MTCC

މި އަހަރުގެ މިހާތަނަށް ފަތުރުވެރިކަމަށް 1000 އަށްވުރެ ގިނަ އެނދު އިތުރުކޮށްފި

e7be1ea29b82dc0b4634512a2971c860

މި އަހަރުގެ މިހާތަނަށް ފަތުރުވެރިކަމަށް 1000 އަށްވުރެ ގިނަ އެނދު އިތުރުކޮށްފި

SHARE

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ބޭނުންކުރާ އެނދުގެ އަދަދަށް ބޮޑު ކުރިއެރުމެއް އައިސް، މި އަހަރުގެ މިހާތަނަށް 1،000 އަށްވުރެ ގިނަ އައު އެނދު ޚިދުމަތަށް ނެރެފައިވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، މި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް ޖުމްލަ 68،544 އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. މިއީ ވޭތުވެދިޔަ އަހަރު ނިމުނުއިރު ރަޖިސްޓްރީވެފައިވާ 67،475 އެނދާ އަޅާބަލާއިރު 1،069 އެނދުގެ އިތުރުވުމެކެވެ.

މިހާރު ޚިދުމަތް ދެމުންދާ އެނދުތަކުގެ ތަފްސީލަށް ބަލާއިރު، އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ރިސޯޓުތަކެވެ. އެގޮތުން ރިސޯޓުތަކުން 45،891 އެނދު ޚިދުމަތަށް ނެރެފައިވާއިރު، މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓުހައުސްތަކުން 17،268 އެނދު ވަނީ އޮޕަރޭޝަނަށް ގެނެސްފައެވެ. މީގެއިތުރުން ސަފާރީ އުޅަނދުފަހަރުގައި 3،481 އެނދާއި ހޮޓާތަކުގައި 2،654 އެނދު ފަތުރުވެރިންނަށް ޚާއްސަކޮށްފައިވެއެވެ. މި އެނދުތައް ހިމެނެނީ 179 ރިސޯޓާއި، 956 ގެސްޓުހައުސް، 172 ސަފާރީ އަދި 16 ހޮޓާ ހިމެނޭހެން ޖުމްލަ 1،323 ފެސިލިޓީގައެވެ.

ފަތުރުވެރިން ޒިޔާރަތްކުރި އަދަދަށް ބަލާއިރު، މިމަހު 5 ގެ ނިޔަލަށް 1.4 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު، އޭގެތެރޭއިން އެންމެ ގިނަ ފަތުރުވެރިން ކަމަށްވާ 1 މިލިއަން މީހުން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އަދި ގެސްޓުހައުސްތަކުގައި 3 ލައްކަ ފަތުރުވެރިން، ހޮޓާތަކުގައި 33،513 ފަތުރުވެރިން، އަދި ސަފާރީތަކުގައި 26،550 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ފުޅާވެ، އެނދުގެ އަދަދު އިތުރުވަމުން އަންނައިރު، މިއީ ރާއްޖޭގެ އިޤްތިސާދަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރެވެއެވެ.