ރާއްޖޭގެ މަރުކަޒީ ބޭންކު (އެމްއެމްއޭ) އަށް ބޭނުންވާ 100 މިލިއަން ޑޮލަރުގެ މާލީ އެހީތެރިކަން (ފެސިލިޓީ) ފޯރުކޮށްދިނުމަށާއި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެއްޖެ އެވެ.
މިކަން އިޢުލާނު ކުރެއްވީ ރަސްމީ ދަތުރުފުޅެއްގައި މިއަދު ރާއްޖެ ވަޑައިގެންނެވި މެލޭޝިއާގެ ބޮޑުވަޒީރު ދާތޯ ސެރީ އަންވަރު އިބްރާހީމެވެ. ރައީސް އޮފީހުގައި ބޭއްވި ދެގައުމުގެ ރަސްމީ ވާހަކަތަކަށްފަހު ދެއްވި ގުޅިފައިވާ ބަޔާނުގައި ބޮޑުވަޒީރު އަންވަރު ވިދާޅުވީ، އެމްއެމްއޭއަށް އެހީތެރިކަން ހޯދުމަށް ރައީސް މުޢިއްޒު ފޮނުއްވި ސިޓީފުޅަށް އިޖާބަދީ، މެލޭޝިއާގެ މަރުކަޒީ ބޭންކު ކަމަށްވާ "ބޭންކް ނެގާރާ މެލޭޝިއާ" އާއި އެމްއެމްއޭ ގުޅިގެން މި ފެސިލިޓީގެ އުސޫލުތައް އެކަށައަޅައި، އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ކުރިއަށްދާނެ ކަމަށެވެ.
"އެމްއެމްއޭއިން އެދުނު 100 މިލިއަން ޑޮލަރުގެ ފެސިލިޓީއަށް އިޖާބަދިނުމަށް މެލޭޝިއާގެ ސެންޓްރަލް ބޭންކް، ބޭންކް ނެގާރާއަށް ދެންނެވުމާ ގުޅޭގޮތުން ރައީސް ވަނީ އަޅުގަނޑަށް ސިޓީފުޅެއް ފޮނުއްވާފައި. އަޅުގަނޑުމެން މިވަނީ މިކަމަށް އެއްބާރުލުން ދިނުމަށް އެއްބަސްވެފައި." އަންވަރު ވިދާޅުވިއެވެ.

ދެޤައުމުގެ މަޝްވަރާތަކުގައި އިޤްތިސާދީ ދާއިރާގެ އިތުރުން އިޖުތިމާޢީ އަދި ތަޢުލީމީ ދާއިރާއިން އެއްބާރުލުން ދިނުމަށް ވެސް ވަނީ ނިންމާފައެވެ. އެގޮތުން މެލޭޝިއާގައި މިހާރުވެސް 2000 އަށްވުރެ ގިނަ ދިވެހި ދަރިވަރުން ކިޔަވަމުންދާތީ، އެ ކުދިންނާއެކު ދިރިއުޅޭ ބެލެނިވެރިންނަށް ވިސާ ހޯދުމުގައި ދިމާވާ ދަތިތަކަށް މެލޭޝިއާގެ ކެބިނެޓް މެދުވެރިކޮށް ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން ދެޤައުމުގެ ޖޮއިންޓް ކޮމިޝަންގެ ބައްދަލުވުމެއް މިއަހަރު ނިމުމުގެ ކުރިން ކުއާލަލަމްޕޫރުގައި ބާއްވައި، މުހިންމު ކަންކަން ހައްލުކުރުމަށް ވަނީ ހުށަހަޅުއްވާފައެވެ.
ރައީސް ޑރ. މުޢިއްޒުގެ ލީޑަރޝިޕަށް ތައުރީފު ކުރައްވަމުން ބޮޑުވަޒީރު އަންވަރު ވިދާޅުވީ، ރައީސް މުއިއްޒަކީ މަޑުމައިތިރި، ނަމަވެސް މޮޅު އިންޖިނިއަރެއް ފަދައިން ކަންކަން ވަރަށް ތަރުތީބުން އަދި ސާފުކޮށް ހުށަހަޅުއްވާ ލީޑަރެއް ކަމަށެވެ. އެހެންކަމުން އެމަނިކުފާނު ހުށަހެޅުއްވި ކަންކަމަށް ފުރިހަމައަށް އެއްބަސްވެ، އެކަންކަން ހާސިލުކޮށްދެއްވާނެ ކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.
ބައިނަލްއަޤްވާމީ މަސްރަޙަށް އަލިއަޅުއްވާލައްވަމުން، ފަލަސްޠީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމާއި އުދުވާން ދެ ބޭފުޅުން ވެސް ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވިއެވެ. އަދި އިންސާނީ ޙައްޤުތަކުގެ ވާހަކަދައްކާ ބައެއް ޤައުމުތަކުން މި އަނިޔާވެރިކަމަށް ލޯމަރާލާފައިވީ ނަމަވެސް، ފަލަސްޠީނުގެ ޙައްޤުގައި ދިވެހި ސަރުކާރާއި ރައީސް މުޢިއްޒު ގެންގުޅުއްވާ ސާބިތު ސްޓޭންޑަށް ބޮޑުވަޒީރު އަންވަރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ދެ ޤައުމުގެ ވެރިންވެސް ފާހަގަކުރެއްވި ގޮތުގައި، މި ރަސްމީ ދަތުރުފުޅަކީ ރާއްޖެއާއި މެލޭޝިއާއާ ދެމެދު އޮތް ޒަމާންވީ އަޚުވަންތަ ގުޅުން އައު ހަރުފަތަކަށް ގެންގޮސްދިން މުހިންމު ފިޔަވަޅެކެވެ.