ޕެސިފިކް ކަނޑުގައި އުފެދިފައިވާ މޫސުމީ ބަދަލު "އެލް ނީނޯ" ގެ ބާރު އިތުރަށް ގަދަވަމުންދާތީ، އޭގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތަކުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އާ ހަވާލާދީ އެންޑީއެމްއޭއިން ހާާމަކުރި ގޮތުގައި، އެލްނީނޯގެ ބާރު އެންމެ ގަދަވާނީ އަންނަ ނޮވެމްބަރު މަހުގައެވެ. އަދި މި ހާލަތު އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ދެމިގެންދާނެ ކަމަށް ލަފާކުރެވޭއިރު، މި މުއްދަތުގައި ރާއްޖެއަށް ވާރޭވެހޭ މިންވަރު މަދުވެ، އާންމުކޮށް ހުންނަ މިންވަރަށްވުރެ ފިނިހޫނުމިން މަތިވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މީގެއިތުރުން، ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން މަސްވެރިކަމަށް ދަތިތަކާ ކުރިމަތިވުމުގެ އިތުރުން ފަތުރުވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއަށް ވެސް މީގެ ނޭދެވޭ އަސަރު ފޯރާނެ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން އެންޑީއެމްއޭއިން ވަނީ އެކި ދާއިރާތަކުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އަންގާފައެވެ. އެގޮތުން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންކަމުގެ ތެރޭގައި:
- ކުރިމަތިވެދާނެ ނުރައްކާތަކާއި އަސަރުތައް ދެނެގަނެ ވަޒަންކުރުން
- މޫސުމީ ލަފާކުރުންތަކަށް ބަލައިގެން ދުރާލާ ފިޔަވަޅުތައް އެޅުން
- އަސާސީ ޚިދުމަތްތައް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށް ވިޔަފާރިތަކާއި މުއައްސަސާތަކުގެ 'ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން' އެކުލަވާލުމާއި މުރާޖައާކުރުން
- މުދަލާއި ޚިދުމަތްތައް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އެންޑީއެމްއޭއިން އިތުރަށް ފާހަގަކުރި ގޮތުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށާއި ބޮޑެތި ކުންފުނިތަކަށް މިފަދަ ހާލަތްތަކުގައި އަމަލުކުރެވިދާނެ މުހިންމު އުސޫލުތަކެއް އދ. ގެ ކާރިސާތަކުގެ ނުރައްކާ ކުޑަކުރުމާ ބެހޭ އިދާރާ (ޔޫއެންޑީއާރްއާރް) އިން ވަނީ އާންމުކޮށްފައެވެ. އެހެންކަމުން، ރާއްޖޭގެ އިގްތިސާދާ ގުޅިފައިވާ މުހިންމު ދާއިރާތަކުން މި ބަދަލުތަކަށް ސަމާލުވެ، ފުރިހަމައަށް ތައްޔާރުވެ ތިބުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.