MTCC

ދެ ރަށެއްގައި ތަރައްގީގެ މަޝްރޫއުތަކެއް ހިންގަން އެމްޓީސީސީއަށް

screenshot-2026-09-03-143843-876x519

ދެ ރަށެއްގައި ތަރައްގީގެ މަޝްރޫއުތަކެއް ހިންގަން އެމްޓީސީސީއަށް

SHARE

ހއ. މާރަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއާއި ރ. އިންނަމާދޫ ފަތާ ސަރަހައްދު ހެދުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުން އޮތީ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމެންޓްގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާޢިލް ޙަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ.

ހއ. މާރަންދޫ

މާރަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢަކީ 94.99 މިލިއަން ރުފިޔާއަށް، 360 ދުވަހުގެ ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ޙަވާލުކުރެވުނު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން 82,300 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި، 939 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 190 މީޓަރުގެ ގްރޮއިން ޖެހުމުގެ އިތުރުން 312 މީޓަރުގެ ލޯ ކްރެސްޓް ބޭރުތޮށި ލުން ހިމެނެއެވެ.

1,137 މީހުންގެ އާބާދީއެއް އޮންނަ، މަސްވެރިކަމާއި ދަނޑުވެރިކަން ކުރާ މާރަންދޫއަކީ ރަށްގިރުމުގެ މައްސަލަ ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެކެވެ. އެމްޓީސީސީން ހާމަކުރި ގޮތުގައި މި މަޝްރޫއު ނިމުމުން، ރަށްގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ބޮޑު ތަސައްލީއެއް ލިބިގެންދާނެއެވެ. އަދި ރަށުގެ ރައްޔިތުންނަށް ހިތްގައިމު ރީތި ގޮނޑުދޮށެއް ވެސް ލިބިގެންދާނެއެވެ.

ރ. އިންނަމާދޫ

އިންނަމާދޫ ފަތާ ސަރަހައްދު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 23.21 މިލިއަން ރުފިޔާއަށް 180 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން 4,100 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 200 މީޓަރުގެ ބޭރުތޮށި ލުމުގެ އިތުރުން 100 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުން ހިމެނެއެވެ.

970 މީހުންގެ އާބާދީއެއް ދިރިއުޅޭ، ވަޑާމާއި އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތަށް މަޝްހޫރު އިންނަމާދޫއަކީ މޫދު ކަސްރަތާއި ފަތާ ސަރަހައްދެއްގެ ބޭނުންތެރިކަން ބޮޑުވެފައިވާ ރަށެކެވެ. އެމްޓީސީސީން ފާހަގަކުރި ގޮތުގައި މި މަޝްރޫޢު ނިމުމުން، އިންނަމާދޫގެ ރައްޔިތުންނަށް މޫދަށް އެރި ފެތުމަށާއި، މޫދު ކަސްރަތު ކުރުމަށާއި މުނިފޫހިފިލުވުމަށް ޚާއްޞަ ސަރަހައްދެއް ލިބިގެންދާނެއެވެ. މިއީ ރަށުގެ ކުދިބޮޑު އެންމެހައި ރައްޔިތުންނަށް އިޖުތިމާޢީ ގޮތުން ބޮޑެތި ފައިދާތަކެއް ކުރާނެ މަޝްރޫޢެއް ކަމަށް އެ ކުންފުނިން ދެކެއެވެ.