ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ދެއްކެވި ވާހަކަފުޅުތައް ތަހުގީގުކުރުމަށް ކަމާބެހޭ އިދާރާތަކަށް އަންގަވާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެ އެވެ.
ވަޒީރު ޢަލީ އިޙްސާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ ތިން ވުޒާރާއެއް ހިންގަމުންދިޔަ އިމާރާތްތައް އަންދައިގެން ދިޔަ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންނާއި ބޭރުގެ އެކުވެރި ޤައުމުތަކުގެ ތަހުގީގީ މާހިރުން ގުޅިގެން ކުރިއަށްގެންދިޔަ ތަހުގީގުން، އެ ހާދިސާ ހިނގަން މެދުވެރިވީ ކަރަންޓު ނަރުތަކެއްގައި ރޯވެގެންކަން ހޯދިފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި އެއްވެސް މީހަކަށް ޖިނާއީ ތުހުމަތެއް ކުރެވޭނެ އެއްވެސް ހެއްކެއް ތަހުގީގަށް ލިބިފައިނުވާކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
އެކަމަކު މި މައްސަލައާ ގުޅިގެން މިމަހު 5 ވަނަ ދުވަހު ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅެއްގައި، އެ އިމާރާތްތަކުގައި އަލިފާން ރޯކޮށްލާފައިވަނީ ގަސްތުގައި ކަމަށާއި އެކަން ކުރި މީހަކީ ކާކުކަން ވެސް ފުލުހުންނަށް އެނގޭ ކަމަށް މުތުލަގަށް ވަނީ ވިދާޅުވެފަ އެވެ. އެހެންވެ އެކަމާ ގުޅޭ މައުލޫމާތު އެމަނިކުފާނުގެ ކިބައިން
މިކަމާ ގުޅިގެން ވަޒީރު އިޙްސާން ވިދާޅުވީ، މި މައްސަލައިގައި ރައީސް ޔާމީނަށް އެނގިވަޑައިގަންނަވާ މައުލޫމާތުތައް ސާފުކުރައްވައި، ތަހުގީގުގައި އިތުރަށް ބައްލަވަންޖެހޭ ކަމެއް އޮތްނަމަ އެކަން ބެއްލެވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ. މީގެއިތުރުން، ފުލުހުންނަށް މީހަކު އެނގިހުރެ އެކަން ސިއްރުކުރި ކަމަށް ބުނެ ދިވެހި ފުލުހުންގެ މައްޗަށް ރައީސް ޔާމީން ކުރެއްވި ތުހުމަތު ތަހުގީގުކޮށްދިނުމަށް އެދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ވެސް ހުށަހަޅުއްވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.