MTCC

މިއަހަރު އިތުރު މުވައްޒަފުން ނަގާނީ ސިއްހީ ދާއިރާއަށް އެކަނި: ރައީސް

447955-3-62ddf9b117b5145eae762df37a42861812f7558f

މިއަހަރު އިތުރު މުވައްޒަފުން ނަގާނީ ސިއްހީ ދާއިރާއަށް އެކަނި: ރައީސް

SHARE

މި އަހަރުގެ ތެރޭގައި ސަރުކާރުގެ ވަޒީފާތަކަށް އަލަށް މުވައްޒަފުން އިތުރުކުރުމަށް ނިންމާފައިވަނީ ހަމައެކަނި ސިއްހީ ދާއިރާއަށް ކަމަށާއި، މިގޮތުން ގާތްގަނޑަކަށް 2،000 އެއްހާ މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އާންމު ރައްޔިތުންނާ ބައްދަލުކުރައްވައި އެމީހުންގެ ހުރި ކަންބޮޑުވުންތަކާއި ޚިޔާލުތައް ސީދާ އަޑުއެއްސެވުމަށްޓަކައި ސަރުކާރުން ސިލްސިލާކޮށް ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގެ ހަތަރު ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުވުމުގައި ހުޅުމާލެ ހޮސްޕިޓަލުގެ މެޑިކަލް އޮފިސަރަކު ވަނީ އެ ހޮސްޕިޓަލަށް ދިމާވެފައިވާ ދަތިތައް ރައީސްއާ ހިއްސާކުރައްވާފައެވެ. އެގޮތުން ހުޅުމާލޭގެ އާބާދީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާއިރު، ހޮސްޕިޓަލުގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދު މަދުކަމާއި، މިދިޔަ އަހަރުގެ ފަހުކޮޅު މަތީ ތައުލީމު ހާސިލުކުރުމަށް ގިނަ އަދަދެއްގެ މެޑިކަލް އޮފިސަރުން ވަކިވުމުގެ ސަބަބުން ޚިދުމަތް ދިނުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން އެ ޑޮކްޓަރު ފާހަގަކުރެއްވިއެވެ.

އެ ކަންބޮޑުވުންތަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ސިއްހީ ޚިދުމަތްތައް ހަރުދަނާކޮށް މުވައްޒަފުންގެ ދަތިކަން ހައްލުކުރުމަށްޓަކައި، މި އަހަރު ސަރުކާރުގެ ވަޒީފާތަކަށް މީހުން އިތުރުކުރާއިރު އިސްކަންދެވޭނީ ހަމައެކަނި މި ދާއިރާއަށް ކަމަށާއި މި ބަދަލު ގެނައުމަށްޓަކައި ގާތްގަނޑަކަށް 2،000 މުވައްޒަފުން އެކި ބެޗްތަކަށް ބަހާލައިގެން ނެގުމަށް ތައްޔާރުވަމުންދާ ކަމަށާއި، މިހާރުވެސް އިތުރު މެޑިކަލް އޮފިސަރުން ހޯދުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

"ހެލްތު ސެކްޓާއަށް އެކަނި މިފަހަރު އަޅުގަނޑުމެން ސްޓާފުން އިތުރުކުރަން އިންނާނީ ނިންމާފަ. ދެން ގާތްގަނޑަކަށް 2،000 އެއްހާ ސްޓާފުން މުޅި ރާއްޖެއަށް، އޭގެތެރެއިންވެސް ބެޗުބެޗަށް މިދަނީ." ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ހުޅުމާލޭގެ ސިއްހީ ނިޒާމު އިތުރަށް ފުޅާކުރުމުގެ ގޮތުން ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އާންމު ބަލިތަކަށް ފަސޭހައިން ފަރުވާ ލިބޭނެ ގޮތް ހަމަޖެއްސުމަށްޓަކައި ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހީގައި ޖީޕީ (ޖެނެރަލް ޕްރެކްޓިސް) ކްލިނިކްތަކެއް އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްގެން މިހާރު ކުރިއަށްދާ ކަމަށެވެ. އަދި އެ ދެ ކްލިނިކްގެ މަސައްކަތް ނިމުމުން އެ ތަންތަނަށްވެސް ބޭނުންވާ މުވައްޒަފުން އިތުރުކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.