MTCC

ފޯޅަވަހީގެ މައްސަލައިގައި މަޝްވަރާކުރަން އިނގިރޭސި ބޮޑުވަޒީރަށް ރައީސް މުއިއްޒު ދައުވަތު އަރުވައިފި

images

ފޯޅަވަހީގެ މައްސަލައިގައި މަޝްވަރާކުރަން އިނގިރޭސި ބޮޑުވަޒީރަށް ރައީސް މުއިއްޒު ދައުވަތު އަރުވައިފި

SHARE

ފޯޅަވަހި (ޗާގޮސް) މޮރިޝަސްއާ ހަވާލުކުރުމުގެ މައްސަލައިގައި މަޝްވަރާކުރެއްވުމަށްޓަކައި އިނގިރޭސިވިލާތުގެ ބޮޑުވަޒީރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ދައުވަތު އަރުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، އިނގިރޭސި ބޮޑުވަޒީރަށް ރައީސް ޑރ. މުޢިއްޒު ފޮނުއްވި ސިޓީފުޅުގައި، ފޯޅަވައްސާއި ދިވެހިރާއްޖެއާ ދެމެދު އޮތް ތާރީޚީ އަދި ސަގާފީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވާ ކަމަށެވެ. މީގެއިތުރުން، އެ ސަރަހައްދުގެ ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށާއި ސައިންޓިފިކް ދިރާސާތައް ކުރުމުގައި ރާއްޖެއިން އިނގިރޭސިވިލާތާއެކު އަބަދުވެސް އެއްބާރުލުން ދެމުންދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

ރައީސްގެ ސިޓީފުޅުގައި އިތުރަށް ފާހަގަކުރައްވާފައިވަނީ މިއީ ރާއްޖެއާއި ދިވެހި ރައްޔިތުންގެ ހައްގުތަކާ ސީދާ ގުޅިފައިވާ ނާޒުކު މައްސަލައަކަށް ވާތީ، މިކަމުގައި އިނގިރޭސި ސަރުކާރާއެކު ހަރުދަނާ ގުޅުމެއް ބާއްވަވައިގެން ކުރިއަށްދާން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އިންޑިއާ ކަނޑުގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް ދެ ގައުމު ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފޯޅަވަހީގެ މިލްކުވެރިކަމާ މެދު މޮރިޝަސްއިން ދައުވާކުރަމުން ދަނިކޮށް، 2019 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ވަނީ އެ ސަރަހައްދު މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތަށް އަންގާފައެވެ. އެ ނިންމުމާ ގުޅިގެން މޮރިޝަސްގެ އިގްތިސާދީ ކަނޑުގެ ސަރަހައްދު ފުޅާވެ، ރާއްޖޭގެ ދެކުނު ކަނޑުގެ ސަރަހައްދާ ފުށުއެރުމުން މައްސަލަ އިޓްލޮސްއަށް ހުށަހެޅުނެވެ. އަދި ކުރީގެ ސަރުކާރުން އެ ސަރަހައްދު ދެބައިކުރުމަށް އެއްބަސްވުމުން، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ދިޔަ ކަމަށް ބުނެ އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއެވެ.

މި ސަރުކާރުން ވަނީ ފޯޅަވަހީގެ މައްޗަށް ދިވެހިރާއްޖޭގެ ސިޔާދަތީ ހައްގު އޮތްކަން ހާމަކުރައްވައި، ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަށް ބައިނަލްއަގުވާމީ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރައްވާނެ ކަމަށް މީގެ ކުރިން އިއުލާނު ކުރައްވާފައެވެ.