MTCC

މިދިޔަ ޖުލައި މަހު ދައުލަތަށް 3.41 ބިލިޔަން ރުފިޔާގެ އާމްދަނީއެއް

mira

މިދިޔަ ޖުލައި މަހު ދައުލަތަށް 3.41 ބިލިޔަން ރުފިޔާގެ އާމްދަނީއެއް

SHARE

މިދިޔަ ޖުލައި 2026 ގައި ދައުލަތަށް އާމްދަނީގެ ގޮތުގައި 3.41 ބިލިޔަން ރުފިޔާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބަލައިގެންފި އެވެ.

މީރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ މާލީ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ ޖުލައިމަހު ލިބުނު އާމްދަނީ 3 ބިިއަނަށްވުރެ މައްޗަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު 0.2 އިންސައްތައިގެ ކުޑަ ކުރިއެރުމެކެވެ. ނަމަވެސް، މި އަދަދަކީ އެ މަހަށް މީރާއިން ލަފާކުރި މިންވަރަށް ވުރެ 3.6 އިންސައްތަ ދަށް އަދަދެކެވެ.

މީރާއިން ހާމަކޮށްފައިވާ ގޮތުގައި މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ބޭންކް އިންކަމް ޓެކްސް، ބިން ބަދަލުކުރުމާއި ގަތުމުގެ ފީ (ލޭންޑް އެކުއިޒިޝަން އެންޑް ކޮންވާޝަން ފީ)، ޖެނެރަލް ޖީއެސްޓީ (ޖީޖީއެސްޓީ) އަދި ޓޫރިޒަމް ބިމު ކުލީގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމެވެ.

ޖުލައިގައި މީރާއަށް ލިބުނު އާމްދަނީގެ އެންމެ ބޮޑު ހިއްސާއެއް އަދިވެސް އޮތީ އިންކަމް ޓެކްސް އަދި ޖީއެސްޓީގައެވެ. މި ދެ ބައި އެއްކޮށްލުމުން މުޅި އާމްދަނީގެ ގާތްގަނޑަކަށް 79 އިންސައްތަ ހިއްސާކުރެއެވެ.

އާމްދަނީ ލިބުނު މައިގަނޑު ދާއިރާތަކަށް ބަލާއިރު:

  • އިންކަމް ޓެކްސް: 1.66 ބިލިޔަން ރުފިޔާ (ޖުމްލަ އާމްދަނީގެ %48.6)
  • ޖީއެސްޓީ (ޖީޖީއެސްޓީ އަދި ޓީޖީއެސްޓީ): 1.05 ބިލިޔަން ރުފިޔާ (ޖުމްލަ އާމްދަނީގެ %30.4)
  • ގްރީން ޓެކްސް: 142 މިލިޔަން ރުފިޔާ (%4.2)
  • އެއާޕޯޓް ޑިވެލޮޕްމަންޓް ފީ: 136 މިލިޔަން ރުފިޔާ (%4.0)
  • ޑިޕާޗާ ޓެކްސް: 134 މިލިޔަން ރުފިޔާ (%3.9)
  • ލޭންޑް އެކުއިޒިޝަން އެންޑް ކޮންވާޝަން ފީ: 81 މިލިޔަން ރުފިޔާ (%2.4)

މީރާއަށް ޤަވާޢިދުން ދައްކަންޖެހޭ ފައިސާގެ ތެރެއިން މުއްދަތު ހަމަވެ ނުދައްކައި ހުރި ޓެކުހާއި އެހެނިހެން ފައިސާ ހޯދުމަށް ކުރި މަސައްކަތުން، ޖުލައި މަހުގެ ތެރޭގައި 449 މިލިޔަން ރުފިޔާ ވަނީ ހޯދާފައެވެ. މީގެ ތެރޭގައި ހިމެނެނީ:

  • ޓެކްސް ދައްކާ ފަރާތްތަކަށް ނޯޓިސް ފޮނުވައިގެން ހޯދި 248 މިލިޔަން ރުފިޔާ
  • ޑިއުސް ކްލިއަރެންސް މަރުހަލާގެ ތެރެއިން ލިބުނު 92 މިލިޔަން ރުފިޔާ
  • ބަހާލައިގެން ފައިސާ ދެއްކުމުގެ އެއްބަސްވުންތަކުން (އިންސްޓޯލްމަންޓް) ލިބުނު 78 މިލިޔަން ރުފިޔާ
  • ހަނދާންކޮށްދިނުމުގެ ފޯނު ކޯލްތައް ކޮށްގެން ހޯދި 30 މިލިޔަން ރުފިޔާ ވަނީ ހޯދާފައެވެ.

މީރާއިން ބުނި ގޮތުގައި ޖުލައި މަހުގެ ޖުމްލަ އާމްދަނީގެ 18.4 އިންސައްތައަކީ ސުންގަޑި ހަމަވި ފަހުން ލިބުނު ފައިސާއެވެ. އަދި އާމްދަނީގެ 11 އިންސައްތައަކީ ނުދައްކާ ހުރި ފައިސާ ހޯދުމަށް އަމާޒުކޮށްގެން ހިންގި ޚާއްސަ ހަރަކާތްތަކުން ލިބުނު ފައިސާއެވެ.

ޖުލައި މަހުގެ އާމްދަނީއަށް ބަލާއިރު، ސަރުކާރު ބަންދު ދުވަސްތަކަކާ ދިމާވުމުން ބައެއް ފަރާތްތަކުގެ އިންކަމް ޓެކްސް ދެއްކުން އޯގަސްޓް މަހަށް ފަސްވުމާއި، އަދި ބައެއް ބޭންކުތަކުން ކުރީބައިގައި ފައިސާ ދައްކާފައިވުމަކީ ޖުލައި މަހުގެ އާމްދަނީ ލަފާކުރި ވަރަށް ވުރެ ދަށްވި ސަބަބެކެވެ. މީގެއިތުރުން ޖުލައި މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ކުރީ އަހަރަށް ވުރެ 3.1 އިންސައްތަ ދަށްވުމަކީ ވެސް އާމްދަނީއަށް އަސަރުކުރި ކަމެކެވެ.

މިރާއިން މިދިޔަ މަހު ލިބުނު ޖުމްލަ އާމްދަނީގެ ތެރޭގައި 108.36 މިލިޔަން ޑޮލަރު ހިމެނެއެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 1.3 އިންސައްތަ އިތުރު އަދަދެކެވެ. މީރާގެ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ދައުލަތުގެ އާމްދަނީ މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ އިންކަމް ޓެކްސް، ޖީއެސްޓީ އަދި ފަތުރުވެރިކަމާ ގުޅުންހުރި އެކި ފީތަކުގެ މައްޗަށެވެ.