އިންޓަރނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) އިންޖިނިއަރ އަދީބް ޔޫސުފް އަލް-އާމާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި އައިޓީއެފްސީއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
ރައީސް އޮފީހުން ހާމަކުރިގޮތުގައި މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލައްވާފައި ވަނީ ދެފަރާތުގެ ދެމެދުގައި އިޤްތިސާދީ ގޮތުން އޮތް އެއްބާރުލުން އިތުރަށް ހަރުދަނާކުރުމަށެވެ. އަދި ވިޔަފާރީގެ ދާއިރާ ފުޅާކުރުމާއި، އުމްރާނީ ތަރައްޤީގެ އެކި މަޝްރޫޢުތައް ކުރިއަށް ގެންދިއުމުގެ އިތުރުން، ރާއްޖޭގެ ޤައުމީ ތަރައްޤީގެ މުހިންމު ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ވެސް ދެބޭފުޅުން ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.
އައިޓީއެފްސީ އަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގްރޫޕުގެ ދަށުން، މެންބަރު ޤައުމުތަކުގެ މެދުގައި ވިޔަފާރިއާއި އިޤްތިސާދު ކުރިއެރުވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ މުހިންމު މުއައްސަސާއެކެވެ. ރާއްޖޭގެ ތަރައްޤީގެ އެކި ދާއިރާތަކަށް، ޚާއްޞަކޮށް ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާއަށް އެ ކޯޕަރޭޝަނުން ދަނީ މުހިންމު އެހީތެރިކަމެއް ފޯރުކޮށްދެމުންނެވެ.