،ސަރުކާރުގެ ކެބިނެޓުގެ ހަތަރު މިނިސްޓަރެއްގެ ފަރާތްޕުޅުން ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމަށް ސިޔާސީ ގޮތުން ވަރުގަދަ މެސެޖުތަކެއް ރައްދުކުރައްވައިފިއެވެ.
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޖަގަހައިގައި ބޭއްވި ޚާއްސަ ޖަލްސާއެއްގައި މި މެސެޖުތައް ޔާމީނަށް ރައްދުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއެވެ.
ޕީއެންސީ ހަރުގޭގައި އެ ޕާޓީގެ މެންބަރުންނާ މުޚާޠަބުކުރައްވައި ޝުޖާއު ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ބާޒާރުގައި ތަކެތީގެ އަގުތައް ހަމައަކަށް އެޅުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅުވައި، ޔާމީނަށް ޚާއްސަ މެސެޖެއް ދެއްވުމަށް އެދިވަޑައިގެންފައެވެ. އެގޮތުން ތަދު ފިލުވުމަށް ބޭނުންކުރާ ތެޔޮ ފުޅިއެއްގެ އަގު މިހާރު 19.50 ރުފިޔާއަށް ހުރި ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި އެ އަގު 18 ރުފިޔާއަށް ތިރިވެގެންދާނެ ކަމަށް ވިދާޅުވި ކަމަށް ޝުޖާއު ހާމަކުރެއްވިއެވެ.
މީގެ އިތުރުން މަސްވެރިކަމުގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ޝުޖާއު ވިދާޅުވީ، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމްގެ މެސެޖުގައި، ވޭތުވެދިޔަ އެމްޑީޕީ ސަރުކާރުން މަސްވެރިންނަށް ނުދައްކައި ހުރި ހުރިހާ ފައިސާއެއް މި ސަރުކާރުން މިހާރު ޚަލާޞްކޮށްފައިވާ ކަމަށެވެ. އަދި މަސްވެރިން ބާނާ މަހަށް ކަނޑައެޅިފައިވާ 21 ރުފިޔާގެ މަގުން 48 ގަޑިއިރުގެ ތެރޭގައި ގަވާއިދުން ފައިސާ ދޫކުރަމުންދާ ކަމަށާއި، ސީވީޑް އެކްސްޕޯޓްކޮށްގެން ޤައުމަށް ބޭރު ފައިސާ ވަންނަން ފަށާފައިވާ ކަމަށްވެސް ޝިޔާމް ވިދާޅުވި ކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ.
"ޝިޔާމް ވިދާޅުވީ، ރައީސް ޔާމީނަށް ދަންނަވާށޭ، އެމްޑީޕީ ސަރުކަރު ނިމުނުއިރު ނުދައްކާ އޮތް ހުރިހާ ފައިސާއެއް ރައީސް މުއިއްޒު ދައްކައިފިޔޭ، އަދި ވިދާޅުވީ، މިހާރު ސީވީޑް އެކްސްޕޯޓް ކުރަމޭ. ޑޮލަރުންނޭ އާމްދަނީ. ދެން ވިދާޅުވީ، ގަނެވޭ ވަރަށޭ، މަސް ގަންނަން ރައީސް މުއިއްޒު ފެއްޓެވީ،". ޝުޖާއު ވިދާޅުވިއެވެ.
ހޯމްލޭންޑް މިނިސްޓަރު އަލީ އިޙްސާންގެ މެސެޖު ހިއްސާކުރައްވަމުން ޝުޖާއު ވިދާޅުވީ، މަރުގެ އަދަބު ތަންފީޒުކުރުމަށް މި ސަރުކާރުން ތައްޔާރުވަމުންދާ ކަމަށެވެ. މީގެ އިތުރުން މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށްޓަކައި ވޭތުވެދިޔަ ވެރިކަންތަކުގައި މައި ޕޯޓުގައި ނުބެހެއްޓިފައި ހުރި ސްކޭނަރުތައް، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމުގެ ކުރީކޮޅު ކާމިޔާބުކަމާއެކު ބަހައްޓައި ނިންމާފައިވާކަން ވަޒީރު ފާހަގަކުރެއްވި ކަމަށް ޝުޖާއު ވިދާޅުވިއެވެ.
ދަތުރުފަތުރާއި ވައިގެ ޚިދުމަތްތަކާ ގުޅޭގޮތުން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދެއްވި މެސެޖު ހިއްސާކުރައްވަމުން ޝުޖާއު ވިދާޅުވީ، ޤައުމީ އެއާލައިނަށް ވައިޑް-ބޮޑީ މަތިންދާބޯޓު ގެނައުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ޕެސިފިކް ސަރަޙައްދަށް ދަތުރުތައް ފެށި، ސަރުކާރުގެ އަމާޒާ އެއްގޮތަށް ފަތުރުވެރިން ރާއްޖެ ގެނައުމުގެ ލަނޑުދަނޑި ހާސިލުވަމުންދާކަން ޔާމީނަށް ދަންނަވައިދިނުމަށް އަމީން އެދިވަޑައިގެންނެވި ކަމަށެވެ.
"ބްރިޖަށް އަރަނިކޮށް އަމީން ގުޅުއްވައިފި. ގުޅުއްވާފައި ވިދާޅުވީ، އެބައޮތޭ ރައީސް ޔާމީނަށް ދެއްވަން ވީ މެސެޖެއް، ވައިޑް ބޮޑީ އެބަ ގެންނަމޭ، ޓާގެޓަށް އިރާދަކުރެއްވިއްޔާ ޓޫރިޒަމް އެރައިވަލް ރީޗް ވާނެއޭ، ދަންނަވައްޗޭ، ޕެސިފިކަށް ދަތުރު ކުރަން ފަށައިފީމޭ. ނުވެ އޮތް ކަމެއްވީމަ ހަމަ އެވާހަކަ ބުނެލީ،". އަމީން ވިދާޅުވިއެވެ.
.ޝުޖާއު އިތުރަށް ވިދާޅުވީ، ޕީއެންސީގެ ސިޔާސީ މަސައްކަތް ބިނާވެފައިވަނީ ވަކި ޝަޚުޞިއްޔަތެއްގެ މޫނަށް ބަލައިގެން ނޫން ކަމަށާއި، ރައްޔިތުންނަށް އިޚްލާޞްތެރި ޚިދުމަތެއް ކޮށްދިނުމުގެ މަތިވެރި އުސޫލުގެ މައްޗަށް ކަމަށެވެ. އަދި ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން އަބަދުވެސް އިސްކުރާނީ ޤައުމާއި ރައްޔިތުންގެ މަޞްލަޙަތު ކަމަށާއި، އެ ޕާޓީ ކުރިއަރައި ދަނީ ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ކަންކަން ތަރުތީބުކުރާތީ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.