މާލެ ސިޓީ ކައުންސިލްގެ މީޑިއާ ޓީމުގެ އަސާސީ މުސާރައަށް އެކަނިވެސް މަހެއްގެ މައްޗަށް 63،000 ރުފިޔާ ހޭދަވާ އިރު، ކައުންސިލްގެ އިވެންޓްތަކުގެ ފޮޓޯއާއި ވީޑިއޯ ނެގުމަށް ބޭރުން ވަކި ޓީމުތައް ހޯދައި ބޮޑެތި ހަރަދުތަކެއް ކުރަމުންދާކަން ހާމަވެއްޖެ އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން އަހުމަދު އައިހަމް ކިއާ މީހަކު މާލެ ސިޓީ ކައުންސިލުންހޯދި މައުލޫމާތުތަކުން އެނގޭ ގޮތުގައި ކައުންސިލްގެ މީޑިއާ ޑިޕާޓްމަންޓުގައި ފުލްޓައިމް މުވައްޒަފުން ތިބެއެވެ. އެގޮތުން؛
- މީޑިއާ ކޯޑިނޭޓަރަކަށް އަސާސީ މުސާރައިގެ ގޮތުގައި 10،000 ރުފިޔާއާއި ސާވިސް އެލަވަންސްގެ ގޮތުގައި 5،000 ރުފިޔާ ލިބޭއިރު، މުސާރައިގެ 100 އިންސައްތައާ ހަމައަށް އިތުރުގަޑީގެ ފައިސާ ލިބެއެވެ.
- ދެވަނަ މީޑިއާ ކޯޑިނޭޓަރަކަށް އަސާސީ މުސާރައިގެ ގޮތުގައި 10،000 ރުފިޔާއާއި ސާވިސް އެލަވަންސްގެ ގޮތުގައި 5،000 ރުފިޔާ އަދި މުސާރައިގެ 50 އިންސައްތައާ ހަމައަށް އިތުރުގަޑީގެ ފައިސާ ލިބެއެވެ.
- ކެމެރާމަނަކަށް އަސާސީ މުސާރައިގެ ގޮތުގައި 10،000 ރުފިޔާއާއި ސާވިސް އެލަވަންސްގެ ގޮތުގައި 5،000 ރުފިޔާ އަދި މުސާރައިގެ 50 އިންސައްތައާ ހަމައަށް އިތުރުގަޑި ލިބެއެވެ.
- ގްރެފިކް ޑިޒައިނަރަކަށް މުސާރައިގެ ގޮތުގައި 18،000 ރުފިޔާ ލިބޭއިރު، މުސާރައިގެ 50 އިންސައްތައާ ހަމައަށް އިތުރުގަޑީގެ ފައިސާ ލިބޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި މުވައްޒަފުންނަށް ބޮޑު ހޭދައެއް ކޮށްފައި ވީނަމަވެސް، ކައުންސިލްގެ ހާއްސަ އިވެންޓުތަކަށް ވަކިން ވީޑިއޯ އަދި ފޮޓޯ ކްރޫއިން ހޯދުމަށް 18،000 ރުފިޔާ ހަރަދުކޮށްފައިވާކަން ވަނީ ފަޅާއަރާފައެވެ. މީގެއިތުރުން، މޭޔަރު އާދަމް އާޒިމްގެ ނަންފުޅު ފާހަގަކޮށް، ކުލަގަދަކޮށް ބޭއްވި އިވެންޓެއްގެ ވީޑިއޯ ޕްރެޒެންޓޭޝަނަކަށް އެކަނިވެސް 129،000 ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އައިހަމް ވަނީ ފާހަގަކޮށްފައެވެ.
މިފަދަ ބޮޑެތި ހަރަދުތަކެއް އިވެންޓުތަކަށް ކުރަމުންދާތީ، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ މިއީ ރައްޔިތުންގެ ފައިސާ އިސްރާފުކުރުން ކަމަށް ބުނެ މާލެ ސިޓީ ކައުންސިލަށާއި މޭޔަރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި އަމިއްލަ މީޑިއާ ޓީމެއް އޮއްވައި، ބޭރު ފަރާތްތަކަށް މިހާ ބޮޑެތި އަދަދުތަކުން ފައިސާ ދީގެން މަސައްކަތް ކުރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އާންމުން ދަނީ ބުނަމުންނެވެ.