އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ބާއްވާ "ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާ" މިއަދު ރަސްމީކޮށް ފަށައިފިއެވެ.
މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަހާސިންތާ އިފްތިތާޙްކޮށްދެއްވީ އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. މިއީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ ޢަދަދެއްގެ ޒުވާން ޚަޠީބުންގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ މުހިންމު މަހާސިންތާއެކެވެ.
މި މަހާސިންތާގެ މައިގަނޑު މަޤްޞަދަކީ އިސްލާމީ އައު ޤަރުނަކާ ބައްދަލުވާހިނދު، ދީނާއި ޤައުމިއްޔަތު ދިރުވައި ނަގަހައްޓަން ޒުވާނުންގެ ދައުރު ފުޅާކުރުމާއި، މި ރޮނގުން ހިތްވަރު ދިނުމުގައި ސަރުކާރުން އެންމެ މަތީ ލެވެލްގައި ދެމިތިބޭނެކަން ޒުވާން ޖީލަށް ކަށަވަރުކޮށްދިނުމެވެ. މީގެ އިތުރުން، ޒުވާން ޚަޠީބުން މަޝްރޫޢުގެ ބައިވެރިން އެއްތަންވެ، ތަޖުރިބާ އާއި ހުނަރު ބަދަލުކޮށް ގުޅުން ބަދަހިކުރުމަށާއި، މުޖުތަމަޢަށް ޚިދުމަތްކުރުމުގައި މި މަޝްރޫޢުގެ މުސްތަޤުބަލާމެދު މަޝްވަރާކުރާނެ ޤައުމީ މަންސައެއް ޤާއިމުކުރުމަކީވެސް މި ބައްދަލުވުމުގެ ބޭނުމެކެވެ.
މި މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޝަހީމް ވިދާޅުވީ ދިވެހިރާއްޖެއަކީ އިސްލާމީ އުންމަތުގެ ބައެއް ކަމަށާއި މިގޮތުގައި ދާއިމަށް ދެމިއޮވެވޭނީ ދިވެހިރާއްޖޭގެ ޖީލަކަށް ފަހު ޖީލެއް އިސްލާމީ ޝިއާރު ފާޅުކުރުމަށްޓަކައި ތަރުބިއްޔަތު ކުރެވިގެން ކަމަށެވެ. މިގޮތުގެ މަތިން އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާއިން މަސައްކަތް ކުރަމުންދަނީ ކުރިމަގުގެ ޖީލަކީ ކުރިއަށް އޮތް 100 އަހަރުވެސް އިސްލާމީ ޝިއާރު ފާޅުކުރާނެ ހަރުދަނާ ޖީލެއް ބިނާކުރުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. މިކަމުގައި އިދާރީ ގޮތުން ހުރި ދަތިތައް ހައްލުކޮށް މީގެ ކުރިން ކަނޑައަޅާފައި ހުރި ސިޔާސަތުތައް ބަދަލުކުރުމުގެ ނަތީޖާއަކީ ޒުވާން ޚަޠީބުންނަށް މި މަސްއޫލިއްޔަތު އުފުލުމަށްޓަަކައި ފުރުސަތު ހުޅުވާލުން ކަމަށާއި، އޭގެ ސަބަބުން އެތައް 100 ދަރިވަރުންނެއް މިކަމުގެ ތެރެއަށް އައިސްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
“އަޅުގަނޑުމެންނަށް އޮތް މަސްއޫލިއްޔަތަކީ މި ޒުވާން ޚަޠީބުންގެ އަތުގައި ހިފައި، އަދި ފަންނުވެރިކަމުގެ ގޮތުން އިތުރު ހަރުފަތަކަށް އެކުދިން ގެންދިއުމަށްޓަކައި މަސައްކަތް ކުރުން. ތިޔަ ޒުވާން ޚަޠީބުން ތި އިޚްތިޔާރުކުރީ ވަރަށްވެސް މާތް މަތިވެރި މަގެއް. ތިޔަ އިޚްތިޔާރުކުރީ ނަބީބޭކަލުންގެ މަސްއޫލިއްޔަތުގެ ތެރެއިން ވާރުތަވެފައި އޮތް ކަމެއް.” ވަޒީރު ވިދާޅުވިއެވެ.
ވަޒަިރު ވިދާޅުވީ ހެޔޮ ކަންތައްތަކަށް އަމުރުކޮށް ނުބައި ކަންތައްތަކަށް ނަހީކުރުމަކީ އެންމެ މަތިވެރި އެއް މަޤާމަކީ ހުކުރު ޚުޠުބާ ނުވަތަ ޚަޠީބުކަމުގެ މަޤާމު ކަމަށެވެ. އަދި އެ މަޤާމުގައި ހުންނަ ކޮންމެ ޚަޠީބަކީ ނަމޫނާ ދެއްކޭވަރުގެ ޝަޚުސިއްޔަތަކަށް ވާން ޖެހޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޒުވާން ޚަޠީބުން ތަމްރީނު ކުރުމަށް ސަރުކާރުން ފެށި މި ކާމިޔާބު ޕްރޮގްރާމުގެ ދަށުން، ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި 5 ބުރެއް ވަނީ ހިންގާފައެވެ. އަދި މިހާތަނަށް 700 އަށްވުރެ ގިނަ ޒުވާނުން ވަނީ މި ދާއިރާއަށް ނެރެފައެވެ. މި މަޝްރޫޢުގެ ސަބަބުން އަތޮޅުތެރޭގެ ރަށްރަށުގައި ހުކުރުދުވަހު ޚުޠުބާ ކިޔާނެ އިމާމުން ލިބުމުގައި ކުރިން ދިމާވެފައިވާ ދަތިތަކަށް މިހާރު ވަނީ ބޮޑު ޙައްލެއް ލިބިފައެވެ.
ހަމައެއާއެކު، މިއީ ކީރިތި ޤުރްއާނުގެ ޢިލްމާއި ހުނަރު ލިބިފައިވާ، ދީނަށް ލޯބިކުރާ އަދި ޝަރުޢީ ދާއިރާއިންނާއި އެކި ޢިލްމީ ދާއިރާތަކުން ކުރިއަށްދާން އެދޭ ޒުވާނުންނަށް، އެކުދިންގެ މުސްތަޤުބަލް ހެޔޮގޮތުގައި ބިނާކުރުމަށް ކޮށައިދެވުނު އަގުހުރި މަގެކެވެ.