އަމީނީމަގުގައި ހުރި ސަރުކާރުގެ ވުޒާރާތަކެއް ހިންގި އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއަކީ ޝޯޓްސާކިޓަކުން ހިނގި ކަމެއް ކަމަށާއި، އެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވުމުން، ފުލުހަށް ހާޒިރުވާން އިންކާރުކުރި ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
ފުލުހުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ޑިސެމްބަރު މަހު ހިނގި މި އަލިފާނުގެ ހާދިސާގެ ތަހުގީގުން ދައްކާ ގޮތުގައި އެއީ އިލެކްޓްރިކް ޝޯޓެއްގެ ސަބަބުން ހިނގި ހާދިސާއެކެވެ. އަދި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭ ފަދަ އެއްވެސް ހެއްކެއް ނުވަތަ ގަރީނާއެއް މިހާތަނަށް ތަހުގީގަށް ހޯދިފައި ނުވާ ކަމަށްވެސް ފުލުހުން ފާހަގަކުރިއެވެ.
މި މައްސަލައިގެ ހަގީގަތް މިހެން އޮތް ނަމަވެސް، އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލީ ގަސްތުގައި ކަމަށާއި އެކަން ކުރި މީހާ އަދި އެކަމުގެ ހެކި ފުލުހުންގެ އަތުގައި އެބަހުރި ކަމަށް ވިދާޅުވެ، ރައީސް ޔާމީން ވަނީ ސެޕްޓެމްބަރު މަހު ވާހަކަފުޅު ދައްކަވާފައެވެ. އެހެންކަމުން، ތަހުގީގަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށް ބެލެވޭތީ، މައުލޫމާތު ސާފުކުރުމަށްޓަކައި ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އެމަނިކުފާނަށް ޗިޓު ރައްދުކުރަން މަސައްކަތްކުރި ކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން ސެޕްޓެމްބަރު މަހުގެ ތެރޭގައި ފުލުހުން ހ. ދޫވެއްސަށް ގޮސް ރައީސް ޔާމީނާ ބައްދަލުކޮށް ޗިޓު ހަވާލުކުރަން އުޅުމުން، އެމަނިކުފާނު ވަނީ އެ ޗިޓާ ހަވާލުވެވަޑައިގަތުމަށް އުޒުރުވެރިވެވަޑައިގެންފައެވެ. އޭގެ ބަދަލުގައި އެމަނިކުފާނު ދެއްވި ލިޔުމެއްގައި ވިދާޅުވެފައިވަނީ، އެ މައްސަލައާ ގުޅިގެން އިތުރު އެއްވެސް މައުލޫމާތެއް އެނގިވަޑައިގެންފައި ނުވާތީ، ފުލުހަށް ހާޒިރުވެވަޑައިގަތުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ.
ފުލުހުންގެ ބަޔާނުގައި ވަނީ، ސަލާމަތީ މުއައްސަސާތަކާމެދު ރައްޔިތުންގެ ހިތްތަކުގައި ޝައްކާއި ނުބައި ތަސައްވުރު އުފެދޭ ގޮތަށާއި، ތަހުގީގުތަކުގެ އިތުބާރު ގެއްލޭ ގޮތަށް ހަގީގަތާ ޚިލާފު ވާހަކަތައް ނުދެއްކުމަށް އިލްތިމާސްކޮށްފައެވެ. އަދި ގާނޫނީ އިމުގެ ތެރެއިން ކުރިއަށްދާ ތަހުގީގުތަކަށް އެންމެހައި ފަރާތްތަކުންވެސް ފުރިހަމައަށް އެއްބާރުލުން ދިނުމަކީ މުހިންމު ކަމެއް ކަމުގައި ފުލުހުން ހަނދާންކޮށްދީފައިވެއެވެ.