MTCC

ރައްޔިތުންނަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ވަށާޖެހޭ ހައްލެއް ހޯދައިދޭނަން: ރައީސް

large_thumb_1788457908234

ރައްޔިތުންނަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ވަށާޖެހޭ ހައްލެއް ހޯދައިދޭނަން: ރައީސް

SHARE

ރައްޔިތުންނަށް ދިމާވެފައިވާ އެކިއެކި ދަތިތަކާއި ވަށާޖެހޭ ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައި، އެމީހުންގެ ކަންބޮޑުވުންތައް އައްސަވައި ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށްގެންދިޔަ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ ހަތަރުވަނަ އެޑިޝަންގައި ބައިވެރިވި ގިނަ ރައްޔިތުން ވަނީ ބޯހިޔާވަހިކަމުގެ ދަތިކަމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ރައީސްގެ ސަމާލުކަމަށް ގެންނަވާފައެވެ. އޭގެ ތެރޭގައި ހިޔާ ފްލެޓް ލިބުނުކަމުގެ ލިޔުން ލިބިފައިވަނިކޮށް، ފިރިމީހާ ނިޔާވުމާ ގުޅިގެން ފްލެޓް ނުލިބި ދިޔަ މައްސަލަތަކާއި، ޒަމާންތަކެއް ވަންދެން މާލޭގައި ދިރިއުޅެމުންދާއިރުވެސް އެކި ސަބަބުތަކާހުރެ ބޯހިޔާވަހިކަމުގެ އެކި މަޝްރޫއުތަކަށް ޝަރުތު ހަމަނުވާ މައްސަލަތައް ހިމެނެއެވެ.

މި ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ރައްޔިތުން ފާހަގަކުރި ކަންކަން ވަކިވަކިން ބައްލަވާނެ ކަމަށާއި، ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ރަނގަޅު ހައްލެއް ހޯދުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި ގޯއްޗާއި ފްލެޓުގެ ގިނަ މަޝްރޫއުތަކަކުން އުންމީދީ ނަތީޖާއެއް ފެނިގެންދާނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ގޯތި ވިޔަސް ފްލެޓް ވިޔަސް، ކުރިއަށް އޮތް ދެ އަހަރާއި ބައިގެ ތެރޭގައި އެތައް ޕްރޮޖެކްޓަކުން ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށް އުންމީދު ކުރަން،" ރައީސް ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ އިތުރުން، ވަޒީފާގެ ފުރުސަތުތަކާއި، ކުދި ވިޔަފާރިތަކަށް ހުރި ކުރިއެރުންތަކާއި އަދި އީ-ސްޕޯޓްސް ކުރިއެރުވުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރައްޔިތުން ފާހަގަކުރި ކޮންމެ ކަމަކަށް ވެސް އެކަށީގެންވާ ހައްލެއް ހޯއްދަވައިދެއްވައި، ގައުމުގެ އެކި ދާއިރާތަކުން ރައްޔިތުން އެދޭފަދަ ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާފައެވެ.

ސިއްހީ ދާއިރާ ހަރުދަނާކުރުމާ ގުޅޭގޮތުންވެސް ރައްޔިތުން ވަނީ ހިޔާލުފާޅުކޮށްފައެވެ. ހާއްސަކޮށް މާލެ ސަރަހައްދުގެ ބޮޑު އާބާދީއާ އެކަށޭނަ ސިއްހީ ހިދުމަތްތައް ގާއިމުކުރުމާއި އާސަންދައިގެ ނިޒާމަށް އިސްލާހީ ބަދަލުތަކެއް ގެނައުމުގެ މުހިންމުކަން ރައްޔިތުން ފާހަގަކުރިއެވެ.

"މިހެން ގޮސް އެކި ރަށްރަށުގައި މުހިންމު ގިނަ ބަލިތަކަށް ބޭސްކުރެވޭ ގޮތް ހަދައިދިނުމާއި މިހެން ގޮސް ބައިވަރު ކަންކަން އެބަކުރެވޭ. މީގެ އެންމެ މުހިންމު ބޭނުމަކީ ބޭރަށް ނުގޮސް ރާއްޖޭން އެ ޚިދުމަތް ހޯދަދިނުން،" ރައީސް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ސިއްހީ ދާއިރާއަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ދާއިރާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެންވަރު ރަނގަޅު ސިއްހީ ހިދުމަތްތަކެއް ނެތުމަކީ އާސަންދައަށް ކުރަންޖެހޭ ހޭދަ ބޮޑުވާ މައިގަނޑު ސަބަބުކަން ފާހަގަކުރައްވައި، ރާއްޖޭން ބޭރަށް ނުގޮސް ރާއްޖޭގެ އެކި ސަރަހައްދުތަކުން މުހިންމު ބަލިތަކަށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއި، ޖީޕީ ކްލިނިކްތައް ތައާރަފްކޮށް، ދާއިރާއަށް ބޭނުންވާ މުވައްޒަފުން އިތުރުކުރުމުގެ މަސައްކަތްތައް ކުރެވެމުންދާ ކަމަށް ވިދާޅުވިއެވެ.