MTCC

ރާއްޖެއާއި މެލޭޝިއާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަނީ

saw

ރާއްޖެއާއި މެލޭޝިއާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަނީ

SHARE

ރާއްޖެއާއި މެލޭޝިއާއާ ދެމެދު ވިޔަފާރީގެ ހާއްސަ އެއްބަސްވުމެއް (ޓްރޭޑް އެގްރީމަންޓް) ޤާއިމުކުރުމަށްޓަކައި ކުރަންޖެހޭ މަޝްވަރާތައް ފެށުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ.

މިކަން ހާމަކުރެއްވީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ ދެމެދުގައި ބޭއްވުނު މަތީ ފަންތީގެ މަޝްވަރާތަކަށްފަހު ދެއްވި ގުޅިފައިވާ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.

ރައީސް ވިދާޅުވީ، މެލޭޝިއާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އެކުވެރިކަމާއި އިހްތިރާމް ރަމްޒުކޮށްދޭ ދަތުރުފުޅެއް ކަމަށާއި، މި ބައްދަލުވުންތަކުގެ ސަބަބުން ދޭދޭ ގުޅުން އައު އުސްމިންތަކަކަށް ވާސިލުވެގެންދާނެ ކަމަށެވެ. އެގޮތުން އިޤްތިސާދީ ގުޅުން ވަރުގަދަކުރުމުގެ އިތުރުން، ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުޞަތުތަކުގެ ބޭނުން ހިފުމަށް މެލޭޝިއާގެ ވިޔަފާރިވެރިންނަށް ދަޢުވަތު ދެއްވި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި އިއާދަކުރަނިވި ހަކަތަ، ޑިޖިޓަލް އިންފްރާސްޓްރަކްޗަރ، ޢިމާރާތްކުރުން އަދި އިސްލާމިކް ފައިނޭންސްގެ ދާއިރާތައް ހިމެނެއެވެ.

މީގެއިތުރުން، ތަޢުލީމީ ދާއިރާއިން ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމުގައި މެލޭޝިއާއިން ވެދޭ އެހީތެރިކަން ފާހަގަކުރައްވައި، ވިސާގެ ލުއިފަސޭހަތަކާއި ސްކޮލަރޝިޕްގެ ފުރުސަތުތައް އިތުރުކުރުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ. އަދި މެލޭޝިއާގައި ދިރިއުޅޭ ދިވެހި ޢާއިލާތަކަށާއި، ބޭސްފަރުވާއަށް އެ ޤައުމަށް ދަތުރުކުރާ ދިވެހިންނަށް ދިމާވާ ދަތިތައް ޙައްލުކޮށްދިނުމަށް ވެސް މި ބައްދަލުވުމުގައި ހާއްސަ އިސްކަމެއް ދެއްވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ޙަލާލް ޓޫރިޒަމާއި، ސަޤާފީ އަދި ދީނީ ފަތުރުވެރިކަން ފުޅާކުރުމަށް ދެބޭފުޅުން މަޝްވަރާކުރެއްވިއިރު، ބައިނަލްއަޤްވާމީ މައިދާނުގައި ވެސް ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމަށް ވަނީ ނިންމަވާފައެވެ. ވަކިން ހާއްސަކޮށް، އަނިޔާވެރިކަމާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯދައިދިނުމަށާއި، ފަލަސްތީނުގެ މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް ވަކާލާތުކުރުމުގައި ދެ ޤައުމުން އަބަދުވެސް އެކުގައި ސާބިތުވެ ތިބޭނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ތަކުރާރުކުރައްވާފައެވެ.