MTCC

ޒުވާން ޚަޠީބުންނަކީ ދިވެހިރާއްޖޭގެ އިސްލާމީ ވެށްޓަށް އަލިކަންދޭނެ ދަންމަރުތަކެއް: ރައީސް

IMG_8336

ޒުވާން ޚަޠީބުންނަކީ ދިވެހިރާއްޖޭގެ އިސްލާމީ ވެށްޓަށް އަލިކަންދޭނެ ދަންމަރުތަކެއް: ރައީސް

SHARE

ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތްކަމުގައިވާ މާތްވެގެންވާ އިސްލާމްދީނުގެ މަތީގައި ދިވެހި ޤައުމު ދެމިއޮންނަތާ 900 އަހަރު ފުރުމުގެ ފަޚުރުވެރި މުނާސަބަތު ފާހަގަކުރަމުންދާއިރު، އިސްލާމީ ދަޢުވަތުގެ ދަންމަރު އުފުލުމުގެ މައިދާނަށް 700 އަށްވުރެ ގިނަ ތަޢުލީމީ ޒުވާން ޚަޠީބުން ނުކުތުމަކީ ދިވެހިރާއްޖޭގެ އިސްލާމީ ރޫޙަށް ލިބުނު އާ ބާރެއް އަދި އާ ދިރުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ "ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ" ކާމިޔާބުކަމާއެކު ނިންމުމުގެ ގޮތުން ބޭއްވެވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ޖަލްސާގައި ދައުލަތުގެ ވަޒީރުންނާއި، ބޭރު ޤައުމުތަކުގެ ޢިއްޒަތްތެރިންނާއި، މަހާސިންތާގެ ބައިވެރިންގެ ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ވަޑައިގެންނެވި 300 އެއްހައި ޒުވާން ޚަޠީބުން އަދި އެތައް ޢިލްމުވެރިންނަކާއި ޢިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ ކުރިމަތިން ފެންނަމުންދަނީ ޤައުމާމެދު އާވާ އުންމީދުގެ ހުޅުކޮޅުތަކެއް ކަމަށާއި، ފެންނަނީ ނުހަނު އުފާވެރި، އަދަބުވެރި އަދި ކިޔަމަންތެރި ޒުވާން މޫނުތަކެއްކަން ފާހަގަކުރެއްވިއެވެ. އަދި މިފަދަ ބިޔަ މަޝްރޫޢެއް ޢަމަލީގޮތުން ކާމިޔާބުކުރެއްވުމުގައި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި، އެ ވުޒާރާގެ ހީވާގި މުވައްޒަފުން ކުރެއްވި ބުރަ މަސައްކަތް ފާހަގަކުރައްވައި ރައީސް ވަނީ އެބޭފުޅުންނަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.

ރައީސްގެ ވާހަކަފުޅުގައި، އިސްލާމްދީން މަތިވެރިކުރުމުގައި ޒުވާނުން އަދާކޮށްފައިވާ ދައުރާއި، ދައްކުވައިދީފައިވާ ޖޯޝާއި ހަކަތައިގެ މައްޗަށް ވަރަށް ތަފްޞީލުކޮށް ބައްލަވާލެއްވިއެވެ. އެގޮތުން، އިސްލާމީ ތާރީޚުގެ އެކި މަރުޙަލާތަކުން މަތިވެރި ޞަޙާބީންގެ ނަމޫނާ މިސާލުތައް އެމަނިކުފާނު ޒުވާނުންނަށް ހަނދާންކޮށްދެއްވިއެވެ.

  • އަމީރުލްމުއުމިނީން ޢަލީގެފާނު (ރަޟިޔަﷲ ޢަންހު): އެންމެ ފުރަތަމަ އިސްލާމްދީން ޤަބޫލުކުރެއްވި ކުޑަކުއްޖެއްގެ ގޮތުގައި، ވަރަށް ތުއްޕުޅު އުމުރުފުޅުން ފެށިގެން ދީނުގެ ކަންކަމުގައި އިސްނަންގަވައި އުޅުއްވިކަން.
  • ޢަބްދުﷲ ބިން ޢައްބާސް (ރަޟިޔަﷲ ޢަންހު): ކީރިތި ރަސޫލާ صـلّى الله علـيـه وسـلّم ސުވަރުގެވަޑައިގެންނެވިއިރު އުމުރުފުޅުން އެންމެ 13 އަހަރުފުޅު ނަމަވެސް، އެކަލޭގެފާނު މަޝްހޫރުވެވަޑައިގެންނެވީ "ތަރުޖަމާނުލް ޤުރްއާން" އަދި "އުންމަތުގެ ޢިލްމުގެ ކަނޑު"ގެ ލަޤަބުން ކަން.
  • ޒައިދު ބިން ޘާބިތު (ރަޟިޔަﷲ ޢަންހު): ކީރިތި ރަސޫލާގެ ވަޙީ ލިޔުއްވި ޒުވާން ކާތިބެއްގެ ގޮތުގައި މަދު ދުވަސްކޮޅެއްގެ ތެރޭގައި ޢިބްރީ ބަސް ދަސްކުރައްވައި، އަބޫބަކުރުގެފާނާއި ޢުޘްމާނުގެފާނުގެ ދައުރުގައި ކީރިތި ޤުރްއާން އެއްފޮތަކަށް ޖަމާކުރެއްވުމުގެ ބުރަ ޢިލްމީ މަސްއޫލިއްޔަތު އުފުއްލެވިކަން.
  • އުއްމުލްމުއުމިނީން ޢާއިޝާ (ރަޟިޔަﷲ ޢަންހާ): އިސްލާމީ ޢިލްމު ފެތުރުއްވުމުގައި ޒުވާން އުމުރުފުޅުގައި އަދާކުރެއްވި މަތިވެރި ދައުރު.
  • މުޞްޢަބް ބިން ޢުމައިރު (ރަޟިޔަﷲ ޢަންހު): އިސްލާމްދީނުގެ ފުރަތަމަ ސަފީރުގެ ގޮތުގައި މައްކާގެ ތަނަވަސް ދިރިއުޅުން ދޫކޮށްލައްވައި، މަދީނާއަށް ހިޖުރަކުރައްވައި ގޭގެޔަށް ދަޢުވަތު ފޯރުކޮށްދެއްވައި، މަދީނާއަކީ ހިޖުރައިގެ ބިމަކަށް ހެއްދެވުމުގައި އިސް ދައުރެއް އަދާކުރެއްވިކަން.
  • މުޢާޛް ބިން ޖަބަލް (ރަޟިޔަﷲ ޢަންހު): ޔަމަނުގެ އަހުލުވެރިންނަށް ދީން އުނގަންނައިދެއްވުމަށާއި ޤާޟީއެއްގެ ގޮތުގައި ފޮނުއްވި، ޙަލާލާއި ޙަރާމްގެ ކަންކަމުގައި އުންމަތުގެ އެންމެ ޢިލްމުވެރި އެއް ބޭކަލެއްކަން.
  • މުޙައްމަދު ބިން އަލްޤާސިމް (ރަޙިމަހުﷲ): އުމުރުން އެންމެ 17 އަހަރުގައި ސިންދުކަރަޔާއި ހިންދުސްތާނުގެ ބައްރަށް އިސްލާމީ ފަތަޙަ ގެންދަވައި، އެ ސަރަޙައްދުގައި އަމަންޤާއިމުކުރެއްވި ކުޅަދާނަ ލީޑަރެއްކަން.

މީގެ އިތުރުން، ދިވެހި ތާރީޚުން ފެންނަ ގޮތުގައި ރާއްޖޭގެ ދީނީ ޢިލްމުވެރިންވެސް 11 އަހަރާއި 13 އަހަރު ފަދަ ޅަފަތުގެ އުމުރުގައި ޢިލްމު އުނގެނުމަށްޓަކައި ޤައުމު ދޫކުރައްވައި ބޭރަށް ވަޑައިގެން، ކުރިމަތިވި ނުރައްކާތެރި ޙާލަތްތަކާއި ދަތިތަކުގައިވެސް ކިޔެވުން ހުއްޓާނުލައި، އެނބުރި ވަޑައިގެން ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މި ތަފްޞީލީ ތާރީޚީ ފަސްމަންޒަރު ހުށަހެޅުއްވީ މައިގަނޑު ތިން ބޭނުމެއްގައި ކަމަށެވެ. ފުރަތަމަ ކަމަކީ، ޢިލްމު އުނގެނުމަކީ ބުރަ މަސައްކަތެއްކަމާއި، އެކަމުގައި ޒުވާން އުމުރުގެ މުހިންމުކަން ހަނދާންކޮށްދިނުމެވެ. އަދި ދީނަށް ޚިދުމަތްކުރުމަކީ ޒުވާނުންގެ އުފަލެއްކަން ބަޔާންކޮށްދިނުމެވެ.

ދެވަނަ ކަމަކީ، ޢިލްމުވެރިކަމުގެ ޒިންމާއާއި މަސްއޫލިއްޔަތު ވިސްނައިދިނުމެވެ. އެގޮތުން ޢިލްމަކީ ޙިކްމަތްތެރިކަމާ ގުޅިފައިވާ ކަމެއް ކަމަށާއި، ފޮތަކުން ދަސްވާ އެއްޗަކީ އޭގެ އެންމެ ފުންމިން ކަމުގައި ނުވެދާނެތީ، އިތުރު ޢިލްމާއި ތަޖުރިބާގެ ބޭނުންތެރިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ދީނަކީ މަޞްލަޙަތު ކަމަށާއި، ދީން އައީ އިންސާނީ ކަރާމާތް ނަގަހައްޓައި، މުޖުތަމަޢުގެ އެއްބައިވަންތަކަމާއި އަމާންކަން ދަމަހައްޓަން ކަމަށްވާތީ، ޢިލްމު ފޯރުކޮށްދިނުމުގައި ދުލާއި ގަލަން ހިންގަންޖެހޭ ޙާލަތްތަކާއި ގޮތްތަކަށް ނުހަނު ޙިކްމަތްތެރިކަމާއެކު ފަރުވާތެރިވުމަށް އިރުޝާދު ދެއްވިއެވެ.

ތިންވަނަ ކަމެއްގެ ގޮތުގައި އެމަނިކުފާނު އެދިވަޑައިގަތީ، ޚަޠީބުންނަކީ މީހުންނަށް މަގުދައްކައިދޭ ބަޔަކަށްވާތީ، މިއަދުގެ ޒުވާން ޚަޠީބުންނަކީ މާދަމާ ރާއްޖޭގެ ދީނީ ޢިލްމުވެރިންނަށާއި، ވިސްނުންތެރިންނަށާއި، ޙިކްމަތްތެރި އަދި ކުޅަދާނަ ބަސްމޮށުންތެރިންނަށް ވެގެންދިއުމަށެވެ. އަދި މުޖުތަމަޢުގެ ސިކުނޑިތައް އީމާންކަމުގެ ނޫރުން އުޖާލާކުރުމުގައި ޒުވާނުންގެ ދައުރު އަދާކުރުމަށެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކުން 700 ޒުވާން ޚަޠީބުން ތަމްރީނުވެގެން ދިއުމަކީ މުޅި ރާއްޖޭގެ އިސްލާމީ ވެށްޓަށް އަލިކަންދޭނެ ދަންމަރުތަކެއް އުފެދިގެން ދިއުން ކަމަށެވެ. އަދި މި ޒުވާނުންނަކީ ދިވެހީންގެ އަޚުލާޤަށް އާރޯކަންދޭނެ މުރައްބީން އަދި ޤައުމުގެ ފިކުރީ ސިކުނޑި ބައްޓަންކުރާނެ ހެޔޮލަފާ އެދުރުންތަކެއް ކަމުގައި ވިދާޅުވިއެވެ.

މީގެ އިތުރުން، ޒުވާން ކޮންމެ ޚަޠީބަކީވެސް ދުލުން ދޭ ނަސޭހަތާއި، ޢަމަލުން ދައްކާ ސުލޫކާ އެއްގޮތްވާ ފަދަ ނަމޫނާ ޝަޚްޞިއްޔަތަކަށް ވުމަށާއި، މި ބިޔަ މަސްއޫލިއްޔަތާ ފުރިހަމައަށް ޙަވާލުވުމަށް ރައީސް ތަކުރާރުކޮށް އިލްތިމާސްކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލެއްވީ، ދިވެހި ޤައުމުގެ އިސްލާމީ ޝަޚްޞިއްޔަތަށް އާރޯކަމާއި ދިރުން ދެއްވައި، ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި މިނިވަންކަންމަތީ މި ލޮބުވެތި ވަޠަން އަބަދުމެ ލެހެއްޓެވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ކުރެއްވި އިޚްލާޞްތެރި ދުޢާއިންނެވެ.