ހަތަރު ރަށެއްގައި ތަރައްގީގެ މަޝްރޫއުތައް ހިންގަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
އެ އެއްބަސްވުންތަކުގެ ދަށުން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ހއ. ކެލާ އާއި ދ. ބަނޑިދޫ ބަނދަރު ތަރައްޤީ ކުރުމުގެ އިތުރުން، ބ. ކިހާދޫ އަދި ހއ. މުރައިދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތެވެ.
ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަސައްކަތްތަކުގެ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިސްމާއީލް ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ.
ހއ. ކެލާ
ކެލާ ބަނދަރު އަޕްގްރޭޑް ކުރުމާއި ބިން ހިއްކުމުގެ މަޝްރޫޢު:މި މަޝްރޫޢަކީ 222.41 މިލިއަން ރުފިޔާއަށް 600 ދުވަސްތެރޭ ނިންމުމަށް އެމްޓީސީސީއާ ޙަވާލުކުރެވުނު މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން:
- 82,400 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ފަޅު ފުންކުރުން
- 1,592 މީޓަރުގެ ބޭރުތޮށި ލުމާއި، 266 މީޓަރުގެ އެއްގަމު ތޮށި ލުން
- 692 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް އަދި 1,096 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖެހުން
- 132 މީޓަރުގެ ގްރޮއިން ޖެހުން
- 180 މީޓަރު ދިގު، 2 މީޓަރު ފުޅާ ކޮންކްރިޓް ޖެޓީއެއް ހެދުން
- 1,235 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.
2,476 މީހުންގެ އާބާދީއެއް އޮންނަ، ދަނޑުވެރިކަމާއި ލޯކަލް ޓޫރިޒަމް ފުޅާވަމުން އަންނަ ކެލާގެ ނެރުގެ ޖާގަ ކުޑަވުމުގެ ސަބަބުން ބޮޑެތި ބޯޓުފަހަރަށް ވަދެނިކުމެ އުޅުމަށް ދިމާވެފައިވާ ދަތިތަކަށް މި މަޝްރޫޢުގެ ސަބަބުން ދާއިމީ ޙައްލެއް ލިބިގެންދާނެއެވެ. އަދި މަސްވެރިކަމުގެ ވަސީލަތްތައް ޤާއިމުކުރުމަށް ހިއްކޭ ބިމާއެކު ރަށުގެ އިޤްތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ދ. ބަނޑިދޫ
ބަނޑިދޫ ބަނދަރުގެ މެއިންޓަނަންސް ޑްރެޖިންގ އަދި ޖެޓީ ހެދުމުގެ މަޝްރޫއުގައި ޖުމްލަ 15.56 މިލިއަން ރުފިޔާއަށް 210 ދުވަސް ތެރޭގައި ނިންމުމަށް ޙަވާލުކުރެވުނު މި މަޝްރޫޢުގެ ދަށުން، 30,838 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 170 މީޓަރު ދިގު އަދި 2 މީޓަރު ފުޅާ ޖެޓީއެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

1,050 މީހުންގެ އާބާދީއެއް އޮންނަ ބަނޑިދޫއަކީ މަސްވެރިކަމާއި، ފައިބަރުގެ މަސައްކަތް އަދި އޮޑިދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރިއަރަމުން އަންނަ ރަށެކެވެ. މި މަޝްރޫޢުގެ ސަބަބުން ބަނދަރު ތިލަވުމުގެ މައްސަލަ ޙައްލުވެ، ލޯންޗުފަހަރާއި ޑިންގީތަކަށް ފަސޭހަކަމާއެކު ކައިރިކޮށް އަރާފޭބުމުގެ މަގު ފަހިވެގެންދާނެއެވެ.
ބ. ކިހާދޫ
މި މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 60.42 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމުމަށެވެ. މަޝްރޫޢުގެ ދަށުން 17,300 ކިއުބިކް މީޓަރުގެ ވެލި ނެގުމާއި، 380 މީޓަރުގެ ބޭރުތޮށި ލުމުގެ އިތުރުން 240 މީޓަރުގެ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.
600 މީހުންގެ އާބާދީއެއް އޮންނަ، ފަންވިނުމާއި ފަތުރުވެރިކަމުގެ ދާއިރާގައި ގިނަ ރައްޔިތުންތަކެއް ޙަރަކާތްތެރިވާ ކިހާދޫއަށް ދިމާވެފައިވާ ރަށްގިރުމުގެ ބޮޑު މައްސަލައަށް މި މަޝްރޫޢާއެކު ދާއިމީ ޙައްލެއް ލިބި، ރައްކާތެރި ރީތި ގޮނޑުދޮށެއް ލިބިގެންދާނެއެވެ.
ހއ. މުރައިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު:މި މަޝްރޫޢަކީ 13.35 މިލިއަން ރުފިޔާއަށް 150 ދުވަސް ތެރޭގައި ނިންމުމަށް އެމްޓީސީސީއާ ޙަވާލުކުރެވުނު މަޝްރޫޢެކެވެ. މި މަސައްކަތުގެ ދަށުން 2,800 ކިއުބިކް މީޓަރުގެ ވެލި ނެގުމާއި، 139 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ އިތުރުން 56 މީޓަރުގެ ގްރޮއިން ޖެހުމަށް ވަނީ ހަމަޖެހިފައެވެ.
940 މީހުންގެ އާބާދީއެއް އޮންނަ، ދަނޑުވެރިކަމާއި ފަރުމަސްވެރިކަން ކުރަމުން އަންނަ މުރައިދޫއަކީ ގާމަތީ ރަށަކަށްވާއިރު، އެ ރަށަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައަށް މި މަޝްރޫޢު ނިމުމުން އެދެވޭ ޙައްލެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ.