ވެރިކަންކުރާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މަތީ މަޖިލިސް (ކޮންގްރެސް) 1،300 އަށް ވުރެ ގިނަ މަންދޫބުންނާ އެކު މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މިއަދުން ފެށިގެން އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ބައްދަލުވުމަކީ ޕާޓީގެ ހިންގުން ހަރުދަނާކޮށް، މުހިންމު މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރުމަށް ބާއްވާ ހާއްސަ ކޮންގްރެސްއެކެވެ. މިއަދު ހެނދުނު 7:00 ގައި ފެށި ސެޝަންތައް މިރޭ 20:00 އާ ހަމައަށް ކުރިއަށްދާއިރު، މައިގަނޑު ގޮތެއްގައި އޮންނާނީ އަސާސީ ގަވާއިދު އެކުލަވައިލުމާއި ގައުމީ ތަރައްގީއާ ގުޅޭގޮތުން ވަޒީރުން މައުލޫމާތު ދެއްވުމުގެ ސެޝަންތަކެވެ.
މި ކޮންގްރެސް ފައްޓަވައިދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ސަރުކާރުގެ ތަރައްގީގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ޕާޓީގެ ދައުރު ފުޅާކުރަންޖެހޭ ކަމަށެވެ. އަދި ހުރިހާ މެންބަރުން އެއް އާއިލާއެއްގެ ގޮތުގައި ގައުމީ މަސްލަހަތު އިސްކޮށްގެން މަސައްކަތްކޮށް، ރާއްޖޭގެ ސިޔާސީ މައިދާނުގައި ޕީއެންސީ ވާނީ ނަމޫނާ ދައްކާނެ ޕާޓީއަކަށް ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ކޮންގްރެސް ފެށުމުގެ ކުރިން، ރައީސް ޑރ. މުއިއްޒު ވަނީ ޕާޓީގެ ސްޓިއަރިންގ ކޮމިޓީތަކާއި، ޒުވާނުންނާއި، ކައުންސިލްތަކުގެ އިތުރުން އަންހެނުންގެ ގޮފީގެ އިސް ފަރާތްތަކާ ވަކިވަކިން ބައްދަލުކުރައްވައި، ޕާޓީ ކުރިއެރުވުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

މި ކޮންގްރެސްގެ ތެރެއިން ޕާޓީގެ އެކި މަގާމުތަކަށް މެންބަރުން ހޮވުން އޮންނާނެއެވެ. ޕާޓީން އާންމުކޮށްފައިވާ ލިސްޓަށް ބަލާއިރު:
ނައިބު ރައީސްގެ 6 މަގާމަށް 8 ބޭފުޅަކު ވާދަކުރައްވައެވެ. އެ މެންބަރުންނަކީ:
- އަސްމާ ރަޝީދު،
- މުހައްމަދު ހުސައިން ޝަރީފް (މުންދު)،
- އަބްދުﷲ ރާފިއު،
- އަހުމަދު ޝިޔާމް،
- އިބްރާހިމް ޝުޖާއު،
- ފާތިމަތު ސައުދާ،
- މުހައްމަދު ނިމާލް އަދި
- މުހައްމަދު ސައީދު އެވެ.
އަންހެން މެންބަރުންގެ 10 މަގާމަށް 22 ބޭފުޅުން ވާދަކުރައްވާއިރު، ޒުވާނުންގެ 7 މަގާމަށް 13 ބޭފުޅުން ވާދަކުރައްވައެވެ. އާންމު މެންބަރުންގެ 18 މަގާމަށް 73 ބޭފުޅުން ކުރިމަތިލައްވާފައިވެއެވެ.

މާދަމާ އަދި ބުރާސްފަތި ދުވަހު މަގާމުތަކުގެ އިންތިހާބުގެ އިތުރުން ވަޒީރުންގެ ސެޝަންތަކާއި ޒުވާނުން އަދި އަންހެނުންގެ ހާއްސަ ހަރަކާތްތައް ކުރިއަށްދާނެއެވެ. އަދި ހުކުރު ދުވަހު މުވާސަލާތީ ސެޝަނަކާއި "ވިލުނޫ ހަވީރު" ގެ ނަމުގައި އެކުވެރިކަމުގެ ހަރަކާތެއް ބޭއްވުމަށްފަހު، އެރޭ 20:00 ގައި ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.