އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވައިފިއެވެ.
މި މަގާމަށް އާ ބޭފުޅަކު މި އައްޔަންކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި އާހިދު ރަޝީދުގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު މި މަގާމަށް އައްޔަންކުރައްވާފައިވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް، ރައްޔިތުންގެ މަޖިލީހަށް ނަން ފޮނުއްވައި މަޖިލީހުގެ އަޣުލަބިއްޔަތުން ރުހުން ލިބިވަޑައިގަތުމާ ގުޅިގެންނެވެ.
ޢަބްދުލްޢަޒީޒަކީ ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. މީގެ ކުރިން 2014 އިން 2019 އަށް ވެސް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު ފުރުއްވާފައިވާ ޢަބްދުލްޢަޒީޒް ވަނީ، އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ފަދަ ސަރުކާރުގެ އިސް މަގާމުތައް ވެސް ފުރުއްވާފައެވެ.
މި މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އެމަނިކުފާނު ހުންނެވީ މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައެވެ.