ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތާ ގުޅުވައިގެން ބިނާކުރާ "ޖާމިޢުއްސުލްޠާން މުޙައްމަދު ބިން ޢަބްދުﷲ" މިސްކިތާއި އިސްލާމީ ޙަޟާރަތާބެހޭ މަރުކަޒުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
އިއްޔެ ހަވީރު ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ލޮޓް ނަންބަރ 23248 ގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ.
މި ތާރީޚީ ބިނާގެ ބިންގާއަޅުއްވައި ދެއްވީ ރައީސް މުޢިއްޒާއި، އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. ޝަހީމް އާއި، ސަޢޫދީ ޢަރަބިއްޔާގެ އަލްރާޖިޙީ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ހިޒްއެކްސަލަންސީ އެންޖިނިއަރ ބަންދަރު ޢަބްދުﷲ އަލްރާޖިޙީ، ސަޢޫދީ ޢަރަބިއްޔާއިން ދިވެހިރާއްޖެޔަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލް ޤަހްޠާނީ އަދި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑައިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް ޢަލީ ޒުހައިރެވެ.
ރާއްޖޭގައި މިހާތަނަށް ޤާއިމުކުރާ އެންމެ ބޮޑު މިސްކިތާއި އިސްލާމީ ޙަޟާރަތުގެ މި މަޝްރޫޢަކީ ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު އައްރާޖިޙީ ކުންފުނީގެ ހިލޭ އެހީގެ ދަށުން، އެ ކުންފުނީގެ ފުރިހަމަ ޚަރަދުގައި ކުރިއަށްގެންދާ ބިޔަ މަޝްރޫޢެކެވެ.
މި މަރުކަޒުގައި ހިމެނޭ މައި މިސްކިތަކީ އެއްފަހަރާ 10،000 މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. މީގެ އިތުރުން، އިމާމުންނާއި އިދާރީ މަސައްކަތްތަކަށް ޚާއްޞަ އޮފީސްތަކާއި، ތަޢުލީމީ، ސަގާފީ އަދި އިޖުތިމާޢީ ތަފާތު ހަރަކާތްތައް ހިންގުމަށް ޚާއްޞަ މަރުކަޒެއް މި ބިނާގެ ތެރޭގައި ހިމެނެއެވެ.
ދީނީ ޢިލްމާއި ތާރީޚު ފެތުރުމުގެ ގޮތުން އިސްލާމީ މުއްސަނދި ކުތުބުޚާނާއަކާއި، ކަލްޗަރަލް ސެންޓަރެއްގެ އިތުރުން ކީރިތި ޤުރުއާނާ ގުޅޭ ތާރީޚީ މަޢުލޫމާތުތައް ދައްކުވައިދޭ ޒަމާނީ ޤުރުއާން މިއުޒިއަމެއްވެސް މި މަޝްރޫޢުގެ ދަށުން ޤާއިމުކުރުމަށް ހަމަޖެހިފައިވެއެވެ. އަދި އިސްލާމީ އަދި ތާރީޚީ އެކި މައުރަޒުތައް ބޭއްވުމަށް ޚާއްޞަ އެގްޒިބިޝަން ހޯލަކާއި، އިޖުތިމާޢީ ބައްދަލުވުންތަކަށް ބޭނުންކުރެވޭ މަލްޓިޕަރޕަސް ކޮމިއުނިޓީ ހޯލެއްގެ އިތުރުން، މިސްކިތަށް ޒިޔާރަތްކުރާ ޢާންމުންނާއި ފަތުރުވެރިންނަށް ޚާއްޞަ ވިޒިޓަރ އޭރިއާއަކާއި، އިސްލާމީ ފޮތް ފިހާރައަކާއި ގިފްޓް ޝޮޕެއްވެސް މި މަރުކަޒުގައި ހިމެނުމަށް ވަނީ ހަމަޖެހިފައެވެ.
މި މަރުކަޒު ވެގެންދާނީ ދިވެހި ރައްޔިތުންނަށާއި ރާއްޖެއަށް ޒިޔާރަތްކުރާ ބޭރުގެ ފަރާތްތަކަށް އިސްލާމީ ރިވެތި ތަރުބިއްޔަތާއި ޙަޟާރަތާއި ސަޤާފަތް އުނގަންނައިދީ ފޯރުކޮށްދިނުމުގައި މުސްތަޤުބަލުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ޤައުމީ އަދި ދީނީ ބޮޑު ބިނާއަކަށެވެ.