ދައުލަތުގެ ބަޖެޓުން ކުރާ ހަރަދުތައް ކުޑަކޮށް، އާސަންދަ ނިޒާމު އިސްލާހުކުރުމުގެ ގޮތުން މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުން އާސަންދަ ހިދުމަތް ފުލްކޮށް ނުލިބޭ ގޮތަށް ސަރުކާރުން ނިންމައިފި އެވެ.
މިކަން ރަސްމީކޮށް އިއުލާނުކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ.
ރައީސް ވިދާޅުވީ ދައުލަތުން ދޭ އިޖުތިމާއީ ރައްކާތެރިކަމުގެ އެހީތަކަކީ އެކަމަށް އެންމެ ބޭނުންޖެހިފައިވާ ރައްޔިތުންނަށް އަމާޒުކޮށްގެން ދެވޭ އެހީތަކަކަށް ހެދުމަކީ ދައުލަތުގެ ހަރަދުތައް ދެމެހެއްޓެނެވި ގޮތެއްގައި ކުޑަކުރުމަށްޓަކައި މިވަގުތު އަޅަންޖެހިފައިވާ މުހިއްމު ފިޔަވަޅެއް ކަމަށާއި 60،000 އިން މަތިން މުސާރަ ލިބޭ ފަރާތްތަކުން އާސަންދަ ހިދުމަތް ހޯދާއިރު އަމިއްލައަށް ކޮންމެވެސް މިންވަރެއްގެ ފައިސާއެއް ހިއްސާކުރަންޖެހޭ ގޮތަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.
މިހާރު ރާއްޖޭގައި އޮތް އާސަންދަ ނިޒާމަކީ ފަގީރުންނާއި މުއްސަނދިންގެ މެދުގައި އެއްވެސް ތަފާތެއް ނެތި އެންމެންނަށް މުޅިން ހިލޭ (ފުލް-ކަވަރޭޖް) ލިބޭ ނިޒާމެއްކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ މިއީ އެންމެ އެދެވޭ ގޮތް ނޫން ކަމަށް ބޭރުގެ މާލީ އިދާރާތަކާއި، ރާއްޖޭގެ ކަމާއި ބެހޭ މާހިރުންނާއި ސަރުކާރުންވެސް އެއްބަސްވާ ކަމަށެވެ.
"އަޅުގަނޑުމެންވެސް ގަބޫލެއް ނުކުރަން، އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި 60،000ރ. އަށް ވުރެ މައްޗަށް މުސާރަ ލިބޭ ފަރާތްތަކަށް މިހާރު މި އޮންނަ ގޮތަށް، ފުލް ކަވޭޜް އާސަންދަ ނުލިބޭނެ،" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، އިންކަމް ޓެކްސް ދައްކަންޖެހޭ ފަދަ ތަނަވަސްކަން ހުރި މުއްސަނދިންނަށް، އާންމު ރައްޔިތުންނާ އެއް ހަމައެއްގައި ހުރިހާ ސިއްހީ ހިދުމަތްތަކެއް ދައުލަތުގެ ބަޖެޓުން މުޅިން ހިލޭ ފޯރުކޮށްދިނުމަކީ އިންސާފުވެރި ގޮތެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.
މި ނިންމުމަށް އަންނަ މަހުން ފެށިގެން އަމަލުކުރަން ފަށާނެ ކަމަށް ރައީސް ހާމަކުރެއްވިއެވެ. އަދި މި ބަދަލާއެކު، މިއަހަރުގެ ބާކީ އޮތް ބައިގައިވެސް އާސަންދައަށް ކުރާ ހަރަދުތަކުން ބައެއް ސަލާމަތްކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި އިސްލާހީ މަސައްކަތް ކުރިއަށްދާ ވަރަކުން، މި ބަދަލާ ގުޅޭ އިތުރު ތަފްސީލުތައް ކުރިއަށް އޮތް ތަނުގައި ސަރުކާރުން ހާމަކުރަމުންދާނެ ކަމަށްވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިފަދަ ފަރާތްތަކަށް ކޯ ޕޭ ނުވަތަ ޕްރި ޕޭ ނިޒާމެއްގެ ތެރެއިން، އާސަންދަ ލިބޭނެ ކަމަށެވެ. އަދި އޭގެ ސަބަބުން އަހަރު ދުވަހުގެ ތެރޭގައި 287 މިލިއަން ރުފިޔާ ރައްޔިތުންގެ އެހެން ކަންކަމަށް ހަރަދު ކުރުމަށް ސަލާމަތް ކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.