ރާއްޖެއާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމުގެ ތެރެއިން، ވިޔަފާރިއާއި ފަތުރުވެރިކަން ހިމެނޭހެން މުހިންމު އެކި ދާއިރާތަކުން ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ދެ ޤައުމުގެ ދެމެދުގައި މަތީ ފެންވަރުގެ މަޝްވަރާތަކެއް ބާއްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށްދިޔައީ ރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ތާރިޤް، އެ ޤައުމުގެ އިކޮނޮމިކް އެންޑް ޓޫރިޒަމް މިނިސްޓަރު ޢަބްދުﷲ ބިން ތޫޤް އަލް މާރީއާއެކު ބޭއްވެވި ރަސްމީ ބައްދަލުވުމުގައެވެ.
މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން ސަފީރު ތާރިޤް ވިދާޅުވީ، ދެ ޤައުމުގެ އިޤްތިސާދީ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމަށާއި، ވިޔަފާރީގެ އައު ފުރުސަތުތައް ފަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މިނިސްޓަރާއެކު ވާހަކަދެކެވުނު ކަމަށެވެ. މީގެއިތުރުން، ރާއްޖޭގެ އިޤްތިސާދުގެ މައި ތަނބު ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ގުޅުންތައް ކުރިއެރުވުމަށް ޚާއްސް އިސްކަމެއް ދެއްވައިގެން މަޝްވަރާކުރެވުނު ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ޔޫއޭއީއަކީ ރާއްޖެއަށް ގިނަ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ މުހިންމު މާކެޓެކެވެ. އެގޮތުން، ރަސްމީ ތަފާސްހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް އެކަނިވެސް އެ ޤައުމުން 3،100 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
މި ސަރުކާރުން އިސްކަންދެއްވާ އިޤްތިސާދީ ޚާރިޖީ ސިޔާސަތުގެ ދަށުން، އަރަބި އިސްލާމީ ޤައުމުތަކާއެކު އޮންނަ ވިޔަފާރިއާއި އިޤްތިސާދީ ގުޅުންތައް އައު ހަރުފަތަކަށް ގެންދިއުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުންނެވެ. އެގޮތުން ޔޫއޭއީއާއެކު ބޭއްވުނު މި ބައްދަލުވުމަކީ ދެ ޤައުމުގެ މެދުގައި އިޤްތިޞާދީ ގޮތުން އިތުރު ކުރިއެރުންތަކެއް ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.