MTCC

ހޫނުގަދަވެ "ހީޓް ސްޓްރޯކެއް" ޖެހިދާނެތީ ސަމާލުވާން އިލްތިމާސްކޮށްފި

5

ހޫނުގަދަވެ "ހީޓް ސްޓްރޯކެއް" ޖެހިދާނެތީ ސަމާލުވާން އިލްތިމާސްކޮށްފި

SHARE

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް އާދަޔާ ހިލާފަށް ހޫނުގަދަ ދުވަސްވަރަކަށް ވާތީ، އޭގެ ސަބަބުން ދިމާވެދާނެ ސިއްހީ ނުރައްކާތަކަށް އާންމުން ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭ އިން ހާމަކުރި ގޮތުގައި މާބޮޑަށް ހޫނުގަދަވުމުގެ ސަބަބުން "ހީޓް ސްޓްރޯކް" ފަދަ ނުރައްކާތެރި ހާލަތްތައް މެދުވެރިވުމުގެ ފުރުސަތު ބޮޑެވެ. ހީޓް ސްޓްރޯކެއް ޖެހުމުން ފެނިދާނެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ހަށިގަނޑުގެ ފިނިހޫނުމިން މާބޮޑަށް މައްޗަށް ދިއުމާއި، ހަންގަނޑު ރަތްވުމުގެ އިތުރުން ހިތުގެ ވިންދު އަވަސްވުމާއި، މޫނުމައްޗަށް އަނދިރިވެ އަނބުރައިގަތުން ފަދަ ކަންކަން ހިމެނެއެވެ.

މިފަދަ ހާލަތެއް މީހަކަށް ކުރިމަތިވެއްޖެ ނަމަ، ވީއެންމެ އަވަހަކަށް އަޅަންޖެހޭ ފުރަތަމަ އެހީގެ ފިޔަވަޅުތައް ވެސް އެ އެޖެންސީން ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެފަދަ މީހަކު އަވަހަށް ހިޔާވާ ފިނި ތަނަކަށް ގެންދިއުމަށާއި، ލައިގެން ހުރި އަންނައުނު ދޫކޮށްލުމަށްފަހު ފިނި ފެނުން ހަށިގަނޑު ތެންމައި ފިނިކުރުން މުހިންމެވެ. އަދި ހޭހުރި ނަމަ ބޯން ފެން ފޮދެއް ދިނުމާއެކު، ލަސްނުކޮށް އިމަޖެންސީ ހިދުމަތުގެ ނަންބަރު 100 އަށް ގުޅައި ސިއްހީ އަވަސް ފަރުވާ ހޯދުމަށް އެޗްޕީއޭ އިން ވަނީ އިރުޝާދު ދީފައެވެ.

މޫސުމާ ބެހޭ އެންމެ ފަހުގެ ހިސާބުތަކަށް ބަލާއިރު، މިއަދު ރާއްޖޭގައި އިހުސާސްކުރެވޭ ފިނިހޫނުމިން އެންމެ މައްޗަށް ދާނެ ކަމަށް ލަފާކޮށްފައިވަނީ ގދ. ކާޑެއްދޫގައެވެ. އެ ރަށުގައި ހޫނުމިން 37.3 ޑިގްރީ ސެލްސިއަސްއަށް އަރާނެ ކަމަށް ބެލެވޭއިރު، ވެރިރަށް މާލެ ސަރަހައްދުގައި މިއަދު އިހުސާސްކުރެވޭ ހޫނުމިން ހުރީ 34 ޑިގްރީ ސެލްސިއަސްގައެވެ. އެހެންކަމުން ބޭރުގައި އުޅޭއިރު އަވިން ރައްކާތެރިވުމަށާއި، ގިނައިން ފެން ބުއިމަށް ސިއްހީ އިދާރާތަކުން ބާރުއަޅައެވެ.