ދިވެހީންގެ ތެރޭގައި އިހުއޮތް އެކަކު އަނެކަކަށް އިޙްތިރާމްކުރުމުގެ ރިވެތި އާދަކާދަ ދިރުވައި އާލާކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫއު" ގެ ލޯގޯ ފަރުމާކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފަސް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޤައުމީ މަޝްރޫއުގައި ބޭނުންކުރާނެ ލޯގޯ ފަރުމާކުރުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލާފައިވަނީ، މިކަމަށްޓަކައި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫއަށް ފަރުމާކުރާ ލޯގޯ ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އެވެ. ލޯގޯ ހުށަހަޅަން ޖެހޭނީ އެ ވުޒާރާއަށެވެ.
މި މުބާރާތަށް ހުށަހަޅާ ލޯގޯތަކުގެ ތެރެއިން އެއްވަނައަށް ހޮވޭ ލޯގޯ ކަނޑައަޅާނީ އެ ވުޒާރާއިން އެކުލަވާލާ ހާއްސަ ފަނޑިޔާރުންގެ ޕެނަލަކުންނެވެ. އަދި އެއްވަނައަށް ހޮވޭ ލޯގޯ ފަރުމާކުރި ފަރާތަކަށް އިނާމެއްގެ ގޮތުގައި -/60,000 (ފަސްދޮޅަސް ހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢުގެ ލޯގޯ ފަރުމާކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ބަޔާންކޮށްފައިވާ ލިޔުން، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވެބްސައިޓް (https://mach.gov.mv/dv/downloads/logousool) އިން މިހާރު ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
މީގެއިތުރުން، މި ޤައުމީ މުހިންމު މަޝްރޫޢުގެ މީޑިއާ ޕާޓްނަރުންގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ މީޑިއާތަކަށް މިހާރު ވަނީ ހުޅުވާލާފައެވެ.