MTCC

އިސްލާމްދީނަކީ ދިވެހީންގެ ފުރާނައާއި، ބުއްދިއާއި، އަބުރާއި މުދާ ރައްކާތެރިކޮށްދިން މަތިވެރި ނިޢުމަތެއް: ރައީސް

04561B03-4295-43A7-9802-6D5FE619C9FF

އިސްލާމްދީނަކީ ދިވެހީންގެ ފުރާނައާއި، ބުއްދިއާއި، އަބުރާއި މުދާ ރައްކާތެރިކޮށްދިން މަތިވެރި ނިޢުމަތެއް: ރައީސް

SHARE

އިސްލާމްދީނަކީ ދިވެހީން ޖާހިލިއްޔަތުގެ އަނދިރިކަމުން ސަލާމަތްކޮށް، އިންސާނީ ޙައްޤުތަކާއި ކަރާމާތް ފުރިހަމައަށް ކަށަވަރުކޮށްދިން މަތިވެރި ނިޢުމަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެއަށް އިސްލާމީ ހިދާޔަތުގެ ނޫރު ލިބުނުތާ ހިޖުރީގޮތުން 900 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އިސްލާމީ ޝަރީޢަތް ބިނާވެގެންވާ މައިގަނޑު ފަސް މަޤްޞަދުގެ މައްޗަށް ވަރަށް ފުޅާ ދާއިރާއެއްގައި އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އިސްލާމްދީނުގެ ހިދާޔަތު ރާއްޖެއަށް ލިބުމުގެ ކުރިން ދިވެހީން ތިބި ނިކަމެތި ޙާލަތާއި، މި މާތް ދީނުގެ ސަބަބުން ދިވެހި މުޖުތަމަޢަށް އައި އިންޤިލާބީ ބަދަލުތައް އެމަނިކުފާނު ތަފްޞީލުކޮށްދެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، އިސްލާމްދީން އައުމުގެ ކުރިން ދިވެހީން އަޅުކަންކުރަމުން ދިޔައީ އަމިއްލަ އަތުން ކޮށައި މަސައްކަތްކޮށްގެން ހަދާފައިވާ ހިރިގާތަކަށެވެ. އަދި އޭރު މުޖުތަމަޢުގައި އިންތިހާއަށް އިޖުތިމާޢީ ނަހަމަކަން އޮތް ނަމަވެސް، އިސްލާމްދީން އައިސް އެ ހުރިހާ ބާޠިލް ފިކުރުތައް ނައްތާލައި، އެންމެހައި އިންސާނުންނަކީ މާތްﷲ ގެ ޙަޟްރަތުގައި ހަމަހަމަ ބައެއްކަން ކަށަވަރުކޮށްދިން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދީނުގެ ނަމުގައި އިންސާނުން ޤުރުބާންކުރުން ފަދަ ލާއިންސާނީ ޖަރީމާތަކުން މިންޖުކޮށް، ފަޤީރެއް، މުއްސަންޖެއް، އަންހެނެއް، ފިރިހެނެއް ތަފާތުނުކޮށް ކޮންމެ ދިވެހި ފަރުދެއްގެ ފުރާނައިގެ ރައްކާތެރިކަން އިސްލާމްދީން ހޯދައިދިން ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ބުއްދި ރައްކާތެރިކުރުމުގެ ގޮތުން މަސްތުވާތަކެތި ޙަރާމްކުރެއްވުމަކީ، މުޖުތަމަޢު ފަސާދައިން ސަލާމަތްކޮށް، އީޖާދީ އަދި މަސައްކަތްތެރި ޖީލެއް ބިނާވުމަށް މަގުފަހިވި މުހިންމު ސަބަބެއް ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި މީސްތަކުންގެ އަބުރާއި، މުދަލުގެ ރައްކާތެރިކަން ކަށަވަރުވެގެން ދިޔުމަކީ، އިހުގައި ދިވެހީން ގޭގޭގެ މައިދޮރު ތަޅުނުލައި، އެކަކު