ދިވެހިރާއްޖެ ވޭތުވެދިޔަ 900 އަހަރު ދުވަހު އިސްލާމްދީނުގެ މަތީގައި ސާބިތުކަމާއެކު ދެމިއޮތީ ﷲގެ ފަޟުލުވަންތަކަމަށްފަހު، ދިވެހި ރައްޔިތުންގެ ހިތްތަކުގައި އިސްލާމްދީނަށް އޮތް ލޯތްބާއި، ދިވެހި ދަޢުލަތުން ގެންގުޅުނު ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، ދީނީ ގޮތުންނާއި މިނިވަންކަމުގެ ގޮތުން ޤައުމަށް ގޮންޖެހުންތައް ކުރިމަތިވި ކޮންމެ ހިނދެއްގައި ދިވެހިންގެ ސަފުތައް އެއްބައިވަންތަ ކޮށްދިނީ މާތްވެގެންވާ އިސްލާމްދީނެވެ. އަދި ޤައުމު އަބަދުވެސް ހެޔޮ މަގަށް ރުޖޫޢަކުރަނީ ރައްޔިތުންގެ ވަރުގަދަ އަޤީދާއާއި ޖިހާދުން ކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމީ ދާއިރާ ކުރިއެރުވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން، ޒަކާތުގެ ނިޒާމަށް ގެނެވުނު އިންގިލާބީ ބަދަލުތައް ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން، ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޒަކާތަށް ޚާއްސަ އިދާރާއެއް އުފައްދަވައި، ޒަކާތުގެ ޤާނޫނެއް އެކުލަވާލައި ތަންފީޒުކުރަން ފެށުމުން ރައްޔިތުންގެ އިތުބާރު ބޮޑުވެފައިވާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން 6 އަހަރުގެ މެދުކެނޑުމަކަށްފަހު ޒަކާތު ފަންޑުން ސްކޮލާޝިޕް ދޭން ފަށާފައިވާތީ، އިސްލާމީ މާލީ ދާއިރާއާއި އެހެނިހެން ދާއިރާތަކުން ޒުވާނުން ބިނާކުރުމަށް މަގުފަހިވެފައިވާ ކަމަށް ވިދާޅުވިއެވެ.
ވަޤްފު މަޝްރޫޢުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައި ހިންގޭ އެންމެ ބޮޑެތި ވަޤްފު މަޝްރޫޢުތައް މިހާރު ފެށިފައިވާ ކަމަށެވެ. މީގެ ތެރޭގައި މާލޭގެ ދާރުއްސަލާމް އަދި ދާރުލްއަރުޤަމް ބިލްޑިންގެ އިތުރުން ކުޅުދުއްފުށި، ގދ. ތިނަދޫ، ގއ. ވިލިނގިލި އަދި އައްޑޫ ސިޓީގައި ކުރިއަށްދާ މަޝްރޫޢުތައް ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި ނިންމުމަކީ އަމާޒެއް ކަމަށް ވިދާޅުވިއެވެ.
ކީރިތި ޤުރުއާން އުނގަންނައިދިނުމުގެ ދާއިރާއިން ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިހާރު ރާއްޖޭގައި 322 ޙާފިޡުން އެބަތިބި ކަމަށާއި، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި މި އަދަދު 500 އަށް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރައީސް ޑރ. މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ޙާފިޡުންގެ އެލަވަންސް ބޮޑުކޮށްދެއްވާފައިވާ ކަމަށާއި، ޤުރުއާނާ ބެހޭ މަރުކަޒުގެ 30 ގޮފި މިހާރުވެސް ޤާއިމުކުރެވި، އިތުރު 58 ތަނެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ހާމަކުރެއްވިއެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ، ސިޔާސީ ގޮތުން ޚިޔާލު ތަފާތުވުންތައް ހުރި ނަމަވެސް، ދީނާއި ޤައުމުގެ މިނިވަންކަމުގެ މަތިވެރި މަސްލަޙަތުގައި އެންމެހާ ދިވެހިން އެއްބައިވަންތަވެ، އަޚުވަންތަކަމުގެ ގުޅުން ވަރުގަދަކުރުމަށް އިލްތިމާސްކުރައްވާފައެވެ.