންނަކީ މުސްލިމުން. އެހެންވީމަ އަޅުގަނޑު އެދެނީ ޕީއެންސީގެ ހުރިހާ މެމްބަރުންގެ ކިބައިންނާއި ހާއްސަކޮށް ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ކިބައިން އެދެން ބޭނުންވަނީ އަޅުގަނޑުމެންގެ ސިޔާސީ އެލައިންމަންޓް ކޮންމެ ޕާޓީއެއްގައި އޮތަސް، އަޅުގަނޑުމެންނަކީ ހަނދާން ކުރަމާ ހިނގާށޭ ދެންމެ ދެންނެވި ކަންތައް، އެއީ ކޮން ކަމެއްތޯ؟ އަޅުގަނޑުމެންނަކީ ދިވެހިންނޭ،" ރައީސް ވިދާޅުވިއެވެ.
އުމްރާނީ ތަރައްޤީއާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ކިތަންމެ އުސް ޢިމާރާތްތަކަކާއި ބޮޑެތި މަޝްރޫޢުތަކެއް ހިންގި ނަމަވެސް، ރައްޔިތުންގެ ހިތްތަކުގައި ޤައުމީ ލޯތްބާއި ޤައުމިއްޔަތުގެ ރޫޙު ނެތްނަމަ އެ ތަރައްޤީގެ އެދެވޭ ފައިދާއެއް ނުފެންނާނެ ކަމަށެވެ. އަދި ސިޔާސީ ގޮތުން ކޮންމެ ފިކުރެއް ގެންގުޅުނު ކަމުގައި ވިޔަސް، އެންމެންނަކީ ވެސް އެއްބައިވަންތަ ދިވެހި މުސްލިމުންކަން ދެމެހެއްޓުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
މީގެއިތުރުން، އެތެރޭގެ ޑިމޮކްރަސީ ހަރުދަނާކުރުމަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އިންތިޚާބުތަކުގައި ކާމިޔާބީ އާއި ނާކާމިޔާބީއާ ކުރިމަތިލާންޖެހޭނެ ކަމަށާއި، ކާމިޔާބު ނުވާ ފަރާތްތަކުން ކާމިޔާބު ހޯދާ ފަރާތްތަކަށް މަރުޙަބާ ކިޔައި، އެކުވެރިކަމާއެކު ކުރިއަށް ދިއުމަކީ ދައްކަންޖެހޭ ރީތި ޑިމޮކްރެޓިކް މިސާލެއް ކަމަށެވެ. ޚާއްޞަކޮށް ޒުވާން ޖީލަށް މިފަދަ ރިވެތި އާދަތައް ދައްކައިދިނުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ކޮންގްރެސްގެ ހުރިހާ ކަމެއް މިހާތަނަށް ތި ގެންދަވަނީ ވަރަށް އެކުވެރިކަމާއެކީގައި. ވަރަށް، ފުރިހަމަ ލާމަސީލް މިސާލެއް ތި ދައްކަވަނީ. އިރާދަކުރެއްވިއްޔާ ނިމިގެންދާނީ ވެސް އެގޮތުގައި." ރައީސް ވިދާޅުވިއެވެ.
ޕީއެންސީގެ މި މުހިންމު ސެނެޓް ބައްދަލުވުން ހުކުރު ދުވަހުގެ ނިޔަލަށް ސޯޝަލް ސެންޓަރުގައި ކުރިއަށްދާއިރު، މާދަމާގެ ވަގުތުތަކުގައި ޕާޓީގެ އެކި މަޤާމުތަކަށް މެންބަރުން ހޮވުމުގެ މުހިންމު ސެޝަންތައް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.