އަނެކަކަށް ފުރިހަމަ އިތުބާރާއެކު އުޅުނު އަމާން މުޖުތަމަޢެއް ބިނާވެގެންދިޔަ މައިގަނޑު އަސާސް ކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހި ޤައުމިއްޔަތާއި ދިވެހީންގެ މިނިވަންކަމުގެ އެންމެ ފުން މަދަކީ މާތްވެގެންވާ އިސްލާމްދީން ކަމަށާއި، މި ޤައުމުގެ ސަޤާފީ ސިޔާދަތާއި އިސްލާމީ ވަންތަކަން ގެއްލިއްޖެނަމަ ޤައުމުގެ ވުޖޫދު ނެތިދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ، ދިވެހި ތާރީޚުގައި ޤައުމުގެ ދިފާޢުގައި ދިވެހީން ކުރި ކޮންމެ ހަނގުރާމައަކާއި ޖިހާދެއްގެ އަސްލަކީ އިސްލާމްދީން ޙިމާޔަތްކުރުމުގެ މަތިވެރި ރޫޙުކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކުރުމަށް އުތީމު މަހާރަދުން ފެއްޓެވި ޤައުމީ ޖިހާދަކީ މީގެ އެންމެ އަލިގަދަ ހެކި ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި، ޕޯޗުގީޒުންގެ އަތްދަށުން އެ ދުވަހު ދިވެހި ޤައުމު ސަލާމަތްވީ، އުތީމު މަހާރަދުންނަށް ވާގިވެރިވި ކޮންމެ ރަށެއްގެ ރައްޔިތުންނަކީ ދީނަށް ވަފާތެރި، ސައްތައިންސައްތަ މުސްލިމުން ކަމުގައި ވީތީއެވެ. އަދި ގަދަކަމުން ދިވެހީން ދީނުން ބޭރުކޮށް، މަސްތުވާތަކެތި ދޭން އުޅުމުންވެސް، އީމާންތެރިކަމުގެ ސާބިތުކަމާއެކު ދިވެހީން އެކަމާ ދެކޮޅަށް ނުކުތުމަކީ ދިވެހީންގެ ސަޤާފީ ސިޔާދަތު އޮތް ބަދަހިކަން ސާބިތުކޮށްދިން ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިޖުތިމާޢީ ޢިލްމުވެރިންގެ ބަސްފުޅުތަކަށް ރިޢާޔަތްކުރައްވަމުން ރައީސް ވިދާޅުވީ، ބައެއްގެ ސަޤާފަތާއި، އެބަޔަކު ވިސްނާ ގޮތާއި އިޖުތިމާޢީ އަޚްލާޤު ފަސާދަވެއްޖެނަމަ، އެ ޤައުމެއްގެ ނިމިދިޔުން މާ ދުރަކު ނޯންނާނެ ކަމަށެވެ. އެހެންކަމުން، ދިވެހީންގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓުމަށްޓަކައިވެސް، ރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމިއޮތުން ލާޒިމު ކަމުގައި ވިދާޅުވިއެވެ.

ޒަމާނީ ދުނިޔޭގެ ނުރައްކާތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ބަވަނަވެފައިވާ ދުނިޔޭގެ އޮއިވަރުގެ ތެރެއިން ޅަދަރިންގެ ހިތްތަކާއި ވިސްނުންތަކަށް އަންނަމުންދާ ފިކުރީ ހަމަލާތަކަށް ދިވެހި ކޮންމެ ރައްޔިތަކުވެސް ފާރަވެރިވާން ޖެހޭ ކަމަށެވެ. އަދި ޤައުމުގެ އެންމެ ބޮޑު އައްޑަނައަކީ އިސްލާމްދީން ކަމުގައި ދެކި، ހިތުގެ އީމާންތެރިކަން ވަރުގަދަކޮށް، ދީނުގައި ސާބިތުވެ ތިބުމަށް އެމަނިކުފާނު މުޅި ޤައުމަށް އިލްތިމާސްކުރެއްވިއެވެ.